ads
މޭ 6 ހަމަލާ އާއި ގުޅިގެން ދައުވާކުރަން ފޮނުވި 5 މީހުން
ބޮން ގޮއްވައިގެން ދައުވާކުރަން ފޮނުވި 5 މީހުންނާ މެދު އަންނަ ހަފްތާގައި ގޮތް ނިންމަނީ
މިއަދު ދައުވާކޮށް ދިނުމަށް އެދި ފޮނުވީ ބޮން ހަރުކުރި ކަމަށް ބުނާ ހައިޝަމްގެ މައްޗަށް
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާ އާއި ގުޅިގެން ދައުވާކޮށްދިނުމަށް ފުލުހުން ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހަށް ފޮނުވާފައިވާ ފަސް މީހުންގެ މައްސަލާގައި ދައުވާ ކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

އެ ހަމަލާއާ ގުޅިގެން މިހާރު ފަސް މީހެއްގެ މައްޗަށް ފުލުހުން ވަނީ ތަހުގީގުތައް ނިންމާ ދައުވާާކުރަން ޕީޖީ އޮފީހަށް ފޮނުވާފައެެވެ. 

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ސީއެންއެމް" އަށް ވިދާޅުވީ، މީގެކުރިން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އިތުރުން މިއަދު ދައުވާ ކުރަން ފޮނުވި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްސަލާގައި އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އެމައްސަލާގައި ދައުވާކުރުމާ މެދު އެ އޮފީހުން ގޮތެއް ނިންމުމާ އެކު އެމީހުންގެ މައްޗަށް ކުރަނީ ކޮން ދައުވާތަކެއްކަން ސާފުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް މިމަހުގެ 25 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ.

 އެ ތިން މީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަން މަރުހާލާއިން ފޮނުވިފައިވާކަމަށާއި، އޭގެ ބޭނުމަކީ ތަހުގީގުގައި އޭނާ އާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އެއްވެސް ކަމެއް އޮތްތޯ، ޕީޖީ އޮފީހާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުންކަމަށް ސީޕީ ހަމީދު އެ ރޭ ވިދާޅުވިއެެވެ. މިއަދު ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ބަލައިގެންފައެވެ. 

އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެެވެ. އެފަހަރު ދައުވާ ކުުރަން ފޮނުވާފައިވަނީ، ވ. ތިނަދޫ 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދު އާއި، މއ. ފޭރުގެ 21 އަހަރުގެ މުޖާޒު އަހުމަދު އާއި، ގއ. ކޮނޑޭ، ފޮޅޭމާ، 32 އަހަރުގެ ތަހުމީން އަހުމަދު އަދި  ލ. ގަން، ދުންފިނިއުފާ، 23 އަހަރުގެ އަހްމަދު ފާތިހު އެވެ.

އުމުރުން 26 އަހަރުގެ އަދުހަމްއަކީ އަތަމާ ޕެލެސްތެރޭ ފިލާހުރެ ބޮން ގޮއްވާލި މީހާއެވެ. 32 އަހަރުގެ ތަހުމީން އަކީ ހަމަލާ ދިނުމަށް ބޮން ހަރުކޮށްފައިވާ ސައިކަލްގެ ވެރިފަރާތުގެ އިތުރުން ސައިކަލްގައި ބޮން ހަރުކުރުމަށް ހަރަކާތްތެރިވެ، ހަމަލާގެ ސެލްގެ އިސް މީހެކެވެ. މުޖާޒު އަކީ ބޮން ގޮއްވާލި އަދުހަމް މާލޭގައި އެރޭ ފިލައިގެން ހުރުމަށް މަގުފަހިކޮށްދިން މީހާއެވެ. އޭނާ ވަނީ ހަަމަލާ ދިން އިރު އަދުހަމް ލައިގެން ހުރި ހެދުން ބަދަލުކުރުމަށް އެހީތެރިވެދިން މީހާވެސް މެއެވެ. އަދި ފާތިހު އަކީ ހަމަލާއަށްފަހު އަދުހަމް ފިލުމަށް ސައިކަލްގައި މުޖާޒް ކައިރިއަށް ގެންދިޔުމަށް ސައިކަލްގައި އައިސް އެހީތެރިވެދިން މީހާއެވެ.

އެހަަމަލާއާއި ގުޅިގެން ދައުވާކުރުމަށް ފޮނުވާފައިވާ ހަތަރު މީހުންނާއިއެކު ތުހުމަތުކުރެވިގެން ތަހުގީގުތައް ހިންގަމުންދާ ޖުމްލަ 10 މީހަކު މިހާރު ވަނީ ހައްޔަރުކުރެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް