ads
ޖުޑިޝަރީ ކޮމެޓީ ބައްދަލުވުން---
"ކޮމިޓީން ނަފްރަތުގެ ބިލަށް ގެނައި އިސްލާހްތަކުގެ ސަބަބުން މައްސަލަ އިތުރަށް ވާނީ ގޯސް"
އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ގެނައި އިސްލާހުތަކުގެ ސަބަބުން ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށްވުމުގެ ބަދަލުގައި އެބިލުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް ގަބޫލުކުރެވޭކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ޤާނޫނުލް އުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފަވާ ބިލަށް ތާއިދު ނުކުރާކަން ހާމަކޮށް އެކަމުގެ ސަބަބު ބަޔާންކޮށް މަޖިލީހުގެ 10 މެމްބަރަކު ސޮއިކުރައްވާ މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެމަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތު) އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެ މެމްބަރުން ހިމެނޭހެން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ބިލެއް ކަމަށެވެ.
ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަންޖެހޭ އަމަލުތަކެއް ކަން ގަބޫލުކުކުރެވޭ ކަމަށާއި، ނަފުރަތުގެ އަމަލުތަކުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް ލިބިފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެއްކަމަށްވީހިނދު، މި މައްސަލައަކީ ހައްލެއް ހޯދަންޖެހޭ މައްސަލައް ނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލުކަމަކަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަޤްސަދު ހާސިލްވާނެ ބިލެއްކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނެސްފައިވާ އިސްލާހްތަކަށް ބަލާއިރު، މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ޙައްލަކަށްވުމުގެ ބަދަލުގައި މިބިލުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ. އޭގެ އިތުރުން، މި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތްކަމަށްވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީން މިދިޔަ ޖޫން މަހުގެ 30 ވީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، އާއްމުންގެ ފަރާތުން ލިބުނު ހިޔާލުތަކާއި، އެޗްއާރުސީއެމް އާއި، އިސްލާމިކް މިނިސްޓްރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފައަށްވެސް ބެލުމަށް ފަހު ބިލަށް ރައްޔޮތުންގެ އެންމެ ކަންބޮޑުވުން ހުރި މާއްދާތަކަށް ބަދަލުގެނެސް ދެ އިސްލާހެއް ބިލަށް ގެނެސްފައެވެ. 

އެގޮތުން "އާންމު ތަނެއްގައި އިސްލާމްދީނާ ހިލާފަށް އުޅޭ ކަމަށް ނުވަތަ އެމީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް މީހަކާ ދިމާލަށް އެއްވެސް ހާލަތެއްގައި ބުނުމަކީ ޖިނާއީ ކުށެއް" އިސްތިސްނާ ހާލަތެއް ހިމަނާ އަކުރެއް އިތުރުކޮށްފައިވެއެވެ. އަދި އެ ބިލަށް ގެނައި ދެވަނަ އިސްލާހަކީ، އަގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހަށް ބަދަލުގެނެސް، ތަފްސީލްކޮށް ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރުމެވެ. 

އެއިސްލާހުތަކަށް ތާއީދު ނުކުރާކަން ހާމަކޮށް އެ ދިހަ މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނީ، އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ މިފަދަ ބިލުތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިންނާ އަދި ކަމާގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ލަފައާއެކު ޑްރާފްޓް ކުރެވި، ފާސްކުރަންޖެހޭ ބިލުތަކެއް ނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލެވުނުއިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން މި ބިލުގެ މަސައްކަތް ކުރެވުނުއިރު، ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައި ނުވާކަމަށެެވެ. އަދި މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން ކުރަމުންދިޔައިރު، މިބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްފަދަ އިދާރާތަކުން ހުށަހަޅާފައިވާ ގިނަ އިސްލާހްތަކަށް ރިއާޔަތްނުކޮށް ކޮމިޓީން މިބިލް ފާސްކޮށްފައިވާތީވެސް ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. 

"އެހެންކަމުން، ނަފްރަތުގެ އަމަލުތައް ހުއްޓުވައި، މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހުކުރުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ.


އެ ބަޔާނުގައި އިތުރަށް ބުނީ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށާއި، ދިވެހި ގައުމަށް އިޙްލާސްތެރިވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުންމަތީ ދެމި ތިބުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަމަށްވީހިނދު، މިހާރު ހުށަހަޅާފައިވާ ގޮތަށް މިބިލު ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި، ދިވެހި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތްކަމެއްކަމަށް ގަބޫލުކުރެވޭތީ، މިހާރު ހުށަހަޅާފައިވާ ގޮތަށް އެ ބިލު ފާސްކުރުމަށް ތާއީދު ނުކުރާ ކަމަށެވެެ. 

ބިލަށް ގެނައި އިސްލާހްތަކަށް ތާއީދުނެތްކަމަށް ސޮއިކުރި މެމްބަރުން:

  1. ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  2. ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  3. ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން 
  4. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން 
  5. ވިލިމާލެ ދާއިރާ އަޙްމަދު އުޝާމް
  6. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
  7. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު
  8. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  9. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަބްދުﷲ
  10. ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް