ads
ގާޒީ ހުސެއިން ފާއިޒު
ރައީސް ޔާމީންއަށް ހުކުމް ކުރުމަށް ގާޒީން ރަހީނުުކުރި: ގާޒީ ފާއިޒު
ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވަނީ ބެންޗުގައި ތިއްބެވި ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ފަސް ގާޒީންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެމަނިކުފާނު ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

އެދުވަހު ބެންޗުގައި އިންނެވި ފަސް ގާޒީގެ ތެރެއިން ގާޒީ ހުސެއިން ފާއިޒް ރަޝާދު އޭނާގެ ރަހުމަތްތެރިއަކާއި ދެއްކެވި ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެފައިވާއިރު، ރައީސް ޔާމީންއަށް އިވުނު ހުކުމަކީ ގާޒީ ތަކެއް ރަހީނުކޮށްގެން ބޭއިންސާފުން އިއްވާފައިވާ ހުކުމްތަކެއް ކަމަށް އެއޯޑިއޯގައި އޭނާ އެއްބަސްވެ ވާހަކަަދައްކާ އަޑުއިވެއެވެ. 

އެފަދަ ހުކުމެއް އިއްވުމަށް ގާޒީއަކަށް މަޖުބާރު ވާނެ ގޮތެއްގެ ގޮތުގައި ރަހުމަތްތެރިއާ ބުނާ އަޑުއިވެނީ އެއްގޮތަކީ "ވިކިފައި ހުރުން" ކަމަށެވެ. ނުވަތަ "ވަޒީފާގެ ބިރުވެރިކަން" ކަމަށެވެ. 

އެކަމަށް ގާޒީ ފާއިޒު ވިދާޅުވެފައިވަނީ އޭގައި ތިން ވަނަ ގޮތެއް ވެސް އޮންނަ ކަމަށެވެ. އެއީ "ގާޒީން ރަހީނުކުރުން" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ "ރަހީނު ކުރެވޭނެ ބައިބަރު ގޮތްތައް" ހުންނަ ކަމަށެވެ.

އެގޮތުން ރަހީނުކުރުމުގެ އަމަލެއް ހިންގުމަށް އޭނާ ގެ ގައިގައި އަތް ނުލިކަމުގައި ވީނަމަވެސް އެހެން މީހަކުވެސް ރަހީނުކޮށްގެން އެފަދަ އަމަލެއް ހިންގިދާނެ ކަމަށް ގާޒީ ފާއިޒު ވިދާޅުވިއެވެ. 

"މިސާލަށް މަގޭ ގައިގާ އަތް ނުލިޔަސް އެހެން މީހުންވެސް ތިބެއޭ" ގާޒީ ފާއިޒް ވިދާޅުވެފައި ވެއެވެ.

އެ "އެހެން މީހުންނަކީ" އަންހެނުންތޯ ރަހުމަތްތެރިއާ ސުވާލުކުރުމުން، "އަންހެނުންވެސް" ބުނާ އަޑު އިވުމާއިއެކު އެ ހުރިހާ އެއްޗެއް ކިޔާ ނުދެވޭނެ ކަމަށް ގާޒީ ބުނާ އަޑުވެސް އިވެއެވެ.

އޯޑިއޯގައި ގާޒީ ފާއިޒް ވިދާޅުވީ، ސިޔާސީ މީހުންނަށް ހުކުމް ކުރުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އެ ހުކުމަކީ ރަނގަޅަށް ކުރި ހުކުމެއް ނަމަ ރަނގަޅަށް ނިދާލެވެން ޖެހޭނެ ކަމަށާއި، އެ ހުކުމް އިއްވީ ނުބައިކޮށް ކަމަށް ވާނަމަ "ނުވެސް ނިދޭނެ" ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ. 

"ސިޔާސީ މީސް މީހުންގެ މައްސަލަ ބެލުމަކީ ވަަރަށް ފާޑެއްގެ ކަމެއް. އޭގެ ފަހުން އެމީހަކަށް ނުވެސް ނިދޭނެ. ގޯސްކޮށް ނިންމާފިނަމަ. މަ ނުނިދަމޭ އޭގެ ފަހުން" ގާޒީ ފާއިޒު ވިދާޅުވިއެވެ.

ރައީސް ޔާމީން މައްސަލާގައި ހުކުމްކުރިއިރު އޭނާގެ އަމިއްލަ ރައްކާތެރިކަމަށްއަށްވެސް ވިސްނަން ޖެހުނު ކަމަށް ބުނާ އަޑުވެސް އެއޯޑިއޯއިން އިވެއެވެ. ހުކުމެއް ކުރުމަށްފަހު ވެރިކަން ކުރާ މީހުން ދަނީ ޖަލަށް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް އެމީހުން ޖަލަށް ނުދާނެކަން ފާހަގަކުރައްވާ ފާއިޒު ވިދާޅުވީ އެހެންނަމަވެސް އެކަން އެނޫން ގޮތަކަށް ކުރެއްވިނަމަ "އަހަރެމެން" ދާނީ ޖަލަށް ކަމަށެވެ. 

ޔާމީނަށް ހުކުމް ކުރީ ނުހައްގުން ނަމަވެސް އެކަން ކުރީ ރަނގަޅަކަށް ކަމަށް ވެސް ގާޒީ ފާއިޒް ވިދާޅުވިއެވެ. ވެރިކަން ކުރާ ފަރާތްތަކުން ލަނީ ޖަލަށް ނޫންކަން ފާހަގަކުރަމުން ގާޒީ ފާއިޒު ވިދާޅުވީ، އެކަން ކުރާ ބައެއްގެ ގަސްތަކީ "ރައީސް ޔާމީން ސިޔާސީ ރޭހުން ބޭރުކޮށްލުން" ކަމަށެވެ. އެއީ އަނިޔާއެއް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް އެއީ ރައީސް ޔާމީންނަށް ލިބޭ ކާމިޔާބީއެއްގެ ގޮތުގައިވެސް ގާޒީ ވަނީ ސިފަކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްވެސް ހުރިހާ ކަމެއް އެނގޭނެ ކަމަށް ގާޒީ ފާއިޒް ވިދާޅުވިއެވެ.

ގާޒީ ފާއިޒް ވިދާޅުވީ އޭނާ ދައްކަވަނީ ރަނގަޅު ވާހަކަތަކެއްކަން 2023 ވަނަ އަހަރު އެނގޭނެ ކަމަށެވެ.

ގާޒީ ފާއިޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި އޭނާ ކުރިކަމެއް ކުރީ ރައީސް ޔާމީންގެ މަސްލަހަތުގައި ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް ބުނެދެވެންނެތް ކަމަށް ގާޒީ ވިދާޅުވެއެވެ. 

ގާޒީ ފާއިޒް އިތުރަށް ވިދާޅުވީ އޭނާ ވާހަކަދެއްކެވީ "އެކިތަންތަނުން އެކިތަންތަންކޮޅު" ކަމަށާއި އެހުރިހާ ވާހަކައެއް ގުޅުވާލުމުން އިތުރު ކަންކަން އެނގިގެންދާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް