ads
ފައިޒާގެ ވެކްސިން
އެމެރިކާއިން ހަދިޔާކުރި ފައިޒާ ވެކްސިންގެ ޝިޕްމެންޓް ރާއްޖެ ގެނެސްފި
އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމެންޓް ރާއްޖެ ގެނެސްފިއެވެ.

އެމެރިކާއިން ހަދިޔާކޮށްފައިވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން 128،700 ފައިޒާ ވެކްސިންގެ ޑޯޒްއެވެ. 

ވެކްސިން ހަވާލުކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނީ ބީ ޓެޕްލިޒް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންގެ އިތުރުން ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދު ހަދިޔާކުރެވުނު ވެކްސިންގެ ޝިޕްމަންޓާއެކު ރާއްޖޭގައި ވެކްސިންގެ ކެމްޕޭނަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މިއަދު ހަދިޔާ ކުރި މި ވެކްސިން ޑޯޒްތައް ޖަހާނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކަމަށެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ދިނުމަށް ވަރުގަދަ އަމާޒެއް ހިއްޕަވާފައިވާ ކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އެޗްޕީއޭއިން ވަނީ ދާދިފަހުން އެ އިދާރާގެ ގައިޑްލައިންތައް ބަދަލުކޮށް ވެކްސިން ޖެހޭ އުމުރުފުރާ 12 އަހަރުން މައްޗަށް ބަދަލުކޮށްފައެވެ. އޭގެ ކުރިން ރާއްޖޭގައި ވެކްސިން ޖަހަމުން ދިޔައީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކުޑަ ކުދިންނަށް ވެސް ވެކްސިން ދީފައި އެބަހުއްޓެވެ. 

ކޮވިޑްގެ ކޭސްތައް މަދުވުމުން ކޮންމެ ފަހަރަކުވެސް ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން މަސައްކަތް ކުރާއިރު، އެގޮތައް އެކަން ކުރުމުން ވަރަށް ގިނަ ކޭސްތަކެއް ކޮންމެ ފަހަރަކުވެސް ސްކޫލްތަކުން ފެނެއެވެ. 

އެހެންނަމަވެސް 12 އަހަރުން މަތީގެ ކުދިންނަށް ރާއްޖޭގައި ވެކްސިން ދޭން ވަރަށް އަވަހަށް ފެށިގެންދާއިރު، މިފަހަރު ސްކޫލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މާހައުލަށް ވަންނަ އެންމެންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންތޯ ކަށަވަރުކުރުމަށް އެޑިއުކޭޝަން މިިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ވެކްސިން ޕްރޮގްރާމް އޮގަސްޓުގައި ނިންމާލާއިރު، ސްޕެޓެމްބަރުން ފެށިގެން ސްކޫލްތަަކަށް ވަދެވޭނީ ހަމައެކަނި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

ސްކޫލްތަކަކީ ރައްކާތެރި މާހައުލަަކަށް ހެދުމަށް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ވަދެނިކުމެ އުޅޭ ހުރިހާ ފަރާތްތަކާއި، ދަރިވަރުންވެސް ވެކްސިން ސެޕްޓެމްބަރުގެ ކުރިން ފުރިހަމަ ކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި ޓީޗަރުންނަށް ހާއްސަކޮށްެގެން ހިންގާ ވެކްސިނޭޝަން ޕްރޮގްރާމެއް މިހާރުވެސް ކުރިއަށްދާއިރު، އަންނަ ހަފްތާގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް ވެކްސިނޭޝަން ޕްރޮގްރާމެއް ވަނީ ފަށަން ނިންމާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް