ads
އިޖްތިމާޢީ ކޮމިޓީއިން ޑޮކްޓަރުންނާ ބައްދަލުކުރަނީ—
އިޖްތިމާއީ މައްސަލަތައް ދޫކޮށް، ވެރިކަމާ ހެދި ބަގުޑި ބައްދަނީ
2004 ވަނައަހަރުން ފެށިގެން ރާއްޖެއަށް ބޮޑު ބަދަލު ތަކެއް އަންނަން ފެށިއެވެ. ސިޔާސީ ގޮތުންނެވެ. ސިޔާސީގޮތުން އަންނަމުންދިޔަ ބަދަލުތަކުގައި އެތައްބަޔަކަށް އަނިޔާލިބުނެވެ. އެތައްބަޔަކު ޖަލަށް ގެންދިޔައެވެ. އެތައްބައެއްގެ ދިރިއުޅުން އެގޮތްމިގޮތަށް ބަދަލުވެގެންދިޔައެވެ.

އޭރުފެށި މަސައްކަތްތައް ދިގުދެމިގެން ދިޔައެވެ. އެހެންނަމަވެސް އެމަސައްކަތްތައް ކުރިއަށްގޮސް ރައީސް މައުމޫނުގެ ވެރިކަންބަދަލު ވެގެންދިޔައީ 2008 ވަނައަހަރުއެވެ. ވެރިކަން ބަދަލުވެގެން ދިޔައިރުވެސް ގައުމުގައި ހުރި މައްސަލަތައް ހުއްޓެވެ. އެހެންނަމަވެސް ގައުމު ހަލަބޮލިވެ، މިހާރު މިއޮތް ހާލަުގައި އޮތްކަމަކަށް ބުނެވޭކަށް ނެތެވެ. 

ޑިމޮކްރަސީގެ އުސޫލުތައް ދިވެހި ބިމަށް ގެންނަން ކުރިމަސައްކަތްތަކުގެ ސަބަބުން، ޑިމޮކްރަސީ އައިއްސިހެއްޔެވެ؟ ރީތި ދިރިއުޅުމެއް މީހުންނަށް ލިބިއްޖެހެއްޔެވެ؟ އާ އުސްމިންތަކެއް ލިބިއްޖެހެއްޔެވެ؟ ހާސްކަމެއްނެތް ދިރިއުޅުން ލިބިއްޖެހެއްޔެވެ؟ ދިވެހި މުޖުތަމައުގައި ހުރި އިޖްތިމާއީ ބަލިތަކަށް ފަރުވާ އެއްލިބިއްޖެހެއްޔެވެ؟ ދަރަނިވެރިކަމުގެ ޗޭނު ކެނޑިއްޖެހެއްޔެވެ؟ ބޭސްފަރުވާ އަށް ސަލާން ޖެހުން ހުއްޓިއްޖެހެއްޔެވެ؟ ވަޒީފާ ގައި ހުރެވޭނެ ކަމުގެ ޔަގީން ކަން ލިބިއްޖެ ހެއްޔެވެ؟ ގެދޮރުވެރިކަން ގާއިމް ވެއްޖެހެއްޔެވެ؟ ބިއްޖެހުން ހުއްޓިއްޖެހެއްޔެވެ؟  ދަނޑުވެރިންނަށް ރުފިޔާ ލިބިއްޖެ ހެއްޔެވެ؟މަސްވެރިންނަށް ރުފިޔާ ލިބިއްޖެ ހެއްޔެވެ؟ ވައްކަން ނުކުރާ މަޖިލީހެއް ލިބިއްޖެ ހެއްޔެވެ؟ ތިޖޫރީ އަށް އަތް ނުބާނާ ވެރިންތަކެއް ލިބިއްޖެހެއްޔެވެ؟ ކުލި ނުދެއްކޭވަރުގެ ނިކަމެތީންނަށް ހިލޭ ބޯހިޔާވަހިކަން ލިބިއްޖެހެއްޔެވެ؟

މިހުރިހާ ސުވާލަކަށް ބުނަންޖެހެނީ ސާފު"ނޫނެކޭ" އެވެ.

މިއީ މީގެ ދިހަ، ބާރަ ވަރަކަށް އަހަރު ތެރޭ ސިޔާސީ ފަރާތްތަކުން ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެ އިއްވި އަޑުތަކެވެ. އެއަޑުތައް މިހާރުވެސް ބައެއްމީހުންގެ ހިނދުރީގައި އިވިއިވި ހުންނާނެއެވެ. އެއީ ޑިމޮކްރަސީގެ ދަތުރުގައި ކުރާ ތަޖްރިބާ ތަކެއް ކަމުގައި ބުނެ އެވާހަކަތައް ކަފުންކޮށްލަން ވީ ހެއްޔެވެ؟ ނުވަތަ ނީވޭ ވާހަކަތަކެއް ކަމުގައި ބަލަން ވީހެއްޔެވެ؟ 

2008 ން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް މިއައީ ހައިޖާނުގަނޑެއްގެ ތެރޭގައި ގައުމު އޮވެގެންނެވެ. ރައްޔިތުންނަށް ހެޔޮ ގޮތެއް ފެންނާކަށް ނެތެވެ. މިއަދު ބުނަން މަޖުބޫރުވަނީ ދޮގާއި މަކަރާ އޮޅުވާލުމުގެ ތެރެއިން ވެރިިކަން ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ދިވެހީން އެބަތިބިކަމަށެވެ. އެކަން މިއަންނަނީ ތަކުރާރުވަމުންނެވެ. ދުވަހެއް ދުވަހަކަށް ފާޅުވަމުންނެވެ. އެއީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ. 

މި ލޮބުވެތި ދިވެހި ރާއްޖެއަކީ އަހަރެމެން އެންމެންގެ ގައުމެވެ. އެންމެން ލޯބިވާ ބިމެވެ. އެބިމުގައި އަހަރެމެން ލޯބިނުވާ އެންމެ ވެލިފުކެއްވެސް ނޯވެއެވެ. އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ އަހަރެމެންގެ ދަރީންދެކެ އަހަރެމެން ލޯބިވޭ ހެއްޔެވެ؟ ގައުމެއްގެ ގޮތުގައެވެ. ބަންގާޅީންނަށް އޮތް މިނިވަންކަން ދިވެހީންނަށް އެބައޮތްހެއްޔެވެ؟ ގައުމެއްގެ ގޮތުގައެވެ. ގޯނިގަނޑަށް ލައިގެން ގެންދެވޭ ބަލިމީހާއަށް އަޅާލެވޭ ހެއްޔެވެ؟ ގައުމެއްގެ ގޮތުގައެވެ. ގެދޮރުގެ ކުލި ބޮޑުވެގެން ޝަކުވާ ކުރާ މީހުންގެ އަޑު އަހާނެ ހިތްވަރު އެބަހުރި ހެއްޔެވެ؟ ގައުމެއްގެ ގޮތުގައެވެ. ނުހައްގުން ވަޒީފާއިން ވަކި ކުރެވޭ މީހާގެ އާދޭސްތަކުގެ އަޑު އަހާނެހާ ހިތްވަރު އެބަ ހުރިހެއްޔެވެ؟ ގައުމެއްގެ ގޮތުގައެވެ. ހަރުކަށިފިކުރުގެ މީހުންނޭ ސީރިއާއަށްދާ މީހުންޭ ބުނާއިރު އެމީހުންނަށް ހެޔޮނިޔަތަކާއެކު ވާހަކަދައްކާލެވުނު ހެއްޔެވެ؟ ގައުމުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހއި ހަދަނީ ކީއްވެގެންކަން ބަލާލެވުނު ހެއްޔެވެ؟ ގައުމު ކޮށްދޭ ކަމެއްގެ ގޮތުގައެވެ. މިކަންކަމަށް ސަރުކާރުތަކުން ކޮށްދެވިފައި ހުރީ ކޮންކަމެއްހެއްޔެވެ؟ މިއިން ކޮންމެ ކަމަކީވެސް ގައުމީ ބޮޑު މައްސަލައަކަށްވެ ދުޅަވެފައިވާ ކަންކަމެވެ.

މިއީ ގައުމު ހިންގަން ހަވާލުވާ ސިޔާސީ ފަރާތްތަކުން އިސްކަން ދީގެން ކުރަން ޖެހޭ ކަންކަމެވެ. އެހެންނަމަވެސް ފެންނަނީ އެހެން މަންޒަރެކެވެ. ސިޔާސީ ކޯޅުމެވެ. ވެރިކަމަށް ހިފާ ގަދަ ހިފުމެވެ. ވެރިކަމުގައި ބަގުޑި ބެއްދުމެވެ. ދެންތިބި ބަޔަކު ހިހޫތަނުން ކެއުމެވެ. އެކަމަށްޓަކައި މުޅި ސިކުނޑި ހުސްކޮށް، ދެއްކެންހުރި ވާހަކަތަކެއް ދައްކައެވެ. ކުރެވެން ހުރި ކޮންމެ ކަމެއް ކުރެއެވެ. ވަގުތާއި ފައިސާ ހަރަދުކުރެއެވެ. މުޅި ގައުމުގައި އެނބުރެނީ އެ ނަގޫރޯޅިއެވެ. ބިއްޖެހިފައި ހުރި ކުއްޖާ އަދިވެސް ހުރީ އެހެންނެވެ. ބޯހިޔާވަހިކަމަށް އެދޭ މީހާއަދިވެސް ހުރީ އެހެންނެވެ. ވަޒީފާއިން ކަނޑާލާމީހާ އަށް ހިމާޔަތެއް ލިބޭނެ ގޮތެއް ނެތެވެ. ރަށްރަށައި ފަޅުތަކާއި ފަރުތައް އަދިވެސް ހުރީ ފައިސާވެރިން ހިތަކަށެވެ. ލުޓުވާލަން ބޭނުމިއްޔާ ލޫޓުވަންވީއެވެ. ވަރު ހުންނާނީ ވަނާ ޖުނބޭސާއަކު ނޫނޭ، ފައިސާގައޭ ބުނާ އުސޫލުންނެވެ.

އަޑަށް ބާރުލާފައި މިގައުމުގައި މިނިވަން މުއައްސަސާތައް އެބަހުއްޓޭ ބުންޏަސް ގަބޫލު ކުރެވޭކަށް ނެތެވެ. ފެންނަންހުރި ހަގީގަތްތަކަށް ބަލާފައެވެ. މިގައުމުގެ އިޖްތިމާއީ ފޭރާން ހެޔޮ ކޮށްދޭން ބަޔަކު އުޅެއޭ ބުންޏަސް އެކަން މިއަދު ގަބޫލު ކުރެވޭކަށް ނެތެވެ. ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރުއެވެ. އެކިއެކި މުއައްސަސާ ތަކުގައި ކަޅުފައިސާ ނުހިނގައޭ ބުންޏަސް ، ނާރުތަކުގައި ލޭ ހިނގާ ފަދައިން އެކަން ނުވެއެކޭ ބުނެވޭކަށް ނެތެވެ.

ކަންބޮޑުވާންޖެހޭ މިންވަރަށް އިޖްތިމާއީ މައްސަލަތައް މިގައުމުގައި ކުރިކަން އެންމެންވެސް ގަބޫލު ކުރެއެވެ. އެހެންކަމަށްވާނަމަ ސިޔާސީ މީހުންވެސް ޖެހެނީ އެކަން ހައްލުކުރުމަށް ހުރި މުއައްސަސާތަކަށް ބާރުދޭށެވެ. ސިޔާސީ މީހާ އެދޭ ގޮތް ނޫން ގޮތަށް ވެސް ކަންކަން ދީލާލާށެވެ. އިހްލާސްތެރި ވުމަކީ އެއީއެވެ. ގައުމަށް ލާބަ ހުރި ގޮތަކީވެސް އެއީއެވެ. ގަދަވާންވީ އިޖްތިމާއީ މައްސަލަ ތަކުގެ އަޑެވެ. ސިޔާސީ ވާހަކަތައް އަންނަންވީ އޭގެ ފަހަތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް