ads
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ--ފޮޓޯ:ހުރިހާ
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން: ޕީޕީއެމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށް، ނިމިފައި ހުރި މައްސަލަތަކުގެ ޝަރީއަތް އަލުން ފަށައިފައިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާމި ދަނޑިވަޅުގައި ރައްޔިތުންގެ ފޯކަސް އަނބުރާލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން މި މަހުގެ 9 ވަނަ ދުވަހާއި 11 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގާ، އެންމެހާ ބަޔާން ތަކުގައި ސޮއިކޮށް، ތަހުގީގު މުޅިން ނިމިފައިވާ މައްސަލަ އަކަށް ކަމަށާ އެކަމާ ގުޅިގެން އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އަދި މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީން ގެ ފަރާތުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި ތަހުގީގު ނިމިފައިވާ މައްސަލައެއް، މަޖުބޫރުން އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށާއިމިފަދައިން ތަހުގީގު ނިމި ބަޔާން ތައް ނަގާ، ބަޔާންތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ތަހުގީގުތައް ތަކުރާރު ކުރާނަމަ، އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަހުގީގު ނިމޭނެ ދުވަހެއް އަންނާކަމަށް ނުބެލެވޭކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ. 

"ރައީސް ޔާމީން ގެ މައްސަލައިގެ ތަޙުޤީޤެއް އަލުން ފަށާފައި މިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައެވެ." ޕްރޮގްރެސިވް ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދާ، އެމަނިކުފާނަށް ދެމުން ގެންދާ ނުހައްގު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ، ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިން ރުއްސުން ހިންގާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރާ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ  ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމަށް ގޮވާލާފައެވެ. 

ފުލުހުންގެ އިދާރާއަށް ރައީސް ޔާމީން ހާޒިރުކުރެވިގެން ތަހްގީގް ކުރިއަށްދާ މައްސަލަ އާއި ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން، އެ މަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް އާސިފް ( އާސިއްޕެ )މީގެ ކުރިން ވިދާޅުވީ، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން މިހާރު ފުލުހަށް ހާޒިރުކޮށް ތަހްގީގް ކުރިއަށް ގެންދަމުން އަންނަނީ ކުރިން ބަލާ ނިމިފައި އޮތް މައްސަލައަކަށް ކަމަށެވެ. އެހެންކަމުން ގާނޫނީ ނަޒަރަކުން ބަލާއިރު، ބަލައި ނިމިފައި އޮތް މައްސަލައެއް އަލުން ނަގައިގެން ބެލޭނެ އެއްވެސް ގާނޫނީ ބިނާއެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތަހްގީގް ފަށާފައިވަނީ "އާރަށް" މައްސަލައިގައި ކަމަށް އެ މަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.

ވ. އާރަށާއި ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިއަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ. ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވީ، ކޮވިޑް-19އާއި ގުޅިގެން ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލާފައިވަނިކޮށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް މިމައްސަލާގައި ޖިނާއީ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށުގެ ތުހުމަތުކޮށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް