ads
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން
ޖާސޫސްކުރިކަން ފެންމަތިވުމުން ފްރާންސްގެ ރައީސް ފޯނާއި ނަމްބަރުވެސް ބަދަލުކޮށްފި
އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން ވިއްކާ ޕެގޭސަސް ސޮފްޓްވެއާ ބޭނުންކޮށްގެން ފޯން ހެކްކުރިކަން ފެންމަތިވުމުން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އެމަނިކުފާނުގެ ފޯނާއި ނަމްބަރުވެސް ބަދަލުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ޕެރިސްގެ ފޮބިޑެން ސްޓޯރީސް އާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިތުރުން 16 މީޑިއާއެއް ބައިވެރިވެގެންް ދަ ޕެގޭސަސް ޕްރޮޖެކްޓްގެ ތަހުގީގަށް ފަހު ލީކް ކޮށްލި މައުލޫމާތުން ވަނީ އިޒްރާއީލްގެ އެންއެސްއޭ ގްރޫޕުން އުފައްދާފައިވާ ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން ސަރުކާރުތަކުން އެތައް ޖަރީމާތަކެއް ހިންގާފައިވާކަން ފަޅާ އަރުވާލާފައެވެ. އެގޮތުން ހެކް ކުރި ކަމަށް ބެލެވޭ 50،000 ނަމްބަރުތަކުގެ ތެރޭގައި ފްރާންސްގެ ރައީސް މެކްރޮން ވެސް ހިމެނެއެވެ.

ފޯން ހެކް ކޮށްފައިވާކަން ޕެގޭސަސް ޕްރޮޖެކްޓްގައި ބައިވެރިވި މީޑިއާތަކުން ހާމަކޮށްފައި ވަނިކޮށް ރައީސް މެކްރޮން އެމަނިކުފާނުގެ ފޯނާއި ނަމްބަރު ބަދަލުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މެކްރޮންގެ ފޯން ހެކްކުރިކަން ފެންމަތި ވުމުން ފްރާންސްގެ ސަރުކާރުގެ ތަރުޖަމާނު ގެބްރިއެލް އައްޓާލް މީގެ ކުރިން ބުނީ މެކްރޮން ސެކިއުރިޓީ ޕްރޮޓޮކޯލްތައް އަދި ވަކިން ހާއްސަކޮށް މެކްރޮން އާއި ގުޅުން ހުރި ސަލާމަތީ ކަންކަން ފެންމަތިވެފައިވާ ކަންކަމާއި ގުޅިގެން މުރާޖާ ކުރެވިގެންދާނެ ކަމަށެވެ.

ގެބްރިއެލް އާއި ހަވާލާދީ ފްރާންސް24 އިން ރިޕޯޓްކުރާ ގޮތުގައި އެމައްސަލަ ދަނީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މެކްރޮން ވަނީ ޕެގޭސަސް ސަޕައިވެއާ މައްސަލާގައި ސައިބާ ސެކިއުރިޓީ މީޓިންއެއް ބާއްވާފައެވެ.

ޕެގޭސަސް ޕްރޮޖެކްޓުގެ ތަހުގީގުައި ހިމެނޭ ފްރާންސްގެ ލެ މޮންޑޭ ނޫހުން ރިޕޯޓްކުރާ ގޮތުގައި ފްރާންސްގެ ރައީސް މެކްރޮންގެ ފޯނު ހެކްކުރީ މޮރޮކޯގެ ސެކިިއުރިޓީ އެޖެންސީ އިންނެވެ. މެކްރޮންގެ އިތުރުން ފްރާންސްގެ ސަރުކާރުގެ އޭރުގެ 15 އޮފިޝަލަކަށް އަމާޒުކޮށް ޖާސޫސްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ލިސްޓުގައިވެއެވެ. 2019 ވަނަ އަހަރު ފްރާންސްގެ އޮފިޝަލުންނަށް މޮރޮކޯއިން ޖާސޫސްކުރިކަމަށް ބެލެވޭއިރު މޮރޮކޯ ސަރުކާރުން ވަނީ އެއްވެސް ގޯސްކަމެއް ކުރިކަމަށް ދެކޮޅު ހަދާފައެވެ.

ޕެގޭސަސް ޕްރޮޖެކްޓްގެ ތަހުގީގުން ވަނީ އިޒްރޭލުގެ އެންއެސްއޯ ކުންފުނިން ގައުމުތަކަށް ވިއްކާ އެ ސްޕައިވެއާގެ ބޭނުން ސަރުކާރުތަކުން ނަހަމަ ގޮތުގައި ހިފާކަން ފާހަގަވެގެން ގޮސްފައެވެ. ސަރުކާރުތަކުން އަމާޒަކަށް ހަދާފައިވާ މީހުންގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތް ކުރާ މީހުން، ނޫސްވެރިން، އެހެން ގައުުމުތަކުގެ ވެރިންގެ އިތުރުން ސިޔާސީ މީހުން ހިމެނެއެވެ. 

ނަމަވެސް އެންއެސްއޯއިން ވަނީ އެ ހެކިން ސްޕައިވެއާ އަކީ ކުށްކުރާ މީހުންނާއި ޓެރަރިސްޓުންނާ ދެކޮޅަށް ބޭނުންކުރަން ވިއްކާ ސޮފްޓްވެއާއެއް ކަމަށް ބުނެފައެވެ. 

ޕެގޭސަސް މަލްވެއާ އިން އައިފޯން އަދި އެންޑްރޮއިޑް ފޯންތައް އިންފެކްޓް ކުރާއިރު ހެކަރުންނަށް ފޯނުގައި ހުންނަ ޓެކްސްޓް މެސެޖުތަކާއި ފޮޓޯ އަދި އީމެއިލް ނަގައި، ކޯލްތައް ރިކޯޑް ކުރެވި އަދި ނޭނގޭ ގޮތަށް ފޯނުގެ މައިކްރޮފޯން އެކްޓިވޭޓް ކުރެވެއެވެ.

ލިސްޓުގައި އެތައް ހާސް ފޯން ނަމްބަރު ހުރި ނަމަވެސް އެ ލީކްވި ޑޭޓާގައި އެމީހުންގެ މައުލޫމާތެއް ނަގާފައިވާ ކަމެއް އަދި ހެކްކުރަން އުޅުނު ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ޓީމުން ގަބޫލްކުރާ ގޮތުގައި ލިސްޓުގައި ހިމެނޭ ނަމްބަރުތަކަކީ ކޮންމެވެސް ބައެއްގެ އަމާޒެއް ކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް