
ތާލިބާނުންގެ ކޮމާންޑަރުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިވަގުތު ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ ވަނީ އަފްގާނިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަދެ އެތަނުގެ ކޮންޓްރޯލް ނަގާފައެވެ.
ތާލިބާނުން އަފްގާނިސްތާންގެ ރިޔާސީ ގަނޑުވަރު ހިފާފައިވާއިރު އަފްގާން ރައީސް އަޝްރަފް ގަނީ ވަނީ މިއަދު ތަޖިކިސްތާނަށް ފިއްލަވައިގަންފައެވެ. އަދި އަފްގާން ސަރުކާރުގެ އިސްވެރިން ވަނީ ކައިރި އެހެން ގައުމުތަކަށް ފިއްލަވައިގެންފައެވެ.
ތާލިބާނުން އަފްގާނިސްތާންގެ ރިޔާސީ ގަނޑުވަރު ހިފާފައިވާއިރު ގައުމުތަކުން އަންނަނީ އަފްގާނިސްތާންގައި ހުންނަ އެގައުމުތަކުގެ އެމްބަސީތައް ބަންދުކޮށް އެތަންތަނުގެ މުވައްޒަފުން ރައްކާތެރިކަމާއެކު އަފްގާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެމެރިކާއިން ވަނީ މިއަދު އިތުރު 5،000 ސިފައިން އެމްބަސީ މުވައްޒަފުން އަދި އަފްގާން ތަރުޖަމާނުން ހަލުވި ކަމާއެކު ބޭރުކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެގައުމަށް ފޮނުވަން ނިންމާފައެވެ.
އެމެރިކާއިން ސެޕްޓެމްބަރު 11 ކުރިން އަފްގާނިސްތާނުން ސިފައިން ބާލަން ނިންމިތާ ކުޑަދުވަސްކޮޅެއް ނުވަނީސް ތާލިބާނުން ވަނީ އަފްގާނިސްތާންގެ ބޮޑުބައެއް ހިފާފައެވެ.
ތާލިބާނުން އަފްގާނިސްތާންގެ ކޮންޓްރޯލް ނަގާފައިވާ މި ދަނޑިވަޅުގައި، އިންސާނީ ބޮޑު މުސީބާތެއް އަފްގާނިސްތާނަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާތްތަކުން ވަނީ ދީފައެވެ.
އެގޮތުން އަފްގާން އަންހެން ކުދިންނަށް ކިޔެވުން އަދި ވަޒީފާ އަދާކުރުމުގެ ހައްގު ގެއްލި ދިއުމުގެ ފުރުސަތު އޮތް ބޮޑު ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާތްތަކުން އަންނަނީ ބުނަމުންނެވެ.