މިފަހުން މުހަންމާ ދިން އިންޓަވިއުއެއްގައި ވަނީ ފިލްމީ ހަޔާތުގެ އިތުރުން ވެސް އޭނާގެ ހަޔާތުން ގިނަ ވާހަަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ވާހަކައަކަށް މުހަންމާ ކިޔައިދިނީ 2000 ވަނަ އަހަރު އޭނާ ޖަލަށް ދާން ޖެހުނު ގޮތުގެ ވާހަކައެވެ. މުހަންމާ ކިޔައިދިން ގޮތުގައި އެއީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ތަޖުރިބާއެވެ.
މުހަންމާއަށް އެ އަހަރު 4 އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ވަގު ފައިސާ ޗާޕްކުރިކަން އެނގިހުރެމެ، އެކަން އިދާރާތަކަށް ނޭންގުމާ ގުޅިގެންނެވެ.
މުހަންމާ ބުނީ ޖަލަށް ދާން ޖެހުމުގެ ސަބަބު އެކި މީހުން މާނަކުރަނީ އެކި ގޮތަށް ކަމަށެވެ. އޭނާ ބުނީ އެ ހުކުމް އައީ އެނގިހުރެ ނޭނގުމޭ ކިޔާ ގާނޫނުގެ ދަށުން ކަމަށާއި މިއަދު އެ ގާނޫނު ވުޖޫދުގައި ނެތް ކަމަށެވެ. އެ ގާނޫނުގެ ދަށުން ގާނޫނާ ހިލާފު ކަމެއް ބަޔަކު ކުރާކަން އެނގޭ މީހުންނަށް ވެސް އެ އަމަލުގެ ހުކުމް އަންނަކަމަށް އޭނާ ބުންޏެވެ.
މުހަންމާ ބުނީ އެ ދުވަހު އެ މައްސަލައިގައި 38 މީހުން ޖަލަށް ލެވުނު ކަމަށެވެ. ދޫނިދޫ ޖަލުގައި އެމީހުން ބައިތިއްބާފައިތިބީ އެންމެ ބޮޑެތި ކުށްވެރިންނާއެކު އެއްގޮޅީގައި ކަން ވެސް މުހަންމާ ފާހަގަކުރިއެވެ.
މީގެ އިތުރުން މުހަންމާ ވަނީ ޖަލުގައި ވަނިކޮށް ދިމާވި ވަރަށް ހިތްދަތި ކަމެއް ވެސް ހިއްސާކޮށްފައެވެ. މުހަންމާ ބުނީ އާއިލާ ތަހައްމަލު ކުރަމުން ދާނެ ހިތާމަ ވިސްނޭ ވަރުން ނުވެސް ނިދޭ ކަމަށާއި އޭނާގެ ބައްޕަގެ ބަލި ހާލަތާ މެދު ވެސް އެވަރަށް ވިސްނޭ ކަމަށެވެ. އަދި ބައްޕަ މަރުވީ ވެސް މުހަންމާ ޖަލުގައި ހުއްޓާ ކަމަށް އޭނާ ބުންޏެވެ.
މުހަންމާ ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ބައްޕަ މަރުވި ވާހަކަ ކިޔައިދެމުން މުހަންމާ ބުނީ ބައްޕަ މަރުވި ކަން އެނގުނީ ވެސް ބައްޕަ މަރުވިތާ އެއް މަސް ފަހުން ކަަމަށެވެ. ބައްޕަ ނެތް ކަމުގެ ފަޅުކަން އެ ދުވަސްވަރު ވަރަށް އިހުސާސް ވީ ކަން ފާހަގަކޮށް، މުހަންމާ ބުނީ ކަން ދިމާ ކުރި ގޮތުން އޭނާ މާލެ ގެންދިޔައީ ދަތެއްގައި ރިހޭތީ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ.
ބައްޕަ މަރުވި ހަބަރު އޭނާއަށް ދިނީ މާލޭ ދިޔަތަނުން މަގުމަތިން ފެނުނު ބޭބެ އެއް ކަމަށާއި އޭނާ ވެސް އެ ވާހަކަ ކިޔައިދޭން ޖެހުނީ ކަރެކްޝަންސްގެ ޖިޕުގެ ފަހަތުން ދުވަމުން، އިޝާރާތުން ކަމަށް ބުންޏެވެ. މުހަންމާ ބުނީ އޭގެ ފަހުން މަންމަ އާ ކާފަ އާ މީހުންނާ ދޫނިދޫ ޖަލުން ބައްދަލުވީ ވެސް އޭގެ އެތައް ހަފްތާއެއް ފަހުން ކަމަށެވެ.
މުހަންމާގެ ހަތަރު އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ޖަލުގައި ހޭދަކުރީ ދެ އަހަރެވެ. އެއް އަހަރު ގޭ ބަންދުގައި ހޭދަކުރިއިރު، އެއް އަހަރު މާފު ލިބުނެވެ. ޖަލުގައި ހޭދަކުރި ދުވަސްތައް މުހަންމާ ސިފަކޮށްފައިވަނީ އޭނާއަށް ލިބުނު ތަޖުރިބާއެއްގެ ގޮތުގައެވެ.