އެންޑީއޭ-
މަޖިލީހުން ރިހެބް ސެންޓަރުތަކުގެ ހާލަތު ބަލަނީ
Share
ޗޭންޖް އެންޑީއޭ 2020' ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޕެޓިޝަންގެ ދިރާސާ ފުރިހަމަކުރުމަށްޓަކައިރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
Advertisement

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސްޕޮންސަރ ކުރައްވާ މި ޕެޓިޝަން މަޖިލީހަށް ހުށައެޅުއްވީ 1050 ސޮޔާއި އެކު މިދިޔަ މާޗް މަހުގެތެރޭގައެވެ.

އެކަމާ ގުޅިގެން ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ މި ޕެޓިޝަންގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ނޭޝަނަލް ޑްރަގް އޭޖެންސީއަށާއި އެ އޭޖެންސީގެ ދަށުން ހިންގާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް އެ ތަންތަނުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ޒިޔާރަތްކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްއަށާއި، ގދ.ތިނަދޫ، ޏ.ފުވައްމުލައް، ސ.ހިތަދޫ، ހދ.ހަނިމާދޫ އަދި ކ.ހިންމަފުށީގައި ޤާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ. 

މީގެއިތުރުން، ކ.ގުޅިފަޅުގައި ޤާއިމްކޮށްފައިވާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަށާއި މާލޭގައި ހުންނަ އެން.ޑީ.އޭގެ މައި މަރުކަޒަށް ޒިޔާރަތްކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. 

ކޮމިޓީން ބުނީ ސެންޓަރުތަކުގެ ހާލު ބެލުމަށް ފަހު ކަމާ ގުޅޭ އިސްވެރިންނާ ބައްދަލުކުރާނެ ކަމަށެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ދެވޭ ފަރުވާ މިހާރަށްވުރެ ހަރުދަނާ ކުރަން ގޮވާލުމުގެ އިތުރުން، އެންޑީއޭގެ ބޯޑު ބަދަލުކުރަން ގޮވާލައި އިހްތިޖާޖުތަކެއް މީގެ ކުރިން އިހުތިޖާޖުތަކެއް ކޮށްފައިވެއެވެ. އަދި ގާނޫނުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޑިޓޮކްސް ސެންޓަރާއި ރިމާންޑު ސެންޓަރެއް ހުންނަންޖެހޭ ކަމަށް ބަޔާންކުރިއަސް ނުވަ އަހަރު ވެގެންދިޔައިރު ވެސް އެ ސެންޓަރު ގާއިމްކުރެވިފައި ނުވުމާ ގުޅިގެން ވެސް މީގެ ކުރިން ކުރި އިހުތިޖާޖުތަކުގައި ވަނީ އަޑު އުފުލާފައެވެ.

މަސްތުވާތަކެތީގެ އެކި ކަހަލަ ފަރުވާތަކަށް ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާ ނުފެށި 600 އަށް ވުރެ ގިނަ މީހުން މުޖުތަމައު އަށް މިހާރުވެސް ދޫވެފައި އެބަތިއްބެވެ. މި އަދަދުތައް މިހާ ގިނަވަނީ އެންޑީއޭގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް