ads
އީނާސް ނުވަތަ މިހާރުގެ ނަމުން ނަމަ އީމާން
ދިވެހި އަންހެނަކު ޖިންސު ބަދަލުކޮށް، ފިރިހެނަކަށް ވެއްޖެ
އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހި އަންހެނަކު، އޭނާގެ ޖިންސީ ގުނަވަން ބަދަލުކޮށް ފިރިހެނަކަށް ބަދަލުވެއްޖެކަން އިއުލާނުކޮށްފިއެވެ.

މި އަންހެން މީހާއަކީ މީގެ ކުރިން ވެސް ފިރިހެން ހެދުން ލައިގެން އުޅޭތީ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވާ މީހެކެވެ. އޭނާ ރާއްޖެ ދޫކޮށް އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރީ އެ ދުވަސްވަރު އޭނާއަށް އަމާޒުވި ފުރައްސާރައާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

އައިމިނަތު އީނާސް ނަމަކަށް ކިޔާ މި އަންހެން މީހާގެ ޖިންސު ބަދަލުކުރުމާއެކު އޭނާ ވަނީ އޭނާގެ ނަންވެސް އީމާންއަށް ބަދަލުކޮށްފައެވެ.

އީނާސް އޭނާގެ ޓިކްޓޮކް އެކައުންޓް "އީމާން އެޒެކިއެލް" ގައި އާންމުކުރި ޓިކްޓޮކެއްގައި ވަނީ "ޓެސްޓޮސްޓެރޯން" ހޯމޯން ކައި އޭނާ ފިރިހެނަކަށް ބަދަލުވުމަށް ކުރި ދަތުރުގެ ބައެއް ހިއްސާކޮށްފައެވެ. އެގޮތުން އެއް މަސް ދުވަސް ތެރޭގައި އޭނާގެ އަޑު މުޅިން ފިރިހެން ވެފައިވާ ކަން ވީޑިއޯއިން އެނގެއެވެ. ޓެސްޓޮސްޓެރޯންއަކީ ފިރިހެނުންގެ ގައިގައި ހޯމޯންއެކެވެ.

އީނާސް މިއަދު ކުރި ޓްވީޓެއްގައި ބުނީ އިސްލާމްދީނުގައި މީހުން މަރަން ގޮވަން ނޯންނަ ކަމަށާއި ނަމަވެސް ދިވެހިން އަންނަނީ މީހުން މަރަން ގޮވަމުން ކަމަށެވެ. އަދި އޭނާ ރާއްޖެ ދިޔައީ އިތުރު ގޮތެއް ނެތިގެން ކަމަށް ވެސް ވަނީ ބުނެފައެވެ. 

އޭނާ ބުނީ އޭނާގެ ފޮޓޯތައް ދައުރުކޮށް އޭނާއަށް އެއްޗެހި ކިޔާ ފާޑުކިޔާ ނަމަ ކިޔަން ވާނީ އޭނާގެ ނަން "އީމާން" ބޭނުންކޮށްގެން ކަމަށެވެ. އަދި އޭނާއަކީ "ޓްރާންސް" މީހެއް ކަމަށް ފާޅުގައި ވަނީ ބުނެފައެވެ. އީނާސް ނުވަތަ މިހާރުގެ ނަމުން ނަމަ އީމާން ވަނީ އޭނާގެ ޓްވިޓާ ބައޯގައި ވެސް އޭނާއަކީ ފަހުރުވެރި ޓްރާންސްޖެންޑާ މީހެއް ކަމަށް ޖަހާފައެވެ. 

ފިރިހެން ހެދުން އަޅައިގެން އުޅޭތީ މީގެ ކުރިން ވެސް ވަނީ އީނާސްއަށް ފާޑުކިޔާފައެވެ. އެ ދުވަސްވަރު ގިނަ ބަޔަކު ވަނީ އީނާސްއަށް ސަޕޯޓުކުރުމުގެ ގޮތުން ކޯޓު ފަޓުލޫނު ލައިގެން SuitsMe# ކެމްޕޭނުގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒުލްފާ މުހައްމަދާއި އޭސީސީގެ ރައީސް ޝިއުނާ ވެސް ހިމެނެ އެވެ.

18%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް