ads
ގެފުޅުގެ ކުރީގެ ފޮޓޯއެއް-----ފޮޓޯ: ސައުދީ ގެޒެޓް
ހައްޖަތުލް ވަދާއު އާއި، ރަސޫލުﷲ ﷺ ދެއްވި އަސަރުގަދަ ހުތުބާ
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، ބަރަކާތްތެރި މިމަހުގެ ނުވަވަނަ ދުވަހު ރަސޫލުﷲ ﷺ ޢަރަފާތު ބިމުގައި އަދާކުރެއްވި މަތިވެރި އަޅުކަން ކަމަށްވާ ހައްޖަތުލް ވަދާއުއަށެވެ.

ހުތުބާގައި ބުނީ މި އުއްމަތަށް ޢިއްޒަތާއި ގަދަރު ލިބުނީ، އިސްލާމް ދީނުގެ ސަބަބުން ކަމަށާއި، އިސްލާމްދީން މާތް ﷲ ފުރިހަމަކޮށް ދެއްވީ، މި ބަރަކާތްތެރި މަހުގެ ނުވަވަނަ ދުވަހު
ކަމަށެވެ. 

އެ ދުވަހު ރަސޫލުﷲ ﷺ އަރަފާތު ބިމުގައި ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރައްވަމުން ގެންދަވަނިކޮށް، ދީން ފުރިހަމަކޮށްދެއްވާ މާތް ﷲ ވަނީ ހަތްއުޑުގެ މަތިން ބަސްފުޅު ވަހީކުރައްވާފައެވެ. 

"މާތް ﷲ ބާވައިލެއްވި ބަސްފުޅުގެ މާނާގައި ވަނީ: މިއަދު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން
ރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަން
ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." މިފަދައިންނެވެ.

ރަސޫލުﷲ ﷺ ޢަރަފާތު ބިމުގައި އަދާކުރެއްވި މަތިވެރި އެ އަޅުކަމަށް ހައްޖަތުލް ވަދާއުގެ ނަމުން ނަންދެވުނެވެ. އަދި އެދުވަހު ނަމިރާގައި ހުންނަވާ ލޮބުވެތި ރަސޫލުﷲ ﷺ އެކަލޭގެފާނުގެ އުންމަތައް އަސަރުގަަަދަ އަދި އެހައިމެ މުހިންމު ހުތުބާއެއް ދެއްވިއެވެ.  

ރަސޫލުﷲ ﷺ ގެ މި ހުޠުބާގައި، މާތް ﷲ ގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތު ގައި ހިފެހެއްޓުމަށް އިސްލާމީ އުއްމަތަށް އަމުރު ކުރައްވާ، އިސްލާމް ދީނުގެ އުޞޫލުތަކާއި، އެ ދީނުގެ ޤަވާޢިދުތައް ބަޔާންކޮށް ދެއްވާފައި ވެއެވެ. އޭގެ މަތީގައި ބިނާ ކުރެވޭ އަޚްލާޤީ ޤާނޫނުތަކުގެ އަސާސުތަކާއި، އޭގެ މަތީގައި ޢާއިލާ ބިނާކުރެވޭ ތަނބުތަކުގެ ތަރަހަ ބަޔާންކޮށްދެއްވާފައި ވެއެވެ. މި ޚުތުބާ ގައި ޖާހިލު ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، އެ އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވި އެވެ. 

މިއަދުގެ ހުތުބާގައި ބުނީ ހަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި، އެ ހުތުބާ ގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި އިބްރަތްތައް ހާސިލުކުރަން މިއަދު ވަނީ ޖެހިފައި ކަމަށެވެ. 

ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ ވެރި ރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެ އެވެ. އަދި ތިޔަބައިމީހުންގެ ބައްޕަ އަކީ ހަމަ އެކެކެވެ. ދަންނާށެވެ! ޢަޖަމީއެއްގެ މައްޗަށް އަރަތްބަކަށް، އަދި ޢަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް، އަދި ކަޅު މީހެއްގެ މައްޗަށް ދޮން މީހަކަށް، އަދި ދޮން މީހެއްގެ މައްޗަށް ކަޅު މީހަކަށް ހަމަ އެއްވެސް އިތުރު ކަމެއް ލިބިގެން ނުވެއެވެ. ތަޤްވާ ވެރިކަމުން މެނުވީއެވެ."

ރަސޫލުﷲ ﷺ މި އެޅުއްވި ބިންގަލަކީ އިންސާނީ ޙައްޤުތަކުގެ އަސާސެވެ. މި ބަސްފުޅު ގައި މިވަނީ ނަސްލީ އިމްތިޔާޒުގެ މޫތައް އަބަދުގެ އަބަދަށް ލުހެލައްވައިފަ އެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ގޮތުގައި، މީހެއްގެ ނަސްލުގެ ސަބަބުން، ނުވަތަ ކުލައިގެ ސަބަބުން ނުވަތަ ޖިންސުގެ ސަބަބުން ނުވަތަ ޤަބީލާގެ ސަބަބުން ނުވަތަ ރަށުގެ ސަބަބުން އެއްވެސް މީހަކަށް މޮޅުކަމެއް ނެތެވެ. އެކަކު އަނެކަކަށް ވުރެ މޮޅުވެވޭނީ ތަގުވާވެރިކަމުގެ ސަބަބުންނެވެ. 

ރަސޫލުﷲ ﷺ އެދުވަހު ދެއްވި ހުތުބާގައި ދެން ބައްލަވާލާފައިވަނީ، މީސްތަކުންގެ ފުރާނަތަކާއިި، މުދަލުގެ ހުރުމަތްތެރިކަމަށެވެ. 

ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހާއި، ތިޔަބައިމީހުންގެ މި މަހާއި، ތިޔަބައިމީހުންގެ މި ރަށް، ޙުރްމަތްތެރި ކުރައްވާފައިވާ ފަދައިން، ތިޔަބައިމީހުންގެ ލެއާއި، ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މައްޗަށް، ޙުރްމަތްތެރި ވެގެން ވެއެވެ."

އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ހައްގަކީ ދިރި އުޅުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގެވެ. އިންސާނީ ހައްޤުތަކަށް ގޮވައިލާ މީހުންގެ މާކުރިން، އިސްލާމް ދީނުގެ ނަބިއްޔާ މި ވަނީ، މުޅި ދުނިޔެއަށް މި ކަން އިއުލާނު ކުރައްވައިފަ އެވެ. 

އިސްލާމް ދީނުގައި، މި ދެ ހައްގު ހޯއްދަވައި ދެއްވާފައި ވަނީ، ހަމަ އެކަނި މުސްލިމުންނަކަށް ނޫނެވެ. ކޮންމެ އިންސާނަކަށް ވެސް، އެ ދެ ހައްގު ލިބިފައިވާކަން މި ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް