ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-
އަލީ ވަހީދަށް ރާއްޖެ އައުމަށް އެންގުމުންވެސް ކޯޓަށް ހާޒިރެއްނުވި، އަޑުއެހުން ލަސްކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައުމުން މިމަހުގެ ދ ހޯމަ ދުވަހު އޮތް އަޑުއެހުން ކެންސަލްކޮށް، އަޑުއެހުން ފަސްކޮށްފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަމުންދާ މައްސަލައިގެ އަޑު އެހުމުގަައި ބައިވެރިވުމަށް އޮގަސްޓު ދެވަނަ ދުވަހު ރާއްޖެ އައުމަށް އަލީ ވަހީދު އަށް ވަނީ މިދިޔަ ޖުލައި މަހުގެ 15ވަނަަ ދުވަހު ސްޕްރީމް ކޯޓުން ޗިޓް ފޮނުވާފައެވެ. 

ނަމަވެސް ދެވަނަ ދުވަހުގެ އަޑުއެހުމަށް އޭނާ ރާއްޖެ އައިސްފައެެއް ނުވެއެވެ. މިއަޑުއެހުން މިހާރު ވަނީ މިމަހުގެ 11 ވާ ބުދަ ދުވަހަށް ލަސްކޮށްފައެވެ.

ޕީޖީ އޮފީހުން ސީއެންއެމްއަށް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ސީއެންއެމް" އަށް ވިދާޅުވީ، އަޑުއެހުން ލަސްކުރި ވަކި ސަބަބެއް ކޯޓުން އަންގަވާފައި ނުވާކަމަށެވެ.  

ޖިންސީ ފުރުއްސާރައިގެ އެތައް ތުހުމަތުތަކެއް ކޮށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ކަނޑައެޅިފައިވާ ހަތަރު މަސް ތެރޭގައިވެސް ރާއްޖެ އައިސްފައެެއް ނުވެއެވެ. 

އަލުން މިމަހުގެ ދެވަނަ ދުވަހަށް އަޑުއެހުމުގައި ބައިވެރިވުމަށް ޗިޓު ފޮނުވުމުންވެސް އަލީ ވަހީދު ކޯޓުގެ އަމުރު ބޮލާލާ ޖެހިއިރު، ޝަފީއު "ސީއެންއެމް" އަށް ވިދާޅުވީ، އަލީ ވަހީދުގެ މައްްސަލާގައި ޕީޖީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، ބާކީ ނިންމުންތައް ބިނާ ވަނީ ކޯޓުގެ އަމުރުތަކަށް ކަމަށެވެ. 

އެހެންނަމަވެސް އަލީ ވަހީދުގެ މައްސަލާގައި އަދިވެސް އުންމީދު ކަނޑާނުލާކަމަށާއި، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމަށް އުންމީދުކުރާކަމަށެވެ.

އެހެންކަމުން އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީވެސް ގަވާއިދާ ހިލާފަށްކަމަށްވާތީ އެމައްސަލަ ޕީޖީ އޮފީހުން ދެ ފަހަރެއްގެ މަތިން ކޯޓުގައި އިސްތިއުނާފްވެސް ކުރިއެވެ. އެހެންނަމަވެސް ކޯޓުން ނިންމާފައިވަނީ ޕާސްޕޯޓް ނުހިފެހެއްޓޭނެ ކަމަށެވެ.

އޭގެފަހުން ރާއްޖެއިން ބޭރުގައި ހުއްޓާ އަލީ ވަހީދުގެ ޝަރީއަތްތައް ފެށުމުން ޕީޖީން ވަނީ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުއްޓާ ވީޑިއޯ ކޮންފަރެންސް ކޮށް ޝަރީއަތުގައި ބައިވެރިވުމަށް ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުށަހަޅާފައެވެ. އަދި އެމައްސަލަ ބަލައިގެންފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ޕީޖީން އެމައްސަލަ އިސްތިއުނާފު ކުރީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭ ކަމަށް ބުނެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމައި އެގޮތަށް މިހާރު ވަނީ އެއް އަޑުއެހުން ބާއްވައިފަ އެވެ. ކްރިމިނަލް ކޯޓުގެ އެދުމުގެ މަތިން އަލީ ވަހީދަށް ވަނީ ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީފައިވެ އެވެ.

ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވަނީ އޮންލައިންކޮށް ޝަރީއަތް ބާއްވަން ގާޒީ ހަސަން ސައީދު ނިންމެވީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގެ ދަށުން ކަމަށެވެ.

އަލީ ވަހީދަށް ކުރެވޭ ދައުވާގެ ފުރަތަމަ އޮންލައިން އަޑު އެހުން ބޭއްވީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޮންލައިން އަޑުއެހުމަކަށް ފަހު ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދިއުން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީއަށް ފުރާފައިވަނީ ފެބްރުއަރީ މަހުގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކޮށްފައި ވަނީ އަލީ ވަހީދުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް