ads
ރައީސް ނަޝީދު އަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހެއް
އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް ނަޝީދަށް ހަމަލާދޭން ތައްޔާރަށް: ފުލުހުން
މެއި މަހުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި ވ. ތިނަދޫ އަދުހަމް އަހުމަދު ރަޝީދު ހުރީ ޖާނުން ފިދާވެގެންވެސް އެ ރޭ ނަޝީދަށް ހަމަލާދޭން ތައްޔާރަށް ކަން ތަހުގީގަށް ހޯދިފައިވާކަމަށް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމަލާ ދިނުމަށްޓަަކައި އަތަމާ ޕެލެސް ގޯޅިގަނޑު ތެރޭގައި ހުރެ ބޮން ގޮއްވާލި އުމުރުން 26 އަހަރުގެ އަދުހަމް އެ ރޭ ހުރީ ޖާނުން ފިދާވުމުގެ ހަމަލާއަކަށްވެސް ތައްޔާރުވެގެން ކަމަށް ފުލުހުން ބުނެ އެވެ. 

ހަމަލާ އާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އަދުހަމް ހިމެެނެއެެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރުމަށް ފަހު ވަނީ ހަމަލާދިން ރޭ އެހާދިސާ ހިނގިގޮތް ދައްކުވާދޭ ސީސީޓީވީ ފުޓޭޖެއް އާންމުކޮށް އަދުހަމް އެރޭ ހަރަކާތްތެރިވެފައިވާ ގޮތްވެސް ތަފްސީލު ކޮށްދީފައެވެ. 

ފުލުހުން އޭރު އާއްމުކުރި ސީސީޓީވީ ފޫޓޭޖުން ފެންނަނީ އަދުހަމް ބޮން ގޮއްވާލުމުގެ ކުރިން އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން އެކަމަށް ތައްޔާރުވަމުންދިޔަ ތަނެވެ. އެގޮތުން ފޯނުން ކޮންމެވެސް މީހަކާއި ދެތިން މިނެޓަކަށް ވާހަކަ ދައްކަަން ހުރުމަށް ފަހު، މަޑުމަޑުން މަގުމައްޗަށް ނިކުމެ ބޮން ގޮއްވާލާ މަންޒަރު ފެނެއެވެ. 

ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އަތަމާ ޕެލެސް ތެރޭގައި އަދުހަމް ހުރިއިރު އޭނާ ފާރުގައި ފައިޖައްސާފައިވާ ތަންތަނުން ފުޓް ފްރިންޓު ނަގާފައެވެ. ފުލުހުން ބުނީ އަދުހަމް ހައްޔަރު ކުރުމަށް ފަހު އޭނާގެ ފައިން ނެގުނު ޕުޓް ޕްރިންޓާއި އޭރު އަތަމާ ޕެލެސްތެރެއިން ނެގި ފުޓް ޕްރިންޓާ ދިމާވާ ކަމަށެެވެ. 

ބޮން ގޮއްވާލުމަށް ފަހު އަދުހަމް ފިލަން ދިޔަގޮތްވެސް ފުލުހުން ވަނީ އެނިމޭޓެޑް ވީޑިއޯއަކުން ދައްކާލާފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން، އެންމެ ފުރަތަމަ އަދުހަމް ދުވެފައި ދާ ތަނާއި އަދި ފަހުން ބާރު ހިނގުމުގައި ގޮސް، އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނޭ މުޖާޒް އަހުމަދާއި ބައްދަލުކުރާ މަންޒަރު ފެނެއެވެ. 

އޭގެފަހުން އެދެމީހުން އެކުގައި ހިނގާފައިދާ މަގުތައް ސީސީޓީވީ ފުޓޭޖްގެ އެހީގައި ފުލުހުން ވަނީ ދެނެގަނެފައެވެ. 

އޭނާ ވަނީ ހެލެނބެލި މަގުން ހުޅަނގަށް ގޮސް ރަށްދެބައި މަގުން ދެކުނަށް އަޅާލެވޭ ހިސާބަށް ދުވެފައި ގޮސްފައެވެ. އެޔަށްފަހު ބާރު ހިނގުމެއްގައި ހިނގާފައިގޮސް ޗާންދަނީ މަގުން އަޅައިގެން ގޮސް މަސްޖިދުލް ޖަލާލުއްދީންއަށް އޭނާ ވަދެފައިވެއެވެ. ދެން އެ މިސްކިތުގައި ވަރަށް ކުޑަވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ނިކުމެ ހިނގާފަގޮސް އަމީނީ މަގުން އިރަށްގޮސް އަމީނީ ބިލްޑިން ކުރިމަތިން އޮންނަ ޕާކަށް ވަދެ އެތާގައި ވެސް މަޑުކޮށްފައިވެއެވެ. އެވަގުތު ޕާކުގައި މުޖާޒް ހުރިއިރު، ދެން އެދެ މީހުން އެކުގައި އެ ހިސާބުން ނިކުމެގެން ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުތެރެއަށްވަދެ އެ ޕާކުގައިިވެސް މަޑުކޮށްފައިވެއެވެ.

އެޔަށްފަހުވެސް މާލޭގެ ގިނަ މަގުތަކަކުން އެދެ މީހުން ދަތުރުކޮށްފައިވާއިރު، އެދެ މީހުން ދަތުރުކުރިގޮތުގެ ޓެރެކް ފުލުހުން ވަނީ ހޯދާފައެވެ. 

ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ.  ހައިޝަމް އަކީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރުމަށް އަމަލީގޮތުން ބައިވެރިވި ފަރާތެވެ. އަދި އިސްހާގަކީ، ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތުގެ އިތުރުން، ހަމަލާ ދިނުމަށްޓަކައި އަދުހަމް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ވެސް މެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް