ads
ރައީސްގެ މިއަދުގެ ޕްރެސް ތެރެއިން
ރާއްޖެއަކީ އެންމެ ރަނގަޅަށް ކޮވިޑް ކޮންޓްރޯލްކުރި އެއް ގައުމު: ރައީސް ސޯލިހު
ރާއްޖެ ހިމެނިގެންދާނީ އެންމެ ރަނގަޅަށް ކޮވިޑް ބަލި ކޮންޓްރޯލް ކުރި ގައުމުތަކުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރީ ޕްލޭން ކުރެވިގެންތޯ ނުވަތަ އިއްތިފާގަކުންތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ ފުރަތަމަ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާއިން މި ބަލި ފެނުމާއެކު އެ ދުވަހުން ދުވަަހަށް ބައްދަލުވުމެއް ބާއްވާ ރާއްޖެއަށް ވައިރަސް އަތުވެދާނެ ކަމަށް ބަލައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. 

ރައީސް ވިދާޅުވީ އެއިރު ރާއްޖޭގައި ބައްޔަށް ޓެސްޓުކުރެވޭނެ ހިދުމަތް ވެސް ލިބެން ނެތް ކަމަށާއި އެއިރު ޓެސްޓު ކުރަމުން އައީ އިންޑިއާގެ ޕޫނޭއަށް ފޮނުވާއިގެން ކަމަށެވެ. އޭގެ އިތުރުން އެހާލަތުގައި ބޭހެއް ނެތް ކަމަށާއި އެނދުމަތި ކުރާނެ އެނދެއް އަދި އޮކްސިޖަން ދެވޭނެ ގޮތެއް ވެސް ނެތްއިރު ހިދުމަތްދޭނެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ދަތުރުކުރާނެ ގޮތް ވެސް ނެތް ކަމަށެވެ. 

ރައީސް ވިދާޅުވީ އެ ދުވަހުން އެ ދުވަހަށް އެޗްޕީއޭއިން ޕްލޭނެއް ތައްޔާރުކުރި ކަމަށާއި ސަރުކާރުން ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން އައީ އެ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

ޕްލޭނާ އެއްގޮތަށް ބަލި ރަނގަޅަށް ކޮންޓްރޯލް ކުރެވެމުން އައި ނަމަވެސް ބޯޑަރު ހުޅުވާލުމާއެކު، ދުނިޔޭގައި އިތުރު ވޭރިއަންޓްތަކެއް ފެތުރި އޭގެ އަސަރު ރާއްޖެއަށް ކުރި ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެކަން ވެގެން ދިޔައީ ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކޮށް، ހިދުމަތްތަކަށް ބުރޫ އަރައިގެން ދިޔަ ކަމެއް ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ ހާލަތު ގޯސްވާން ފެށުމާއެކު ވެސް އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކޮށް، ހިދުމަތްތައް ދިނުން އިތުރަށް ފުޅާ ކުރެވިގެން ދިޔަ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގަ އެންމެ ރަނގަޅަށް މަަސައްކަތް ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން، ބޭރުގެ މިކަން ބަލާ ފަރާތްތަކުން ދެނެގަނޭ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މުޖުތަމައުތެރެއިން ބަލި ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ލޮކްޑައުންއެއްގައި ދެ މަހެއްހާ ދުވަސް ހޭދަކުރުމަށްފަހު ބަލި ކޮންޓްރޯލް ކުރުމަށްފަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ދުވަހުއެވެ. ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުގެ ތެރޭގައެވެެ. މަހެއް ހާ ދުވަހުގެ ހަރުކަށި ފިޔަވަޅުތަކަކަށްފަހު، މިހާރު ރާއްޖޭގައި ވަނީ ބަލި އެއްވަރެއްގައި ހިފެހެއްޓި ކޮންޓްރޯލްވެފައެވެ. 

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް