ads
ކާނަލް ނާޒިމް - ފޮޓޯ: ޕީއެސްއެމް
އިދިކޮޅުން ނާޒިމަށް: ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެންނެއް ނޫން
ކުރީގެ ޑިފެންސް މިނިސްޓަރ، ދަނގެތީ ދާއިރާގެ މެންބަރު ކާރނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ގެއިން ފިސްތޯލަ އެއް ފެނުނު މައްސަލައިގައި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު އާ ގުޅުވައިގެން ދެއްކެވި ވާހަކަ ކުށްވެރިކޮށް، ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެންނެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައްދުދީފިއެވެ.

 ސަންގުޓީވީގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ ދިރިއުޅުއްވާ ގޭގެ ކަބަޑެއްގެތެރެއަށް ފިސްތޯލައަކާއި، ގޮވާތަކެތި ލައިގެން ހުންނަވާފާނެކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ހަމައެހެންމެ އުސޫލުތައް ހުންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު ސޮއިކުރައްވައިގެން ހަތިޔާރު ގެންދެވޭ ގޮތަށް ކަމަށާއި، އެ ގޮތުން ބާލިސް ދަށުގައި ފިސްތޯލައެއް ބާއްވައިގެން އޮތުމަކީ ބުއްދި ގަބޫލުކުރާކަމެއް ނޫން ކަމަށެވެ.

އެއީ އޭނާ ފްރޭމް ކުރަންވެގެން ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށާއި، އެއީ އޭރުގެ ރައީސްއާއި، ކޮމިޝަނަރު އޮފް ޕޮލިސްއާއި، ޓޫރިޒަމް މިނިސްޓަރަށް އެނގިވަޑައިގެން އެ ބޭފުޅުންގެ ރޭއްވެވުމެއްގެ ދަށުން ހިނގާފައި އޮތް ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައަކީ ބަލައި ފާސްކުރަން އައި މީހުން އަމިއްލައަށް ހިފައިގެން އައި އެއްޗެއް ކަމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އިން ވަނީ ނާޒިމް ދެއްކެވި ވާހަކަތައް ދޮގުކޮށްފައެވެ. އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފޫޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ނާޒިމް ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމަށެވެ. 

ޕީޕީއެމްގެ ބަޔާނުގައި ބުނީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ ރައީސް ޔާމީންގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް އެނގިވަޑައިގެން ހިންގާފައިވާކަމެއްކަމަށް ވިދާޅުވިނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުންކަކަމަށެވެ. 

ސިޔާސީ ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައި ބުނެ ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ވަނީ ނާޒިމް ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި

އެހެންކަމުން ކުރީގެ ޑިފެންސް މިނިސްޓަރ، ދަނގެތީ ދާއިރާގެ މެންބަރު ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ޙަޤީޤަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ޙަޤީޤަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހިރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާރނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމަށް ގޮވާލަމެވެ. ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައިވެސް ދަންނަވަމެވެ.

ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރު ޖެނުއަރީމަހުގައި ކާނަލް ނާޒިމް ދިރިއުޅުއްވި، ގ.އެނިފްއިން ފިސްތޯލައެއް ފެނުުނުކަމަށް ބުނެ، ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ބުނެ، 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުގައި 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. އެ ގޮތުން ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަށް ހައިކޯޓުންނާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވެއެވެ.

އެހެންނަމަވެސް ނާޒިމްގެ ފަރާތުން އަލުން އެ މައްސަލަ ރިވިއުކޮށްދެއްވުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުން 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި އެ ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް