ads
ފޮޓޯ: މަޖިލިސް
މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ރިޔާސަތު ބައްލަވާނީ އީވާ!
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ. ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 09:00ގައި ފަށާއިރު، ރިޔާސަތު ބައްލަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ޒިއާއު "ސީއެންްއެމް"އަށް ވިދާޅުވީ، ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާނީ މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް މަޖިލީހުގެ ތެރޭގައި އޮންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. 

މާދަމާ ޖަލްސާއަށް ހަތަރުކަމެއް އެޖެންޑާ ކޮށްފައިވެއެވެ. ފުރަތަމަ ކަމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

ދެވަަނަ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. 

ތިންވަނަ ކަމަކީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާ ފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ މަސައްކަތް ކުރުމެވެ. 

އަދި ހަތަރު ވަނަ ކަމަކީ ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ހުށަހަޅުއްވާ ފައިވާ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދިއުމުގެ އިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ. 

މަޖިލީހުގެ ތިންވަނަ ދުއުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދު ފަށާއިރު، މިދައުރުގެ ޖަލްސާތައް މިފަށަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނެތިއެވެ. މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯދެއްވުމަށް ބޭރަށް ވަަޑައިގަތް ގޮތަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަންފައެއް ނުވެއެވެ. 

އެމަނިކުފާނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވާހަކަތައް ދެކެވެނުނަމަވެސް މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން ފާހަގަވި ކަންކަން ރަނގަޅުކޮށް ސަމާލަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ކަށަވަރު ކުރުމަކާނުލާ ނަޝީދު އެނބުރި ރާއްޖެ އަންނާކަށް ނޭދޭކަމަށާއި އެކަމާ ނުރުހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. ހަމައެފަދައިން އެމްޑީޕީން ދެކޭ ގޮތާމެދު ސަރުކާރުން ވެސް ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްް އަށް އަރުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 11ވަނަ ދުވަހުއެވެ. އެކަމަށްޓަކަައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވަނީ "ހެދިފައިވާ ގޯސްތައް" ކަމަށް އެ ރިޕޯޓްގައި ފާހަގަކުރި ކަންކަން ކުރިއަށް އޮތް ތަނުގައި އިސްލާހު ކުރައްވާނެ ކަމަށާއި، އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ފައެވެ.

އެފަހުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހް އެންއެސްސީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ. 

އެކަން ހާމަކުރައްވާ، ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ފާހަގަކުރައްވާފައި ވާކަމަށެވެ. އަދި އެ ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންކަންކަަމެއް ހާމަކޮށްފައެެއް ނުވެއެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް