ads
ދޯނިފަހަރު ލަފާ ބަނދަރެއް ކައިރިއަށް ކުނި ޖަމާވެފައި-- ސްކްރީންޝޮޓް: ޕްރައިމް އޮކްޓޮޕަސް/ ޓްވިޓާ ވީޑިއޯ
ކުނިމެނޭޖްކުރާ ގަވައިދު ހިންގޭނެތަ؟
ތަންފީޒު ނުކުރެވޭ ގާނޫނުތަކާއި ގަވައިދު ތައް ރާއްޖޭގައި ހެދެމުންދެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ގަވާއިދަކީ "ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދު" އެވެ. އޭގެއިތުރުން ބިދޭސީންނާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދުތަކާއި އަދިވެސް ގިނަ ގަވައިދު ތަކެއް ރާއްޖޭގައި ތަންފީޒު ނުކުރެވޭ ގަވައިދު ތަކަކަށް ވެގެންގޮސްފައިވެއެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެކަން އެހެން ވެފައި ވެއެވެ.

ކުނިމެނޭޖްކުރުމާ ބެހޭ ގަވާއިދަށް އިހަކަށްދުވަހު ވަނީ ފަސްވަނަ އިސްލާހު ގެނެވިފައެވެ. މުހިއްމު ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. ކުނި އުކާމީހުން ޒިންމާ ކުރުވުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. އަދި ރަނގަޅަށް ކުނި މެނޭޖްކޮށް ނައްތާލައި ރީތި ސާފުތާހިރު ވެއްޓެއް ދިވެހީންނަށް ގާއިމްކޮށްދިނުމަކީވެސް މުހިއްމު ބޭނުމެއް ކަމަށް ވެދާނެއެވެ. އެކަމަކު އެބަދަލުތަކުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ބަދަލެއް އަތުވެދާނެބާވައެވެ؟ 

ސަރުކާރުން އާންމުކޮށް މިހާރު ކުރާ މުހިއްމު އެއްކަމެއް އޭގައިވެސް ފާހަގަ ކުރެވެއެވެ. ޖުރިމަނާ ކުރުމެވެ. ކުނި ވަކިނުކުރާ މީހުން ޖުރިމަނާ ކުރާ ގޮތަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް 5 ވަނައިސްލާހު ވަނީ ގެނެސްފައެވެ. އެގަވާއިދުގައިވާގޮތުން  އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކުރުން އެއީ ކުށެކެވެ.

އެހެންކަމުން އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ގޭބިސީތަކުން ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފި ނަމަ ފުރަތަމަފަހަރު 300ރުފިޔާއިން ޖުރިމޭނާ ކުރާނެއެވެ. ދެން ތަކުރާރު ކުރާ ކޮންމެފަހަރަކު 500 ރުފިޔާއިން ޖުރިމޭނާ ކުރާނެއެވެ. 

އެގަވައިދުގައިވާގޮތުން އެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 500 ރުފިޔާއިން ޖުރިމަނާކުރާނެއެވެ. އަދި ދެވަނަފަހަރު 700 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި ތިންވަނަފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

އެގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް، ސިނާއީ ރަށްތަކުގައާއި ޓޫރިސްޓު ރިޒޯޓުތަކުގައި ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 1000ރުފިޔާއިން ޖުރިމަނާކުރާނެއެވެ. އަދި ދެވަނަފަހަރު 1500 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި ތިންވަނަފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

your imageކ. ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއު

އެގަވާއިދުގައިވާގޮތުންމާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ހަތަރު ބަޔަކަށް ބައިކޮށްފައެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި  އެހެން ހުރިހާ ބާވަތެއްގެ ކުންޏެވެ.

މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ތިންބަޔަކަށް ވަކި ކޮށްފައެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެން ހުރިހާ ބާވަތެއްގެ ކުންޏެވެ.

މިގޮތަށް ކުނި ބައިކުރުން މުހިއްމެވެ. އެއީ ޒިންމާއެއްކަމަށް ދެކިގެން އެކަން އެގޮތަށް ކުރުންވެސް މުހިއްމެވެ. އެހެން ހެދުމުން އެމަސައްކަތްކުރާ އެހެން މީހުނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެއެވެ. އެކަމަކު އެއީ ޖުރިމަނާއެއްގެ ބިރު ދައްކައިގެން ކުރެވިދާނެ ކަމެއް ހެއްޔެވެ؟ ޖުރިމަނާ ކޮށްފާނެކަމަށްޓަކައި އެކަން ކޮށްފާނެހެއްޔެވެ؟

ދެންއޮތް ކަމަކީ އެކަން ބަލާނެ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ. ހާއްސަކޮށް މާލޭގައި އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟ ކޮންގެއަކުން ނެރުނު ކޮން ކުނިތަކެއްކަން ބުނެދޭނީ ކާކު ހެއްޔެވެ؟ އެގޮތަށް ވިސަނާލާއިރު ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން އަދި މާގިނަހެން ހީވެއެވެ. 

އެ ގަވާއިދުގައިވާ ގޮތުން އެ ގަވާއިދު ތަންފީޒުކުރާނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ. ސިޓީ ނުވަތަ ރަށު ފެންވަރުގައި މި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލާ ޒިންމާ ހަވާލުކުރުމުގެ އިޚުތިޔާރު އޭޖެންސީއަށާއި އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ސިޓީ ކައުންސިލު ނުވަތަ ކައުންސިލުތަކާ ޒިންމާ ހަވާލުކުރަންވާނީ ކައުންސިލުތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ކަނޑައަޅައިފައިވާ ގޮތަށް ކުނި ބައިބަޔަށް ބަހައިފައިނުވާނަމަ، އެ ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު ކުނި މެނޭޖުކުމުގެ ޚިދުމަތްދޭ ފަރާތަށް ލިބިގެންވާކަމަށް ކުނިމެނޭޖްކުރުމާ ބެހޭ ގަވައިދުގައި ވެއެވެ. އެހެންކަމަށްވާނަމަ ކުނިތަކާ ދެންޒިންމާވާނީ ކޮންބައެއްހެއްޔެވެ؟ ފުލުހުންހެއްޔެވެ؟ ނުވަތަ ގޭގެ މީހުން ހެއްޔެވެ؟ އަދި އެއީ ކާކުގެ ކުނިތަކެއްކަން ސާބިތު ކުރުމަށްވެސް ހާދަ ވަގުތެއް ދާނެއެވެ. ގާނޫނާއި ގަވާއިދަށް ތަބާވާ މުޖުތަމައެއް އޮންނަންޏާ މިހުރިހާ ވާހަކައެއް ދައްކާކަށް ނުޖެހޭނެއެވެ. 

"މި ގަވާއިދުގައި ވާގޮތުން އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ޚިދުމަތްދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެކި ތަންތަނުން ކުނި ނަގައިގެން ގެންދަންވާނީ މި ގަވާއިދުގެ 1-6 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ބައިބަޔަށް ކުނި ވަކިކޮށްފައި ހުންނަ ގޮތަށް އެއްބައި އަނެއްބަޔާ އެއްނުވާނެހެން ވަކިންނެވެ." ގަވައިދަށް ގެނައި އިސްލާހުގައި ވެއެވެ. ކުދި ރަށްރަށުގައި ކުނި އުކާނީ އާއްމުކޮށް ޕިކަޕެއް ފަދަ އެއްޗެއްގައެވެ. އެޕިކްޕެއް ނުވަތަ ކުނި އުކާ އުޅަނދެއްގައި ކުނި ވަކި ކުރަން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ޕާޓިޝަން ޖަހާނީ ހެއްޔެވެ؟  ނުވަތަ ކޮންމެ ބާވަތެއްގެ ކުންޏަށް ވަކި އުޅަނދެއް ބޭނުން ކުރާނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަނެއްކާވެސް އިތުރު ތަކްލީފެއް ކުނި އުކައިދޭފަރާތަށް ކުރިމަތިވާނެއެވެ.

މިފަހަރު މިގެނައި އިސްލާހުގައި އެންމެ ބޮޑަށް ބާރު އަޅަފައިވަނީ ކުނި ބައި ބަޔަށް ވަކި ކުރުމުގެ މައްޗަށެވެ. އެގޮތަށް އެމަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ރީތި ސާފު ވެއްޓެއް ގާއިމް ކުރުމަށްޓަކައެވެ. މިކަމުގެ އެންމެ ބޮޑު ޒިންމާއެއްއޮތީ ރައްޔިތުންނަށެވެ. ރީތި ގޮތުގައި ކުނި ބައިބަޔަށް ވަކި ކުރަން ތައްޔާރު ވަމާހެއްޔެވެ؟ ކޮންމެހެން ޖުރިމަނާ އެއް ކޮށްފާނެތީކީ ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް