ޔަންޓިއަން ޕޯޓް
ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ އަށް ބޮޑެތި ގޮންޖެހުން ތަކެއް، ރާއްޖެ އަށް އަސަރު ކުރޭ!
Share
ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ އަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވުމުގެ ސަބަބުން އާންމުކޮށް އެއްތަނުން އަނެއް ތަނަށް މުދާ ފޮނުވަން ހޭދަވާ ވަގުތާއި، ނަގާ އަގުތައް އިންތިހާ އަށް މައްޗަށް ގޮސްފި އެވެ.
Advertisement

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި އެކު ޕޯޓް ތަކުގެ އޮޕަރޭޝަންތައް ކުރިން ގެންދިޔަ ސްޕީޑުގައި ނުގެންދެވުމެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ބައެއް ބޮޑެތި ޕޯޓްތައް ބެކްލޮގްވެ، ޝިޕިން އަށް ހޭދަވާ މުއްދަތު އެތައް ގުނައެއް ދިގުދެމިގެން ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭގެ އިތުރުން ވެސް، ބައެއް ބޮޑެތި ޕޯޓްތަކުގެ މުވައްޒަފުންގެ މެދުގައި ކޮވިޑް-19 ފެތުރެން ފެށުމުން އެ ތަންތަނުން ބައެއް ހިދުމަތްތައް ހުއްޓާލަން ޖެހުމުން، އިތުރަށް ބެކްލޮގް އުފެދުމަކީ ވެސް ޝިޕިން އިންޑަސްޓްރީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުވެ ދިގުލައިގެންދާ ސަބަބެކެވެ.

މިސާލަކަށް މިދިޔަ ޖޫން މަހު ޗައިނާގެ ޔެންޓިއަން ޕޯޓުގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ހަ ދުވަހުގެ މުއްދަތައް ކޮންޓެއިނާ ބޭރުކުރުން ހުއްޓާލި އެވެ. އެ ޕޯޓަކީ ގްލޯބަލް ފްރައިޓް ޕެކޭސިޓީގެ ފަސް ޕަސެންޓް ހިއްސާކުރާ ޕޯޓަކަށް ވާއިރު، އެ ޕޯޓުގެ އޮޕަރޭޝަންތަކަށް އަންނަ ކޮންމެ ޑިލޭ އަކީ އޭގެ އަސަރު މުޅި ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ އަށް ކުރާނެ ކަމެކެވެ.

އެގޮތުން ޔެންޓިއަން ޕޯޓްގެ ބެކްލޮގާއި އެކު ގްލޯބަލް ޝިޕިން އިންޑަސްޓްރީ އަށް އެރި ލޮޅުންތައް އަދިވެސް ހަމައަކަށް އެޅިފައި ނުވާ ކަމަށް، ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ބުނެ އެވެ.

ޔެންޓިއަން ޕޯޓުން ކޮންޓެއިނާ ބޭރުކުރުން ހަ ދުވަހަށް ހުއްޓާލުމާއި ގުޅިގެން ބޮޑު ބެކްލޮގެއް އުފެދުނު އިރު، ގްލޯބަލް ކޮންޓެއިނާ ޓްރެފިކްގެ 30 ޕަސެންޓް ހިއްސާކުރާ މިސްރުގެ ސުއޭޒް ކެނަލުގައި ބޯޓެއް ތާށިވެގެން މާޗް މަހުގެ ތެރޭގައި ހަ ދުވަހަށް އެ ރޫޓް ބްލޮކްވެގެން ދިއުމުން ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ އަށް ކުރިމަތިވި ދަތިތަކުން އަރައި ނުގަނެވެ އެވެ.

ކީލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީ (އައިއެފްޑަބްލިއު) އިން ލަފާކުރާ ގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ އަށް ދިމާވި ދަތި ތަކާއި، އަދި އެ ދަތިތަކުގެ ތެރެއިން ސުއޭޒް ކެނަލް ބްލޮކް ވުމާއި ޔެންޓިއަން ޕޯޓުފަދަ ވިޔަފާރީގެ ބޮޑެތި ހަބުތަކުގެ އޮޕަރޭޝަންތަކަށް ދިމާވި ގޮންޖެހުންތަކާއި ގުޅިގެން ގްލޯބަލް ޝިޕިން އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތަކުން އެންމެ އަވަހަށް ވެސް އަރައިގަނެވޭނީ އަންނަ އަހަރުގެ މެދެއްހާ ތަނުގަ އެވެ.

ރާއްޖެ އަށް އަސަރު ކުރޭ!

ރާއްޖެ އަށް މުދާ އެތެރެ ކުރުމުގެ ހިދުމަތް ދޭ ޕަބްލިކް ކުންފުންޏެއް ކަމަށްވާ ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވީ، ގްލޯބަލް ޝިޕިން އިންޑަސްޓްރީ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރާއްޖެ އަށް މުދާ ގެނައުމުގައި ވެސް ދަތިތައް އުޅޭ ކަމަށެވެ. އެގޮތުން މުދާ ގެނައުމަށް ނަގާ މުއްދަތު އިތުރުވުމާއި، ވަރަށް ބޮޑުތަނުން އަގު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޕްޓަން މައުމޫން ވިދާޅުވީ ރާއްޖެ އަށް މުދާ ގެނައުމުގައި ގޮންޖެހުން އުޅެނީ ވެސް ދުނިޔޭގެ ބޮޑެތި ޕޯޓްތައް ބެކްލޮގް ވުމުން، ގްލޯބަލް ސަޕްލައި ޗެއިން އަށް ދިމާވެފައިވާ މައްސަލަ ތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އަވައްޓެރި އިންޑިއާގެ ކޮޗިން ޕޯޓުން ރާއްޖެ އަށް ކޮންޓެއިނަރެއް ގެނައުމަށް ވެސް މިހާރު 45 ވަރަކަށް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު އެއް މައްސަލަ އަކީ އެމެރިކާ ހިސާބުގެ ގިނަ ޕޯޓްތައް މާ ބޮޑަށް ބެކްލޮގް ވީމާ، ބޯޓުތައް ގޮސް މުދާ ބާލާފައި އަންނަނީ. އަނބުރާ ކޮންޓެއިނާ ނުގެންނާތީވެ، މިހާރު މި އޮތީ އެ ބެކްލޮގްގެ ތެރެއިން އަނެއްކާ ކޮންޓެއިނާ ޝޯޓޭޖެއް ވެސް އައިސްފައި. މި ހުރިހާ ކަމަކާއި ގުޅިގެން އަގުތައް ވަރަށް ބޮޑުތަނުން އަރައިގެން ދިޔައީ،" މާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން 2،000 ޑޮލަރަށް ޝިޕް ކުރާ ކޮންޓެއިނަރުތައް މިހާރު 6،000 ޑޮލަރުން މަތިން އަގު އަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި އެ އަގުތައް 10،000 ޑޮލަރަށް ވެސް އަރާ ކަމަށް ކެޕްޓަން މައުމޫން ވިދާޅުވި އެވެ.

ކެޕްޓަން މައުމޫން އިތުރަށް ވިދާޅުވީ ގްލޯބަލް ސަޕްލައި ޗެއިން އަށް ދިމާވެފައިވާ މައްސަލަތަކުގެ އަސަރު ރާއްޖެ އަށް ކުޑަ ކުރުމަށް، މުދާ އެތެރެ ކުރާ ދިވެހި ކުންފުނިތަކުން އެ މައްސަލަތައް އުޅޭކަން ދެނެގަނެގެން ހިދުމަތް ދިނުން މުހިންމު ކަމަށެވެ.

"ދިވެހި އިމްޕޯޓަރުން ގްލޯބަލް ސަޕްލައި ޗެއިންގައި މި އުޅޭ އިޝޫތައް ރެކޮގްނައިޒް ކުރަން ޖެހޭ. އެކަން ނުކޮށް ހިދުމަތެއް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން، ކުރިން 45 ވަރަކަށް ދުވަހުން ރާއްޖެ އަށް ގެނެވޭ މުދާ މިހާރު 60-70 ދުވަހުން ވެސް ގިނަ ފަހަރަށް ނުގެނެވެ އެވެ. އެހާ ބޮޑު ޑިލޭ އެއް އުޅެނީ ކޮވިޑް-19ގެ އަސަރު ސިންގަޕޫރުގެ އިތުރުން މެލޭޝިޔާ އަދި ސްރީ ލަންކާގެ ޕޯޓްތަކަށް ކުރުމާއި ގުޅިގެން އެ ތަންތަނުން ރާއްޖެ އަންނަ ކާގޯ ބޯޓުތައް މަދުވުމުން، ޓްރާންސިޓްގައި ގިނަ ދުވަސް ވާތީ އެވެ. އެގޮތުން މިހާރު އާންމުކޮށް ރާއްޖެ އަށް މުދާ ގެނެވެނީ 3-4 މަހުގެ ޑިލޭ އަކާއި އެކުގައި ކަމަށް ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް