ads
ފްލައިޓްގައި ހިފަހައްޓައިގެން ހުރި މީހަކު ވެއްޓޭ މަންޒަރު
ފްލައިޓް ފުރި ވަގުތު އޭގައި ހިފަހައްޓައިގެން ތިބި މީހުން ވެއްޓޭ މަންޒަރު
އިއްޔެގެ ވަގުތެއްގައި ތާލިބާނުން ވަނީ އަފްގާނިސްތާންގެ ވެރިރަށް ކަބުލް ހިފައި އެގައުމުގެ ސަރުކާރު ވައްޓާލާފައެވެ. އެއާއެކު ގިނަ އަދަދެއްގެ މީހުން ވަނީ އެގައުމު ދޫކޮށް ދިޔުމުގެ މަސައްކަތް ފަށާފައެވެ.

އެމެރިކާގެ ސިފައިން މިއަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ކުރިން އަފްގާނިސްތާނުން ފައިބާނެކަން ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ދުވަހުން ފެށިގެން ތާލިބާނުން ދިޔައީ ހަލުވި ކަމާއެކު އަފްގާނިސްތާނުގެ ސަރަަހައްދުތަކަށް ވެރިވަމުންނެވެ. 

އިއްޔެ ވެރިރަށް ކަބުލް ތާލިބާނުންގެ އަތްދަށަށް ދިއުމާއެކު އެމެރިކާއިން ވަނީ ކަބުލްގައި ހުންނަ އެގައުމުގެ އެމްބަސީ މުވައްޒަފުންނާއި ހަނގުރާމާއިގައި އެމެރިކާއަށް ވާގިވެރިވި އަފްގާން ރައްޔިތުން އެގައުމުން ބޭލުުމުގެ މަސައްކަތް ފަށާފައެވެ. 

އަފްގާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނާއި އަދި އެ މީހުންނަށް އެހީތެރިވި މީހުން އަފްގާނުން ބޭލުމުމަށްޓަކައި އެމެރިކާއިން ވަނީ އިތުރު 6،000 ސިފައިން އެގައުމަށް ފޮނުވާފައެވެ. ކަބުލްގައި ހުންނަ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓް މިވަގުތު އޮތީ އެމެރިކާގެ ބާރުގެ ދަށުގައެވެ. 

ކަބުލްގެ އެއާޕޯޓުން މިއަދު އެމެރިކާ އަސްކަރިއްޔާގެ ބޯޓެއް ނައްޓާލި ވަގުތު ގޮތް ހުސްވެފައިވާ އަފްގާނުގެ އެތައް ބަޔަކު ވަނީ ފްލައިޓަށް އަރާފައެވެ. އަދި ފްލައިޓްގެ ބޭރުގައި ހިފަހައްޓައިގެން ތިބި މީހުން ވައިގެތެެރޭގައި ފްލައިޓް އޮއްވާ ވެއްޓޭ މަންޒަރާއެކު ގިނަ ބަޔަކު ވަނީ އެމެރިކާއިން އަފްގާނިސްތާނަށް އެރި މަގްސަދު ހާސިލްވެއްޖެތޯ ސުވާލު އުފައްދާފައެވެ. 

އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ. 

މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ. 

އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ދަނީ ބުނަމުންނެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް