ads
ޕްރޮސިކުޓަ ޖެނަރަލް ހުސެއިން ޝަމީމް- ފޮޓޯ: ސަން
13 އަހަރުގެ ކުއްޖާގެ މަރު: ބަޔާންތައް ކިޔާފައި ވީ އުދަގުލުން ފޮޓޯތައް ޝަމީމް ނުބެއްލެވި
ބޮޑެތި ޒަހަމުތަކާއެކު 13 އަހަރުގެ ކުއްޖަކު ފޮއްޓަކަށްލާ މޫދަށް އެއްލާލާފައި ވަނިކޮށް ފުލުހުންނަށް ފެނިފައިވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރުއެވެ.

އެ ކުއްޖާ ފެނުނުއިރު ހަށިގަނޑުގައި ފުރާނައެއް ނެތެވެ. ގިނަ އިރު ފެނު ތެރޭގައި އޮތުމުން މުޅި މޫނު ވަނީ ކަޅުވެފައެވެ. ބައެއް ތަންތަނުގައި ލޭ ގަނޑުވެފައި ހުރި އިރު، ހަށިގަނޑަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމުގެ ނިޝާންތަކެއް ހުރިއިރު، ފަހުން މައުލޫމާތު ލިބުނުގޮތުން ކުއްޖާވަނީ ރޭޕްވެސް ކޮށްފައެވެ.  

ރަހުމުކުޑަކޮށް މަރާލާފައި އެއްލާލާފަ އޮއްވާ އެކުއްޖާ ފެނުންތާ މިހާރު ދެމަސްވެފައިވާއިރު، އެކަމުގެ ތަހުގީގުތައް ދާގޮތް ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ޕީޖީ އޮފީހުގެ ފަރާތުން ޕްރޮސިކުޓަ ޖެނަރަލް ހުސެއިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމައްސަލަ މިހާރު އޮތް ހިސާބު ސާފުކޮށްދެއްވާ ނިންމާލެއްވިއިރު، އިންނެވީ ނުހަނު ބޮޑަށް އުނދަގޫވެފައެވެ. ވިދާޅުވަމުންދިޔައީ މިވާހަކަތައް ދައްކަވަން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. 

އާ ކުރެއްވީ މީގެ 11 އަހަރު ކުރީގެ ހަނދާންތަކެކެވެ. 2015 ވަނަ އަހަރު ވ. ރަކީދޫގައި އެތަށް އަނިޔާތަކެއް ކޮށް މަރާލާފައިވާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުަޑަ މައުސޫމު އިބްތިހާލުގެ ވާހަކައެވެ. އެ ހާނދިސާ ހިނގިތާ ހަ އަހަރާއި 11 މަސް ފަހުން އިންސާފުލިބުނީ މިއަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުއެވެ. ޕީޖީ ޝަމީމް ވަނީ އިބްތިހާލުގެ މަރުގެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތަށް މަސައްކަތް ކޮށްފައެވެ.  

ޝަމީމް ވިދާޅުވީ، އިބްތިހާލުގެ މައްސަލައިގެ ބަޔާން ދިން ދުވަހުވެސް ކުރެވުނީ ވަރަށް އުނދަގޫ އިހްސާސްތަކެއް ކަމަށާއި މިއަދުވެސް ކުރެވެނީ ހަމަ އެ އިހްސާސްތައް ކަމަށެވެ. އެއުނދަގޫ އިހްސާސްތައް އޭރު ކުރެވުނީ އެމައްސަލައިގެ ތަފްސީލްތައް އެނގިހުރެ ގާނޫނުން އެވާހަކަތައް ދެއްކުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ. 

މިއަދު 13 އަހަރުގެ ކުއްޖާގެ މަރުގެ ތަފްސީލީ ބަޔާން ކިޔާލުމުންވެސް ހަމަ އެއިހްސާސްތައް ކުރެވުނުކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ މިއީ އެއްގޮތަކަށްވެސް މިރާއްޖޭގައި ހިނގައިގެން ވާނެ ކަމަށް ގަބޫލުނުކުރެވޭ ގޮތަށް ހިނގާފައިވާ ހާނދިސާއެއް ކަމަށެވެ. 

" މިމައްސަލާގެ ބަޔާންތައް މިއަދު އަޅުގަނޑު ކިޔާލިއިރުވެސް ހަމަ އެކަހަލަ އިހްސާސްތަކެއް ކުރެވުނު މިއީ ވަރަށް އެހެންކަހަލަ ގޮތަކަށް ހިނގާފައޮތް ކަމެއް. އެއްގޮތަކަށްވެސް މިރާއްޖޭގައި ހިނގައިގެން ވާނެ ކަހަލަ ކަންތަށްތަކެއް ނޫން. މިއީ ވަރަށް ދެރަ ކަންތައްތައް. އެއްގޮތަަކަށްވެސް މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން މީގަ ހިނގާފަ ހުރީކީ" ޝަމީމް ވިދާޅުވިއެވެ.

ރަހުމުކުޑަކޮށް މަރާލާފައިވާ އެކުއްޖާގެ ތަފްސީލީ ބަޔާންތައް ކިޔާލުމަށްފަހު ކުރި އަސަރުން އެމައްސަލާގައި ތަހުގީގަށް ލިބިފައިވާ ފޮޓޯތައްވެސް ޝަމީމް ބައްލަވާފައެެއް ނުވެއެވެ. ޝަމީމް ވިދާޅުވީ، ބަޔާންތައް ކިޔާލުމުން އެކަނިވެސް މިމައްސަލާގައި މަސައްކަތްކުރެއްވި ފުލުހުންގެ އިންވެސްޓިގޭޓަރުންނަށް ކުރައްވާނެ އަސަރުވެސް ވަަރަށް ބޮޑަށް އިހްސާސް ކުރެވުނު ކަމަށާއި، 13 އަހަރުގެ ކުއްޖާގެ މަރުގެ އެ ހާދިސާއަކީ ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވާނެ ފަަދަ ގޮަތަކަށް ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. ނަމަވެސް އެމައްސަލައަކީ ކުޑަކުއްޖަކާއި ގުޅޭ މައްސަލައަކަށް ވުމުންނާއި، އެމައްސަލައިގެ ކުށުގެ ވެށީގެ ތެރޭގައިވެސް ކުޑަކުއްޖެއް ހިމެނޭތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މައްސަލައިގެ ތަފްސީލްތައް ހިއްސާކުރަން ހުރަސް އަޅައެވެ. އެެހެންކަމުން ޕީޖީ ޝަމީމް އެތަފްސީލްތަކަށް ވަޑައިގެންފައެއް ނުވެއެވެ. 

"އަޅުގަނޑަށް ގަބޫލުކުރެވޭ އަޅުގަނޑަށް އިހްސާސްކުރެވޭ މިމައްސަލައިގައި މަސައްކަތް ކުރެއްވި ފުލުހުންގެ އިންވެސްޓިގޭޓަރުންނާއި، މިއޮފީހުގެ ބޭފުޅުންނަށް ކޮށްފަ ހުންނާނެ އަސަރު. ދެން އަޅުގަނޑު މި ފޮޓޯތަކެއް ނުބަލަން. ފޮޓޯތައް ނުބެލި ސަބަބަކީ މި ބަޔާންތައް ކިޔާފަވެސް އެވީ އުނދަގޫތަކާއި ހެދި އަޅުގަނޑު ހިތަށްއެރީ ފޮޓޯތަށް ބަލާފިނަމަ އަޅުގަނޑަކަށް މިތާކު މިވާހަކަތައް ދައްކާކަށް ނުއެއް އިނދެވޭނެއޭ. އެހެންވީމަ މިއީ ވަރަށް އެހެން ކަހަލަ ގޮތަކަށް ހިނގާފައޮތް ކަމެއް" ޝަމީމް ވިދާޅުވިއެވެ.

އެ ކުއްޖާގެ މަންމަ "ސީއެންއެމް" އާ ވާހަކަދައްކަމުން ބުނީ އެކުއްޖާ ގެއްލުނު ދުވަހަކީ "ޔޫރޯ 2020" މެޗު ބޮޑު ސްކްރީންގައި އަޅުވައިގެން މެޗު ބަލަން ގޭ ދޮށުގައި ރައްޓެހިންތަކަކާއެކު ކުއްޖާ އުޅުނު ރެ އެއްކަަމަށް މަންމަ ބުންޏެވެ. އެއީ ޖޫންމަހުގެ 18 ވީ ހުކުރު ދުވަހެވެ. ކުއްޖާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ އޭގެ ހަތަރު ދުވަސް ފަހުން މިމަހުގެ 22 ވީ އަންގާރަ ދުވަހުގެ 02:38 ހާއިރުއެވެ.

އެރޭ ކަންހިނގިގޮތް ސީއެންއެމްއަށް ކިޔާދެމުން މަންމަ ބުނީ، ދަރިފުޅު މެޗު ބަލަން ހުއްޓާ ރަށްޓެއްސަކު ބަލާ އާ ކަމަށެވެ. ބަލައި އާ ރައްޓެހި ކުއްޖާއާއެކު ދަރިފުޅު ދިޔައީ ކަމަށް މަންމަ ބުންޏެވެ. ސީދާ ގަޑިއެއް ބުނެދެން މަންމައަށް ނޭނގޭކަން ފާހަގަކުރަމުން ބުނީ، އެއީ 12ގެ ފަސް ކަމަށެވެ. އަދި އެއީ އެންމެ ފަހުން ދަރިފުޅު ފެނުނު ވަގުތުކަމަށް މަންމަ ބުނެއެވެ. 

މަންމަ ބުނީ ދަރިފުޅު ބަލާ އެރޭ އާ ކުއްޖާ، ދަރިފުޅު ގޮވައިގެންދިޔަ ފަހުން އިރުއިރުކޮޅާ ދަރިފުޅު ގެއަށް ނާދޭތޯ ސުވާލުކުރުމަށް ގުޅަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް ރިޕޯޓުކުރީ ހަމަ އެކުއްޖާ އޭނާގެ ދައްތަގެ ފިރިމީހާ ކައިރީ ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަމާއި، ކިޑްނެޕް ކުރި ވާހަކަ ހިއްސާކުރުމުން ކަމަށް 13 އަހަރުގެ ކުއްޖާގެ މަންމަ ބުންޏެވެ. ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަމާއި، ކިޑްނެޕް ކުރިކަމުގެ މައުލޫމާތު ލިބުނީ ޖޫން މަހުގެ 20 ވީ އާދިއްތަ ދުވަހުގެ ފަތިހު ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހެޅީ އެދުވަހު ހެނދުނު ކަމަށް މަންމަ ބުންޏެވެ.

މައްސަލަ ހުށަހެޅުމާ އެކު ފުލުހުން ކުއްޖާ ހޯދަންފެށިއިރު، ތަހުގީގަށް ފުރަތަމަ ކުރިއެރުމެއް ލިބުނީ، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އާންމުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކުރަމުންދާ ކަމަށް އާންމު މީހަކު ރިޕޯޓް ކުރުމާއި ގުޅިގެންގެނެވެ. އެމައުލޫމާތާ އެކު ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ ކުއްޖާ ފެނިފައިވަނީ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ 02:38 ހާއިރު، ބޮޑެތި އަނިޔާކޮށް ފޮއްޓަކަށްލާ އެއްލާލާފަ ވަނިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު މޫދުން ނެވެ.

ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ މިކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން ހެކި ނެއްތާލުމަށް މަސައްކަތްކުރިއިރު، އެކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ، ބަގީޗާގޭ، އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން އެދުވަހު ހައްޔަރުކުރިއެވެ. އަދި އެމީހުންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ހުށަހަޅާފައެެވެ. 

ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކުރާއިރު މީހަކު މަރާލުމުގެ ކުށުގައި ބައިވެރިވެފައިވާތީ 17 އަހަރުގެ ކުޑަކުއްޖާގެ މައްޗަށްވެސް ފަސް ދައުވާއެއް ކުރެއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ކުޑަކުދިން ލައްވާ ކުއްކުރުވާ މީހުންނަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ޝަމީމް ވިދާޅުވީ، އެމަނިކުފާނު ޕީޖީގެ މަގާމުގައި ހުރިހާ ދުވަހަކު އެ ސަކަރާތެއް ނުޖެހޭނެ ކަމަށެވެ. އަދި 13 އަހަރުގެ ކުއްޖާގެ މައްސަލާގައި އޭނާ ކުރާ މަސައްކަތުގެ މަގުަސަދަކީ ވެސް އެމެސެޖު އެފަދަ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. 

ކުޑަކުދިން ބޭނުންކޮށްގެން އެކުށްތައް ކުރުވާން މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތު އޭނާ ޕީޖީގެ މަގާމުގައި ހުއްޓާ ނުދޭނަކަމަށާއި، ކިރިޔާވެސް ދައުވާއެއް ކުރެވެން އޮތިއްޔާ އެކަހަލަ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަަމަށެވެ. ގާނޫނުގައި ހިފެހެއްޓުން އޮތީ ކުޑަކުދިންގެ މައްސަލަތަކުގައި ނަމަވެސް ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށްކުރާ މީހުންނަށް ދައުވާ ކުރުމަށް އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށެވެ.   

ޝަމީމް ވިދާޅުވީ ގާނޫނުގައި އެމާއްދާތައް އެބަހުރި ކަމަށާއި، އެމާއްދާތަކުގެ ބޭނުން ކުރާނެ ކަމަށެވެ. އަދި ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށެއްކޮށްފިނަމަ އެ ކުށުގެ ދައުވާގެ އިތުރުން އެކުޑަކުއްޖާ ބޭނުންކޮށްެގެން ކުށެއް ކުރީތީ އެކަމަށްވެސް ވަކިން ދައުވާ ކުރާނެ ކަަމަށެވެ. 

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް