ads
ފޮރިން މިނިސްޓްރީ އިމާރާތް..
ފޮރިން މިނިސްޓްރީގެ މަސައްކަތް ކުރީގެ އިމާރާތަށް ބަދަލުކޮށްފި
މަރާމާތަށް ފަހު، ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެ މިނިސްޓްރީގެ އިމާރާތައް ބަދަލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ ބައެއް ތަންތަން ހަލާކުވާން ފެށުމުން، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ އޮގަސްޓް 2019 ގައެވެ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން މަރާމާތު ފެށުމަށްފަހު، ފޮރިން މިނިސްޓްރީ ހިންގަމުން އައީ ހުޅުމާލޭ ފެރީ ޓާމިނަލް އާ ޖެހިގެން ހުރި އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ނިމިފައިވާތީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިން އިން އެ މިނިސްޓްރީގެ އިމާރާތަށް ބަދަލުވެފައިވާކަމަށެވެ.

މަސައްކަތްތައް ބަދަލުކުރާ ދުވަސްތަކުގައި އެ މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގައި ދިމާވެދާނެ ދަތިތަކަށް އެ މިނިސްޓްރީން ވަނީ މާފަށް އެދިފައެވެ.

މަރާމާތަށް ފަހު ފޮރިން މިނިސްޓްރީ އިމާރާތަށް ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަމުން ނަން ދީފައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަދި މިހާތަނަށް އެންމެ ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ފަތުހުﷲ ޖަމީލް އެވުޒާރާގެ މިނިސްޓަރުކަން ކުރައްވާފައިވަނީ 1978 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެމަނިކުފާނު ވަނީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް