ads
މޯހަން ބަގާންގެ ރޯއީ ކްރިޝްނާ
ހުރިހާވެސް އަމާޒަކީ އޭއެފްސީ ކަޕުގެ ދެވަނަ ބުރު: ރޯއީ ކްރިޝްނާ
މިވަގުތު ހުރިހާވެސް އަމާޒަކީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުން ކަމަށް، އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންގެ ކެޕްޓަން އަދި ފޯވާޑު ރޯއީ ކްރިޝްނާ ބުނެފިއެވެ.

އުމުރުން ތިރީސް ތިން އަހަރުގެ ރޯއީ ކްރިޝްނާއަކީ ފިޖީގެ ގައުމީ ޓީމުގެވެސް ކެޕްޓަނެވެ. އޭނާވަނީ މޯހަން ބަގާންއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރުކޮށްފައެވެ. މި މަހު ފަހުކޮޅު މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތަކަކީ ރޯއީ ކްރިޝްނާގެ އޭއެފްސީ ކަޕުގެ ފުރަތަމަ ތަޖުރިބާއެވެ. މާލޭގައި މި މަހު ފަހުކޮޅު ކުޅެން ޖެހޭ މެޗުތަކަށް މިހާރު ތައްޔާރުވަމުން އަންނައިރު، ރޯއީ ކްރިޝްނާ ބުނީ ހުރިހާވެސް ޓާގެޓަކީ މުބާރާތުގެ ދެވަނަ ބުރު ކާމިޔާބުކުރުން ކަމަށެވެ. ދެވަނަ ބުރަށް ދާނީ ހަތަރު ޓީމު ހިމެނޭ ގްރޫޕުން އެއްވަނަ ހޯދާ ޓީމެކެވެ.

މިއީ އަހަރެން އޭއެފްސީ ކަޕުގައި ކުޅޭ ފުރަތަމަ ފަހަރު. މިއީ އަހަރެންނަށް ވަރަށް ޚާއްސަ މުބާރާތެއް. އަހަރުމެންގެ ހުރިހާވެސް ޓާގެޓަކީ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެން ދެވަނަ ބުރުން ފުރުސަތު ހޯދުން. މިއީ އޭޝީޔާގައި އަހަރުމެންގެ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް.

ރޯއީ ކްރިޝްނާވަނީ މޯހަން ބަގާންއާ އެކު ހޭދަކުރި ދެ ސީޒަންގައި އޮނަތިރީސް ގޯލް ޖަހާފައެވެ. އޭނާ ކުރިން ކުޅެފައިވަނީ އޯޝޭނިޔާގެ ބައެއް ކުލަބުތަކަށެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ފިޖީގެ ޒުވާން ގައުމީ ޓީމުގައި ހިމެނުމަށް ފަހު މިހާރު އޭނާއަކީ ސީނިއަރ ޓީމުގެ ކެޕްޓަނެވެ. އޭނާވަނީ ފިޖީގެ ގައުމީ ޓީމަށް އޮނަތިރީސް ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ދެހާސް ސޯޅަވަނަ އަހަރުގެ އޮލިމްޕިކްސްގައި މެކްސިކޯ ކޮޅަށް ޖެހި ލަނޑުވެސް ހިމެނެއެވެ.

ރޯއީ ކްރިޝްނާ ކުޅެމުން އަންނަ އޭޓީކޭ މޯހަން ބަގާންއަކީ، އިންޑިޔާގެ އައިލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން، އަދި އިންޑިޔާގެ އެއްމެ ގިނަ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް ކްލަބުކަމަށްވާ މޯހަން ބަގާންއާއި، ސުޕަރ ލީގުގައި ކުޅުނު އެތްލެޓިކޯ ޑި ކޮލްކަތާ ނުވަތަ އޭޓީކޭއާ ދެ ޓީމު އެއްކޮށްލައިގެން ހަދާފައިވާ ޓީމެކެވެ. އޭޓީކޭ މޯހަން ބަގާންގެ ނަމުގައި އޭއެފްސީ ކަޕުގައި މި އަހަރު މުޅިން އަލަށް ވާދަކުރާ ޓީމެއް ކަމަށް އެ ޓީމުވީނަމަވެސް ހަގީގަތުގައި މޯހަން ބަގާންއަކީ އޭއެފްސީ ކަޕަށް އާ ޓީމެއް ނޫނެވެ. އެ ޓީމުވަނީ މީގެ ކުރިން މާލޭގައިވެސް ކުޅެފައެވެ.

މޯހަން ބަގާންއާ އެކު އޭއެފްސީ ކަޕުގައި ހިމެނެނީ ބަންގަލްދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަދި މާޒިޔާގެ އިތުރުން ޕްލޭ އޮފުން ކޮލިފައިވާ ޓީމެކެވެ. ޕްލޭ އޮފުގައި ކުޅޭނީ އިންޑީޔާގެ ބެންގަލޫރު އެފްސީއާ ރާއްޖޭގެ ކްލަބު އީގަލްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް