ads
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ--
އަފްްޣާން އޮތް ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލަނީ
އަފްގާނިސްތާނުގެ ވެރިކަން ތާލިބަނުންގެ ޖަމާއަތުގެ އަތްމައްޗަށް ފުރޮޅުމާއި ގުޅިގެން ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތްތޯ ބެލުމަށް ރިސްކް އެސެސްމަންޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ. ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ 16 ވީ އާދިއަތަ ދުވަހު ފެށިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ބޭރަށް ވަޑައިގަތުމަށްފަހު އަބުރާ ރާއްޖެ ވަޑައިގަންފައި ނުވާތީ މަޖިލީހުގެ ރިޔާސަތު ބައްލަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް މިދިޔަ ހޯމަ ދުވަހު އިވާ ފޮނުވާފައިވާ ސިޓީގައި އަފްގާނިސްތާނުގެ މަޝްރަހު އޮތް ގޮތުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ބެލުމަށް އިދާރާތަކުން ހަދާފައިވާ ރިސްކު އެސެސްމަންޓް ދެނެގަތުމަށް ނުވަތަ އެފަދަ ރިސްކް އެސެސްމަންޓެއް ހެދުމަށް ހުށަހަޅުއްވާފައިވާއިރު، އެހީއަށް ބޭނުންވެފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރާއްޖެއަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ. 

އަފްގާނިސްތާނަށް ތާލިބާނުން ވެރިވެގަތުމުން ރާއްޖެއަށް އެކި ގޮތްގޮތުން އަސަރު ކޮށްފާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު މިމަހުގެ 15 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ޑރ ޝަހީދު ވިދާޅުވީ ސަލާމަތީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. ޑރ. ޝަހީދު ޓުވީޓު ކުރައްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމްއެންޑީއެފް ގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ނަށް ޓެގް ކުރައްވަމުންނެވެ. 

ތާލިބާން ޖަމާއަތުގެ އަތްދަށަށް އަފްގާނިސްތާނު ގެންގޮސް މުޅި އަފްގާނިސްތާން ހިފާފައިވަނީ ވެސް މިމަހުގެ 15ވަނަ ދުވަހު އެވެ. ހަމަ އެދުވަހު ރައްޔިތުންގެ ހާލަށް ރައްޔިތުން ދޫކޮށްލުމަށްފަހު އެގައުމުގެ ރައީސް އަޝްރަފް ޢަނީ ވަނީ ފިއްލަވާފައެވެ.

އެހެންކަމުން އަފްޣާންގެ ހިންގުން ތާލިބާނުގެ އަތްދަށަށް މިހާރު ވަނީ ގޮސްފައެވެ. ތާލިބާނުން އެމީހުންގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ގޮތްހުސްވެފައިވާ އެތައް ރައްޔިތުންނެއް ދަނީ އެގައުމުން ބޭރުވުމަށް މަސައްކަތްކުރަމުންނެވެ. އަދި އަނެއްބައި މީހުން ގެތަކުގައި ފިލައިގެން ތިބިއިރު އަލްޖަޒީރާއިން ރިޕޯޓް ކުރާގޮތުން މުޅި އަފްޣާންގެ މަގުތައް މަތިން ފެންނަނީ ތާލިބާނުންގެ ޖަމާއަތުގެ މީހުން އެކަންޏެވެ. އަދި އެއްވެސް ވަރަކަށް އަންހެނުން މަގުތައް މަތިން ނުފެންނައިރު، ތާލިބާނުން ދަނީ އެގައުމުގައި "ރާޖް" ކުރަމުންނެވެ.  

ތާލިބާނުން އަފްޣާން ހިފުމަށްފަހު އަންހެނުންގެ ހައްގުތައް ގެއްލުވާލާ، މީހުން މަރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް އަފްގާނިސްތާންގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުންނާ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކަށް މާފުދީ އަންހެނުން ތާލިބާނުންގެ ސަރުކާރާ ގުޅެން އެމީހުން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ލޭ އޮހޮރުވުމެއް ބާއްވަން ބޭނުން ނުވާކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. 

އަންގާރަ ދުވަހު މީހުން ބޭރުކުރަން ކުރި މަސައްކަތުގެ ތެރެއިން ހަތް މީހަކު މަރުވެފައިވާއިރު އެތަނުން ބައެއް މީހުންނަކީ އެމެރިކާ އަސްކަރިއްޔާގެ ފްލައިޓެއް ނައްޓާލި ވަގުތު އޭގައި ހިފަހައްޓައިގެން ތިބި މީހުންނެވެ. އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބާލަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސިފައިން ބާލަން ނިންމި ނިންމުން ދިފާއު ކުރައްވާފައެވެ. ރައީސް ބައިޑެން ވިދާޅުވީ އެ ނިންމެވުމަަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި އަދިވެސް އެގޮތުގައި ހުންނެވި ކަމަށެވެ. 

ތާލިބާނުން ވަނީ އަފްގާނިސްތާން ހަނގުރާމަ ނިމިއްޖެކަން އިއުލާނުކޮށްފައެވެ. އަދި ޗައިނާއިން ވަނީ ތާލިބާނުންނާ އެކު އެކުވެރި ގުޅުމެއް ބާއްވަން ތައްޔާރަށް އޮތް ކަން ބުނެފައެވެ. ރަޝިޔާ އަދި އިރާނުން ވެސް ވަނީ ޑިޕްލޮމެޓިކް ގުޅުން ބޭއްވުމަށް ނިންމާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް