ads
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ނުހައްގުން އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާނަމަ އެފައިސާ ދައުލަތައް ނެގުމަށް އަންގައިފި
އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް އަލުން ރިވިއުކޮށް، އެލަވަންސްއަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެ އެލަވަންސް ދެވިފައިވާނަމަ އެމީހުންގެ އަތުން އެފައިސާ އަބުރާ ދައުލަތައް ހޯދުމަށް އޮޑިޓަ ޖެނަރަލް(އޭޖީ)އޮފީހުގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއަށް އަންގައިފި އެވެ.

އެގޮތައް އަންގާފައިވަނީ، އެއޮފީހުން މިއަދު އާއްމުކުރި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އާންމު ފަރުދުންނަށް ދައުލަތުން ފޯރުކޮށްދީފައިވާ އިންކަމް ސަޕޯޓް ސްކީމްގެ ޕަފޯމަންސް ބެލުމަށް ކުރި އޮޑިޓް ރިޕޯޓްގައެވެ.

އެއޮޑިޓުގައި ބަލައިފައިވަނީ އިންކަމް ސަޕޯޓް ދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ހަރުދަނާ އުސޫލުތަކެއް ގާއިމު ކޮށްފައިވޭތޯ އާއި މި ސްކީމުގެ ސަބަބުން ޤްތިސާދަށް ކުރާ އަސަރު ކުޑަކުރެވިފައިވޭތޯއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިންކަމް ސަޕޯޓް އެލަވަންސަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ގާއިމްކުރެވިފައި ނުވުއެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި   އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

އެގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ
ސަބަބުން އެސްކީމުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދޭ ފަރާތަށް އެހެން އާމްދަނީ އެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވޭނެ އިންތިޒާމެއް ނެތެވެ. އަދި، ނަގުދު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތައް އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ނިޒާމެއް މުޅި ދައުލަތުގެ ފެންވަރުގައިވެސް ގާއިމްކުރެވިފައިނުވެއެވެ. 

މިހެންވުމުގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ހިރާސް އޮތްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އިސްލާހްކުރަން ލަފާދޭ ކަންތަކުގެ ތެރޭގައި އެ ރިޕޯޓުގައި، ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ. 

ފުރަތަމަކަމަކަށް ފާހަގަކޮށްފައިވަނީ، އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ސާމްޕަލް އުސޫލުން ރިވިއުކޮށް، އެލަވަންސަށް ޝަރުތު
ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައިވާނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން އަވަސްކުރުމަށެވެ. އަދި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅުމުގެ ސަބަބުން އެލަވަންސަށް ޝަރުތުހަމަވެ، ފައިސާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

އިސްލާހްކުރަން ހުރި އިތުރު ކަންތަކުގެ ތެރޭގައި،  ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސްކީމްތަކެއް ތައާރަފްކުރުމުގެ ބޭނުންޖެހިދާނެތީ، އެކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އިގްތިސާދުގެ
ރަސްމީ ދާއިރާއާއި ނުރަސްމީ ދާއިރާވެސް ހިމެނޭގޮތަށް، އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް،
އެ ފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައިވެއެވެ.

އަދި ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ދަތިތަކާ ކުރިމަތިވެ، ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކަށް ފައިސާ ދޫކުރެވުން
ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ޤައުމީ ފެންވަރުގައި މިފަދަ ކަންތައްތައް
ހައްލުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެމިނިސްޓްރީގެ އިސްނެގުމުގެ
މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމާއި، އެފަދަ ކޮންމެ ސްކީމެއް ފެށުމުގެ ކުރިން، ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި "ފްރޯޑް ރިސްކް އެސެސްމެންޓް" އަކާއި "އިންޓަނަލް ކޮންޓްރޯލް އެސެސްމެންޓް" އެއް ހެދުމަށްވެސް އެދިފައިވެއެވެ.

މީގެއިތުރުން، އެ މިނިސްޓްރީން ހިންގާ ޖޮބް ސެންޓަރުގެ މަސައްކަތް ފުޅާކޮށް، ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ، އެ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނެރެ، އިޤްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށާއި، މަސައްކަތް
ކޮށްގެން އާމްދަނީ ހޯދޭ ހާލަތުގައިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް އެމިނިސްޓްރީއަށް ވަނީ އަންގާފައެެވެ. 

44%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް