ads
ވީޑިއޯ ރިޕޯޓް:
ދަރިވަރުންގެ "މައި ބަދަ" ސަލާމަތްކުރެވިދާނެ ބާ؟
ދަރިވަރުން ފޮތް ދަބަސް ދޫކޮށްލާކަމަށް މި ދެކެވޭ ވާހަކައިގެ މަފްހޫމަކީ ދަރިވަރުންތަކެއް ކިޔެވުމާއި ދުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ދަރިވަރުންނަށް ދިމާވެދާނެ ސިއްހީ އަދި ނަފްސާނީ މައްސަލައަކުން ސަލާމަތް ކުރުމުގެ ވާހަކަ އެވެ.

ބެލެނިވެރިއަކު އިއްޔެ ސޯސަލް މީޑިއާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އަރިހުން އެދުނު އެދުމެއްގައި އޮތީ ބަރު ފޮތްދަބަސް ދޫކޮށްލެވޭނީ ކޮންއިރަކުންތޯ؟ ސުވާލުކޮށްފައެވެ. 

އެ ބެލެނިވެރިޔާ އެދިފައިވަނީ ދަރިވަރުން ފޮތް ދަބަސް އަޅުވައިގެން ކުރާ ބުރަ މަސައްކަތް ނިމުމަކަށް ގެނައުމެވެ. އެގޮތުން ސްކޫލްތަކުގައި ލޮކަރު ހަރުކޮށްދެވޭނީ ކޮން ދުވަހަކުންތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. 

އޭނާގެ އާދޭސްތަކަށް ތަރުހީބު ދީ އެތައް ބެެނިވެރިންނެއް މިހާރު އަންނަނީ ދަރިވަރުން ފޮތް ދަބަސް ދޫކޮށްލެވޭނެ ގޮތެއް ހަދަދިދިނުމަށް އެދެމުންނެވެ. 

ބަރު ފޮތް ދަބަހުގެ ވާހަކައަކީ އެތައް ޒަމާންތަކެއް ވަންދެން ބެލެނިވެރިންގެ ވެސް އަދި ދަރިވަރުންގެ ވެސް ޝަކުވާއަކަށް ވެފައިވާ ކަމެކެވެ. 

ދަރިވަރުން ފޮތް ދަބަހާއެކު އުސް ސިޑިތަކަށް އަރާތަން ބަލަން ބައެއް ބެލެނިވެރިންގެ ހިތަކަށް ކެތެއް ނުވެއެވެ. 

ދިވެހި ރާއްޖޭގައި ދައުލަތުން ފޯރުކޮށްދޭ ތައުލީމާމެދު ވިސްނާލާއިރު، ރާއްޖޭގެ ސިލަބަހަކީ "ވަށާޖެހި" ތައުލީމު ދެވޭ އޮނިގަނޑެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަަބަދުވެސް އަންނަނީ ބުނަނަމުންނެވެ. އެެހެން ނަމަވެސް "ވަށާޖެހި" ތައުލީމު ފޯރުކޮށްދީ ނިމޭއިރު، ދަރިވަރުންގެ މައިބަދަ ވެސް ސަލާމަތުން ހުންނަން އެބަޖެހެއެވެ. 

މަންހަޖު މޮޅުވި ވަރަކަށް ފޮތް ދަބަސް އަންނަނީ ބަރުވަމުންނެވެ. އެހެން ނަމަވެސް   ރާއްޖޭގައި ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމު ހާސިލު ކުރާ ގިނަ ދަރިވަރުންނަށް މިހާރު ވަނީ ޓެބްލެޓް ވެސް ދޫކުރެވިފައެވެ. 

ޓެބްލެޓް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކަމަށްވާއިރު، އޭރު އެޑިޔުކޭޝަން މިނިސްޓްރީން ދެއްކި ވާހަކައިން ދަރިވަރުންގެ ފޮތްތައް ވެސް ޓެބްލެޓުން ބަލައިލެވޭނެހެން ޑިޖިޓަލް ވާނެއެވެ.

ނަމަވެސް ރައީސް ޔާމިންގެ ވެރިކަމާއެކު ފޮތްތައް ޑިޖިޓަލްވާ ވާހަކަވެސް، ނިމިގެން ދިޔަ ކަހަލަ އެވެ. 

މި މައްސަލައަކީ ފަސޭހަކަމާއެކު ހައްލު ކުރެވިދާނެ މައްސަލައެއްކެވެ. މިގޮތުން އެއް ވިސްނުމަކީ ކޮންމެ ދަރިވަރަކަށް ލޮކަރެއް ސްކޫލްތަކުގައި ގާއިމްކުރުމެވެ. ނޫން ނަމަ ދެން އޮތް ހައްލަކީ ފޮތްތައް ޑިޖިޓަލައިޒްކުރުމެވެ. 

ކޮންމެ ދަރިވަރަކަށް ސްކޫލް ފޮތްތަކާއި، ފަންސޫރު ފަދަ ތަކެތި ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުން އަންނައިރު، ފޮތްތައް ޑިޖިޓަލައިޒް ކުރެވިއްޖެ ނަމަ ފޮތް ޗާޕު ކުރުމަށް ދައުލަތުން ކުރާ ހަރަދު ބޮޑުތަކުން ކުޑަވެގެން ދާނެއެވެ. އަދި ފޮތްތައް އަދާހަމަކުރުމާއި، މުހިންމު ބަދަލެއް ގެންނަން ޖެހޭ ހާލަތްތަކުގައި އެ ބަދަލު ގެނައުމަށް ވެސް ފަސޭހަ ވެގެން ދާނެއެވެ. 

މި މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ބަރު ފޮތް ދަ ބަހުގެ މައްސަލައަކީ ވެސް ހައްލު ކުރުމަށް އެ މިނިސްޓްރީގެ ތެރޭގައި އެކި ލެވަލްތަކުގައި މީހާރު ވެސް ދެކެވެމުން އަންނަ ވާހަތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ އަވަހަށް ދަރިވަރުންގެ މައިބަދަ ސަލާމަތް ކުރުން މުހިންމެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް