ads
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ-
ބޮޑު ވަޒީރު މޯދީ ގައުމަށް "ގައްދާރު" ވިކަމުގެ ތުހުމަތު
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޭރުގެ ސްޕައިވެއާއެއް ބޭނުންކޮށްގެން ޖާސޫސް ކުރި ކަމުގެ ތުހުމަތުކޮށް އިދިކޮޅު ކޮންގްރެސް ޕާޓީން އެމަނިކުފާނަކީ ގަައުމަށް ގައްދާރުވެފައިވާ ބޭފުޅެއް ކަމަށް ތުހުމަތު ކޮށްފިއެވެ.

އިިންޑިއާގެ އިދިކޮޅު މައި ޕާޓީން މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ޕެގޭސަސް ސޮފްޓްވެއާ ބޭނުންކޮށްގެން އެތައް ބަޔެއްގެ ފޯނު ހެކްކޮށްގެން މައުލޫމާތު ވަގަށް ނަފާފައިވާކަން ހާމަވެގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ. 

ލީކްވި ޕެގޭސަސް ބޭނުންކޮށްގެން ހެކްކޮށްފައިވާ ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ޕެރިސްގެ ނޮން-ޕްރޮފިޓް މީޑިއާ އޯގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސް އާއި އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޕެގޭސަސް ޕްރޮޖެކްޓްގެ މީޑިއާ ޕާޓްނަރުންނާ ހިއްސާކޮށްފައެވެ. ލީކްކޮށްލި މައުލޫމާތުގެ ތެރޭގައި ނޫސްވެރިންނާއި ސިޔާސީ މީހުންގެ އިތުރުން ވަކީލުންތަކެއްގެ މައުލޫމާތުވެސް އެ ސޮފްޓްވެއާ ބޭނުންކޮށްގެން ވަގަށް ނަގާފައިވާކަމަށް ހާމަވެގެން ގޮސްފައިވެއެވެ. ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެ ސްޕައިވެއާ ބޭނުންކޮށްގެން  2016 ވަނަ އަހަރުން ފެށިގެން މައުލޫމާތު ވަގަށް ނެގި 50،000 މީހުންގެ ފޯން ނަމްބަރު ފާހަގަކޮށްފައިވެއެވެ.

ޕެގޭސަސް ޕްރޮޖެކްޓްގެ ނަމުން ހިންގި ތަހުގީގުގައި ލީކްކުރި 50،000 މީހުންގެ ނަމްބަރުތަކުގެ ތެރެއިން 1،000 އަށްވުރެ ގިނަ ނަމްބަރުތަކަކީ އިންޑިއާ ނަމްބަރުތަކެވެ. އިންޑިއާ ނަމްބަރުތަކުގެ ތެރެއިން 300 ނަމްބަރުގެ ވެރިފަރާތުގެ ވަނަވަރު އެނގޭނެހެން އާއްމުކޮށްފައިވާއިރު، އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭގެ ތެރޭގައި އިންޑިއާގެ އިދިކޮޅު ކޮންގްސް ޕާޓީގެ ރައީސް ރާހުލް ގާންދީ ވެސް ހިމެނެއެވެ. 

ރާހުލްގެ އިތުރުން އެ ލިސްޓުގައި އެތައް ނޫސްވެރިން އަދި ވިޔާފާރިވެރިންގެ އިތުރުން ބޮޑު ވަޒީރު މޯދީގެ ކެބިނެޓުގައި ހިމެނޭ ދެ މިނިސްޓަރުންވެސް ހިމެނެއެވެ.

އެ ސްޕައިވެއާގެ އަމާޒަކަށް ރާހުލްގެ ނަމްބަރުވެފައިވަނީ 2018 އާއި 2019ގެ މެދު ތެރޭގައެވެ. އެއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ދުވަސްކޮޅެވެ.  

ކޮންގްރެސް ޕާޓީ އިން ވަނީ އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު އަމިތު ވަގުތުން ވަގުތަށް މަގާމުން ވަކިކޮށް އެކަމުގައި ބޮޑުވަޒީރު މޯދީގެ ދައުރެއް އޮތްތޯ ތަހުގީގު ކުރަން ގޮވާލާފައެވެ. 

އަމާޒަކަށްވީ ކޮންބައެއް؟

އަމާޒަކަށްވި ނަމްބަރުތަކުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު އަންހެން ވައިރޮލޮޖިސްޓެއް ހިމެނެއެވެ. އެ ވައިރޮލޮޖިސްޓް ވަނީ އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރަށް ރޭޕްގެ ތުހުމަތުކޮށްފައެވެ. އަދި ކުރީގެ އިލެކްޝަން ކޮމިޝަނަރެއް ހިމެނޭ އިރު އެމީހާ އަކީ 2019 ވަނަ އަހަރު އެގައުމުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓި، އިސް ޕޮލިޓިކަލް ސްޓްރެޓެޖިސްޓެއް ކަމަށްވާ ޕްރަޝާންތު ކިޝޯރް އެވެ. 

ލިސްޓުގައި އިތުރު އިލެކްޝަން ކަމިޝަނަރެއް ކަމަށްވާ އަޝޯކް ލަވާސާ ހިމެނޭ އިރު އޭނާ އަކީ 2019 ވަނަ އަހަރުގެ އިންތިހާބުގައި ބޮޑު ވަޒީރު މޯދީ އިންތިހާބުގެ ގަވާއީދުތަކާ ހިލާފުވި ކަމަށް ތުހުމަތު ކުރި މީހެކެވެ. 

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ މުވަޒަފަކާއި އޭނާގެ އާއިލާ މީހުންގެ 11 ނަމްބަރެއް ވެސް އަމާޒަކަށް ވެފައިވެއެވެ. ގާނޫނީ ސަބަބުތަކާހުރެ އޭނާގެ މައުލޫމާތު އާންމުކޮށްފައި ނުވި ނަމަވެސް އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގަގޯއި އަށް ރޭޕްގެ ތުހުމަތުކުރި އަންހެނެކެވެ. އޭގެ ފަހުން މާގިނަ ދުވަސް ނުވަނީސް 2019 ވަނަ އަހަރު އެޕްރީލް މަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. 

ޕެގޭސަސް ޕްރޮޖެކްޓުން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި އޭނާގެ އާއިލާ މީހުންގެ ފޯނުތައް އަމާޒަކަށް ވެފައިވަނީ އުއްތަމަ ފަނޑިޔާރަށް ރޭޕްގެ ތުހުމަތުކުރިތާ ހަފްތާއެއްވެސް ނުވަނީސް އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ގަގޯއި އަކީ މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިންނަވާ ބީޖޭޕީއަށް ނިސްބަތްވާ މެމްބަރެކެވެ. 

އެކިއެކި ނޫސް އެޖެންސީތަކަށް ނިސްބަތްވާ 40 ނޫސްވެރިންގެ ނަމްބަރުވެސް އެ ލިސްޓުގައި ވެއެވެ. 

އިންޑިއާގައި ޕެގޭސަސް ސްޕައިވެއާގެ އަމާޒަކަށްވި ކަމަށް ބެލެވޭ ލިސްޓުގައި ހިމެނޭ 22 ފޯނެއް ހިމަނައިގެން ވޮޝިންޓަން ޕޯސްޓުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެތަނުން 10 ފޯނެއް ހެކްކުރަން މަސައްކަތްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ހަތް ފޯނެއް ކާމިޔާބުކަމާއެކު ހެކްކޮށްފައިވެއެވެ. 

ސަރުކާރުން ބުނަނީ ކީކޭ؟

މޯދީ ކެބިނެޓްގެ ދެ މިނިސްޓަރުން - އަޝްވިނީ ވައިޝްނައު އަދި ޕްރަހްލަދު ސިން ޕަޓެލް އަކީ ވެސް ލީކްވި ލިސްޓުގައި ހިމެނޭ މީހުންނެވެ. އެންއެސްއޯގެ ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން އެމީހުންނަށް ޖާސޫސްކުރި ކަމަށް ބެލެވެއެވެ. ނަމަވެސް ދާދި ފަހުން އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ކަމަށް އައްޔަނު ކުރި ވައިޝްނައު ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ކުރާ ތުހުމަތު ތަކަކީ އިންޑިއާ ޑިމޮކްރަސީ އާއި އެގައުމުގެ މުއައްސަސާތަކުގެ އަގު ވައްޓާލަން ބަޔަކު ކުރިކަމެއް ކަމަށެވެ.

ހޯމް މިނިސްޓަރު އަމިތު ޝާހްވެސް ވަނީ ހަމަ އެ ރާގުން ވާހަަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެއީ ބައިނަލް އަގުވާމީ ދުނިޔޭގައި އިންޑިއާގެ ނަން ކިލަނބުކޮށްލަން ބަޔަކު ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި އިންޑިއާ އަށް އަންނަ ތަރައްގީ ބައެއް މީހުން ހުއްޓުވަން ބޭނުންވާ ކަމަށް ޝާހް ވަނީ ވިދާޅުވެފައެވެ. 

ޕެގޭސަސް ޕްރޮޖެކްޓްގެ ތަހުގީގުން ވަނީ އިޒްރޭލުގެ އެންއެސްއޯ ކުންފުނިން ގައުމުތަކަށް ވިއްކާ އެ ސޮފްޓްވެއާގެ ބޭނުން ނަހަމަ ގޮތުގައި އެގައުމުތަކުގެ ސަރުކާރުތަކުން ހިފާކަން ފާހަގަވެގެން ގޮސްފައެވެ. 

ނަމަވެސް އެންއެސްއޯއިން ވަނީ އެ ހެކިން ސްޕައިވެއާ އަކީ ކުށްކުރާ މީހުންނާއި ޓެރަރިސްޓުންނާ ދެކޮޅަށް ބޭނުންކުރަން ވިއްކާ ސޮފްޓްވެއާއެއް ކަމަށް ބުނެފައެވެ. 

ޕެގޭސަސް މަލްވެއާ އިން އައިފޯން އަދި އެންޑްރޮއިޑް ފޯންތައް އިންފެކްޓް ކުރާއިރު ހެކަރުންނަށް ފޯނުގައި ހުންނަ ޓެކްސްޓް މެސެޖުތަކާއި ފޮޓޯ އަދި އީމެއިލް ނަގައި، ކޯލްތައް ރިކޯޑް ކުރެވި އަދި ނޭނގޭ ގޮތަށް ފޯނުގެ މައިކްރޮފޯން އެކްޓިވޭޓް ކުރެވެއެވެ.

ލިސްޓުގައި އެތައް ހާސް ފޯން ނަމްބަރު ހުރި ނަމަވެސް އެ ލީކްވި ޑޭޓާގައި އެމީހުންގެ މައުލޫމާތެއް ނަގާފައިވާ ކަމެއް އަދި ހެކްކުރަން އުޅުނު ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ޓީމުން ގަބޫލްކުރާ ގޮތުގައި ލިސްޓުގައި ހިމެނޭ ނަމްބަރުތަކަކީ ކޮންމެވެސް ބައެއްގެ އަމާޒެއް ކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް