ads
ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މީހުން އެއްވެއުޅެނީ
ވެކްސިން ޖަހައިގެން ރަށަށް ނުދެވުނަސް ވެކްސިން ފުރިހަމަކުރާ މީހުން މަދުނުވޭ
މިދިޔަ ހޯމަ ދުވަހު 4000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ، 199،784 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން މިމަހުގެ ފަހެއް ވީ ހޯމަ ދުވަހު މުޅި ރާއްޖެއިން 4،982 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 4،174 މީހަކާއި އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކުރި 808މީހެކެވެ. 

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ގޮތަށް ބަލާއިރު، މުޅި ރާއްޖެއިން 151 މީހަކު އަލަށް ވަނީ ވެކްސިން ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 33 މީހަކާއި އަތޮޅުތަކުން އަލަށް ވެކްސިން ޖެހި 118 މީހެކެވެ. 

މިއާއެކު މުޅި ޖުމްލަ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ، 317،549އަށް އަރާފައެވެ. ހޯމަ ދުވަހު ވެކްސިން ޖެހިމީހުންގެ އަދަދު މާލޭ ސަަރަހައްދުން 4000އަށްވުރެ މައްޗަށް އަރައިގެންދިޔައިރު، މީގެ ކުރިން ވެކްސިން ފުރިހަމަ ކުރާ މީހުންގެ އަދަދު އުޅުނީ 300 އާއި 200އާއި ދެމެދުއެެވެ. 

މިއަދަދުތަކަކަށް ބަލާއިިރު ފާހަގަކުރެވެނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މާލޭ ސަރަހައްދުން ވެކްސިން ފުރިހަމަކުރާ މީހުންގެ މިންވަރު މިފަހުން މަތިވެފައިވާ މިންވަރެވެ. ކޮވިޝީލްޑް ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ޖަހަން އަލުން ފަށާފައިވަނީ މިމަހުގެ ހަތަރެއްވީ އާދިއްތަ ދުވަހުއެވެ. ވެކްސިން ފުރިހަމަ ކުރާ މީހުންގެ މިންވަރު މަތިވެފައިވަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއިއެކު އެވެ. 

ރާއްޖޭގައި ކޮވިޝީލްޑް ޖެހުން މެދުކެނޑިފައި ވަނިކޮށް، ހެޔޮއެދޭ ފަރާތަކުން ދިން ވެކްސިނުން ދެ ވަނަ ޑޯޒު ޖަހަން ފެށީ އެޕޮއިންޓްމެންޓް އުސޫލުންނާއި ކިއުބީ މެދުވެރިކޮށް ޓޯކެން ދޫކޮށްގެންނެވެ. ނަމަވެސް އިއްޔެ ވެސް ވެކްސިންގެ ކިޔުތަކުގައި ތޮއްޖެހި ތަރުތީބު އޮޅި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކިއޫތައް ދިގުވާ މައިގަނޑު ސަބަބަކީ އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ދެ ގަޑިއިރު ނުވަތަ ތިންގަޑިއިރު ކުރިން ކިއޫއަށް އަރާތީ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ވެލްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިއިރު ގިނަ ބަޔަކު ދެވަނަ ޑޯޒް ޖަހަން ފެށީ ވެކްސިން ފުރިހަމަ ކުރުމުން ކަރަންޓީންއަކާއި ނުލާ ދަތުރުކުރެވޭނެކަމަށް  ހެލްތު މިނިސްޓްރީން އާއްމުކުރުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން މެއި މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ހަރުކަށި ކާފިއުއެއް އިއުލާންކޮށް އުސޫލުތަކަށް ބަދަލު ގެނައުމުން އެކަމަށްވެސް ހުއްޓުން އައެެވެ. ހާލަތު ރަނގަޅުވުމުން ވެކްސިން ޖަހައިގެން ތިބި މީހުންނަށް އެ ފުރުސަތު އަލުން ލިބޭނެކަމަށް ހީކުރެވުނު ނަމަވެސް މެއި މަހުަގައި އެޅި ހަރުކަށި ފިޔަަވަޅުތައް ދޫކޮށްލިކަން އިއުލާންކުރިއިރު ވެކްސިން ފުރިހަމަ ކުރި މީހުންގެ ބަދަލުގައި ފުރުސަތު ލިބުނީ ކޮވިޑް ޖެހި، ބަލިން ރަނގަޅުވި މީހުންނަށެވެ. 

ބަލި ޖެހި، ރަނގަޅުވެފައިވާ މީހުން 60 ދުވަސް ތެރޭގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ސާމްޕަލް ނެގި ތާރީހުން ފެށިގެން ބަލިން ރަނގަޅުވެފައިވާ، 60 ދުވަސް ހަމަނުވާ، ބަލީގެ އެއްވެސް އަލާމާތެއް ނެތް، މީހުން ސާމްޕަލް ނަގާ ޓެސްޓުކުރުމުންނާއި، ކަރަންޓީން ކުރުމާއި، އައިސޮލޭޓް ކުރުމުންވެސް އިސްތިސްނާވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އުސޫލުގެ ތެރެއިން ކަރަންޓީނުކުރުމާއި ސާމްޕަލް ނެގުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާ  ވެގެންދިޔައިރު ވެކްސިން ފުރިހަމަ ކުރި މީހުންނަށް އެ ފުރުސަތު ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. 

ވަރަށް ގިނަ ގައުމުތަކުގައި ދެ ޑޯޒް ޖެހި މީހުންނަށް ލުއިތައް ދެމުން އަންނައިރު ޖޫން 29 ވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ވެކްސިން ޖެހި މީހުންނަށް ލުއިދޭން ބޭނުންވާ މިންވަރަށް ރާއްޖޭގައި ވެކްސިން ފުރިހަމަކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުއިދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި އެސްޓްރެޒެނެކާގެ ވެކްސިން ލިބުމުން މިކަމަށް ހައްލެއް ލިބި، ލުއިދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅުނުވި ނަމަވެސް މިނިސްޓަރު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ މެދުގައި އެކަށީގެންވާ މިންވަރަކަށް ވެކްސިން ލިބޭނެ ކަމަށެވެ.

ވެކްސން ފުރިހަމަ ކޮށްގެން ދަތުރުކުރެވޭނެ ކަމުގެ އުންމީދުގައި ތިބި ފަރާތްތަކަށް އެ ފުރުސަތު ނުލިބުމުން ވެކްސިން ނުޖަހާނެކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ހުޅުވާލުމާއިއެކު ވެކްސިނޭޝަން ސެންޓަރުތަކުގައި ކިޔުތައް ދިގެވެ. ތޮއްޖެހުން ބޮޑެވެ. ވެކްސިން ފުރިހަމަ ކުރާ މީހުން ގިނައެވެ. މަދެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް