ads
އެޗް.އައި.ސީ.ޑީ.ޕީ އެމްއޯޔޫގައި ސޮއިކުރައްވަނީ
ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް އިންޑިއާއިން 70 މިލިއަން ރުފިޔާ ދެނީ
ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 70 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެމް.އޯ.ޔޫ އޮން 'އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ)' ގައި ސޮއި ކޮށްފައިވައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 ނުވަތަ 10 ހައި-އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެއެވެ. އޭގެތެރޭގައި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި، ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓް އާއި، ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާ އާއި ގުޅުން ހުރި ކަންކަން ހިމެނެއެވެ.

މާރިޗު 2019 ގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރޭގައި ހަމަ މިފަދަ އެމް.އޯ.ޔޫ އެއްގައި ސޮއި ކުރެވުނުއިރު، އެ އެމް.އޯ.ޔޫ މެދުވެރިކޮށް ފޯރުކޮށްދެވުނު 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި-އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްތަކުގެ ރަށު ކައުންސިލްތަކުން މިހާރުވެސް އިމްޕްލިމެންޓް ކުރަމުން ދާ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

އަދި ހަމަ މި ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓްގެ ދަށުން ކުރިއަށް ގެންދެވޭ 18 މަޝްރޫއުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން 30 ގްރާންޓް މަޝްރޫއުގެ ތެރެއިން 12 މަޝްރޫއު ނިމި، އިފްތިތާހު ކުރެވިފައި ވާއިރު، ބާކީ ހުރިހާ މަޝްރޫއުއެއްގެ މަސައްކަތް 2021 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.

އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން ސިއްހީ ދާއިރާގެ ކުރިއެރުމާއި، ތައުލީމީ ދާއިރާގެ ކުރިއެރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނޭހެން ހޮވާފައިވާ މަޝްރޫއުތަކެކެވެ.

މި ގްރާންޓް އެހީގެ ދަށުން ފެށިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސިން ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުއާއި، އިކޯ-ޓޫރިޒަމް ޒޯން ގާއިމް ކުރުމުގެ މަޝްރޫއުއާއި، ޑްރަގް ޑީޓޮކްސް ސެންޓަރު ގާއިމް ކުރުމުގެ މަޝްރޫއުއާއި، ފެން ބަންދުކުރާ ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުއާއި ސޮއިލް ޓެސްޓިން ލެބް ގާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން ގްރާންޓް އެހީގެ ދަށުން ކުޅިވަރާއި ގުޅޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ސިޓީ ކައުންސިލްތަކަށް ބޭނުންވާ އުޅަނދުފަހަރާއި މެޝީނަރީ ހޯދުމާއި، މުއައްސަސާ ތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ސްކޫލްތަކުގެ ކްލާސްރޫމްތައް ބިނާކުރުމާއި، ކޮމިއުނިޓީ ސެންޓަރުތައް ގާއިމް ކުރުމާއި، ކުޑަކުދިންގެ ޕާކު ހިމެނޭ ހެން ޕާކްތައް ގާއިމް ކުރުން ފަދަ މުހިންމު އެތައް ދާއިރާއެއްގެ މަސައްކަތް ކުރެވެއެވެ.

ޑިސެމްބަރ 2018 ގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އެއްބަސް ވެވިފައިވާ ފަދައިން، ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އެހީވުމުގެ ސްޓެރެޓެޖީގެ ދަށުން، ބޮޑެތި މަޝްރޫއުތަކަށް ފަންޑް ކުރުމަށް ހަމަޖެހިފައިވަނީ 1.3 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އާއި ގްރާންޓް އެހީގެ ދަށުންނެވެ. އަދި ގިނަ އަދަދެއްގެ ކުދި މަޝްރޫއުތަކަށް 8.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއްގެ ގްރާންޓް އެހީ ފޯރުކޮށްދެވޭނެއެވެ.

އެލް.އޯ.ސީ ގެ ދަށުން ކުރިއަށް ގެންދެވޭ ބޮޑެތި މަޝްރޫއު ތަކުގެ މުއްދަތު ދިގު ނަމަވެސް، މި މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަގުނަ ކުރިއެރުންތައް ލިބިގެންދާނެއެވެ. އަދި ކުދި ގްރާންޓް މަޝްރޫއު ތަކުގެ ފައިދާ ކުރު މުއްދަތެއްގެ ތެރޭގައި ރަށްތަކުގެ މުޖުތަމައު ތަކަށް ލިބިގެންދާނެއެވެ.

މިފަދަ ކުދި ގްރާންޓް ޕްރޮޖެކްޓްތަކަކީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގާތް ގުޅުމުގެ މުހިންމު ބައެއް ކަމަށާއި މި ޕްރޮޖެކްޓްތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީ ތަކުގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެއް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި އެގައުމުގެ އެހީގެ ދަށުން ހިންގަމުންދާ މިފަދަޕްރޮޖެކްޓްތަކުގެ ސަބަބުން ރައީސް ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިއްބައިދޭ ކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުން ބުނީ، އަލަށް ސޮއި ކުރެވުނު އެމް.އޯ.ޔޫ މެދުވެރިކޮށް ފޯރުކޮށްދެވޭ 70 މިލިއަން ރުފިޔާގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކުގައި އިޖްތިމާއީ ގޮތުން މުހިންމު އަދި އިގްތިސާދީ ގޮތުން ފައިދާ ކުރުވަނިވި އާ އެތައް މަޝްރޫއުއެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް