ހިޖްރީ އާ އަހަރާ ދިމާކޮށް ސައުދީގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު، ސައުދީގެ އަމާޒަކީ މަހަކު ދެ މިލިއަން އުމްރާވެރިން އެގައުމަށް އެތެރެވުމެވެ. ނަމަވެސް ފުރަތަމަ ބޯޑަރު ހުޅުވާލާއިރު ގައުމަށް އެތެރެވެވޭނީ މަހަކު 60،000 ހައްޖުވެރިން ކަމަށް ވެސް ސައުދީ އިދާރާތަކުން ބުނެއެވެ،.
ސައުދީ ސަރުކާރުން އާންމުކޮށްފައިވާ ގަވައިދަށް ބަލާއިރު އުމްރާގެ އަޅުކަމަށް ހަރަމަށް އެތެރެވެވޭނީ އުމުރުން 18 އަހަރުން މަތީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އުމްރާގެ އަޅުކަންކަން ފުރިހަމަކުރުމަށް އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓްރީ ވާން ޖެހޭނެއެވެ. ވެކްސިން ޖެހި މީހުން ސައުދީއަށް ދިއުމުގެ ހުއްދައަށް އެދޭއިރު ވެކްސިން ޖެހިކަމުގެ ހެއްކެއްގެ ގޮތުގައި ވެކްސިން ސެޓިފިކެޓް ހުށަހަޅަންޖެހޭނެއެވެ.
ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު އުމްރާގެ އަޅުކަމަށް ހުޅުވާލަން ނިންމާފައިވާއިރު، ބަސްތަކުގައި ދަތުރުކުރުމުގައިވެސް މީހުން އުފުލޭނީ ބަހުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އުމްރާވެރިންނަށް ސައުދީގެ ބޯޑަރު ހުޅުވާލަން ނިންމާފައިމިވަނީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި ހުންނަތާ 18 މަސް ދުވަސް ފަހުންނެވެ.