ads
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)--
ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނީ ރައީސް ނަޝީދު ކުރިމަތިލައްވައިގެން: ބޮންޑޭ
ކުރިއަށްއޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކާމިޔާބުވެ، ވެރިކަން ލިބޭނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ހޯއްދަވައިފިނަމަ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދު ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ. 

މީގެ ކުރިން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ދިވެހި ޗެނަލް" އަށް ދިން އިންޓަވިއުއެއްގައި ބޮންޑޭ ވިދާޅުވީ ރައީސް ސޯލިހު ވެރިކަން ބޭނުންފުޅު ވާ ނަމަ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެއީ އެންމެ ޑިމޮކްރެޓިކް ގޮތްކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ އެއިރުން ކާމިޔާބު ކުރާ ލީޑަރެއްގެ ފަހަތްޕުޅަށް ބަލިވާ ލީޑަރަކު އަރުއްވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރެއްވިނަމަވެސް މިހާރު "އެ ގެންގުޅޭ ކުދިން" ކައިރިއަށް ލައިގެން ޕްރައިމަރީ ކާމިޔާބުނުވާނެ ކަމަށެވެ. ކުދިން ކޮޅު ކައިރިއަށް ލައިގެން ގިނަ ވޯޓު ލިބޭނެ ކަމަށް ގަބޫލުކޮށްގެން އުޅުނު ނަމަވެސް އެގޮތަށް ނުވާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ. ރައީސް ސޯލިހު މިހާރު ކަންކުރައްވާ ގޮތުން ރައްޔިތުން ވަރަށް ނަފްރަތު ކުރާ ކަމަށާ އެގޮތުން ރައީސް ނަޝީދަށް އަޅާނުލައްވާ، ބަޔަކު މީހުން މާ ކައިރިކޮށްގެން އުޅުން ފަދަ ކަންކަން ކުރައްވާތީ އެމްޑީޕީގެ ގިނަ މެންބަރުން މިފަދަކަން ކަމަށް މާފު ނުކުރާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ ރާއްޖޭގައި އިތުބާރު ކުރެވޭ ލީޑަރަކަށް ހުރީ އެންމެ ބޭފުޅެއް ކަމަށާއި އެއީ ރައީސް ނަޝީދު ކަމަށެވެ. ރައްޔިތުން އަދިވެސް ރައީސް ނަޝީދަށް އިތުބާރު ކުރައްވާ ކަމަށާއި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުވާނީ ޕްރައިމަރީގައި ރައީސް ނަޝީދު ކާމިޔާބު ކުރައްވައިގެން ކަމަށް ވިދާޅުވިއެވެ. 

"ޕްރައިމަރީގައި ރައީސް ނަޝީދު ކާމިޔާބުކޮށްފި ކަމަށްވަންޏާ އެމްޑީޕީއަށް ކާމިޔާބުވާނީ. ޕްރައިމަރީގައި ރައީސް ނަޝީދު ކާމިޔާބުކޮށްފިއްޔާ އެމްޑީޕީ ކާމިޔާބު ކުރާނެ. އެކަމު ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބު ވެއްޖެއްޔާ މި ރާއްޖޭގައި އަޅުގަނޑަށް ހީވަނީ އެހެން މީހަކު ހެން ވެރިކަން ކުރާނީ" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު ނާކާމިޔާބުވެ، ރައީސް ސޯލިހު އިންތިހާބުގައި ކާމިޔާބުވެއްޖެނަމަ އެމްޑީޕީގެ ގިނަ މެންބަރުން ވޯޓު ލާން ވެސް ނުދާނެ ކަމަށާއި މިހާރު ހުރި ތަފާތު ކުރުންތައް ތަކުރާރު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންކަން ތަކުރާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ވޯޓު ލާން ޖެހޭ ސަބަބެއް ވެސް އޭރުން ނޯންނާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ. 

އެމްޑީޕީގެ ދެ ލީޑަރުން ކަމަށްވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެފައިވާއިރު، ހަރުކަށި ފިކުރަށް ތާއީދުކުރާ ސަރުކާރަކަށް ތާއީދުކުރެވެން ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދާދި ފަހުން ސަރުކާރަށް ކުރައްވާ ތާއީދު ވަނީ ނަންގަވާފައެވެ. 

ނިމިދިޔަ ޖުލައި މަހު ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދީގެން ބޮޑު މެޖޯރިޓީއަކުން ހޮވީ އެމްޑީޕީގެ އަސާސްތައް ބަލައިގަނެ އެ އަސާސްތައް ހިންގުމަށް ކަމަށާއި ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް ނޫން ކަމަށެވެ.

ސަރުކާރުން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އެންމެ އަަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުންދާ ކަމަށާއި، އެގޮތުން ނަފްރަތުގެ ބިލް ސަރުކާރުން ހުށަހެޅުމާއެކު އަދާލަތު ޕާޓީން އެ ބިލާ ދެކޮޅު ހެދުމާއެކު ސަރުކާރުން ވެސް އެކަމަށް ފަސް ޖެހިފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަފްރަތުގެ ބިލަށް ތާއީދު ކުރާ މީހުން ކާފަރުކުރުމާއި އެ ފަދަ މީހުން ނަފްރަތުގެ އަމަލުތަކުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު ސަރުކާރަށްވެސް ހީވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް