ads
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް-
މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ސަބަބު ގާސިމް ސާފުކޮށްދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކަށް، ހާޒިރުވެވަޑައިނުގަތް ސަބަބު މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސާފުކޮށްދެއްވައިފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ އެއްވެސް ޖަލްސާއަކަށް ގާސިމް ވަޑައެއް ނުގަންނަވައެވެ. މެއި މަހުގެ 17 އިން ޖުލައި އަށްވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ދެ ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ގާސިމް ވަނީ ސަލާމް ވިދާޅުވެފައެވެ.  ކޮވިޑް-19 ގެ ބަލިމަޑުކަން އައުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ދުވަސްވަރު އަމިއްލަ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑަށް ވަޑައިގެންނެވި ފަހުން ގާސިމް އެނބުރި މާލެ ވަޑައިގެންފައިވަނީ މި މަހުގެ ތެރޭގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގާސިމްގެ ހަގު އަނބިކަނބަލުންނާ ކައިވެނިބައްލަވައިގަތީ ވެސް އުފަން ރަށް މާމިގިއްޔާ އެއްފަޅެއްގައި އޮންނަ ސަން އައިލެންޑްގައި ހުންނަވައިގެންނެވެ. 

ޖުމްހޫރީ ޕާޓީން ހޯމް ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އޭނާ މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ސަބަބު ކިޔައިދެއްވައްވާފައެވެ. އެގޮތުން ބަރުލަމާނީ ނިޒާމު ކަމުނުދާ ސަބަބު ކިޔައިދެއްވަމުން ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރު ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ނަމަވެސް ވަޑައިނުގަންނަވާ ކަމަށެވެ. 

އެހެން ވިދާޅުވުމަށްފަހު ގާސިމް ވިދާޅުވީ "މި ވިދާޅުވަނީ އެ ބޭފުޅާ ވެސް ކޮވިޑްގެ ހާލަތުގައި" މަޖިލީހަށް ވަޑައިގަންނަވާށޭ ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އެބޭފުޅާއަކީ ވެސް ކޮވިޑްގެ ހާލަތުގައި މަޖިލީހަށް ވަޑައިނުގަނެވޭ ބޭފުޅެއް ކަމަށާއި ގާސިމަކީ ކޮވިޑަށް ވަރަށް "ސެންސިޓިވް" ބޭފުޅަށް ކަމަށެވެ. 

ގާސިމް ވިދާޅުވީ ކޮވިޑް ދުވަސްވަރު އެއްފަރާތެއްގައި ހުންނެވި ކީރިތި ރަސޫލާގެ އަންގަވާފައިވާ ގޮތުގެ މަތީން ވަކީލުކޮށްގެން ކަމަށެވެ. އަދި މިހާރު މަޖިލީހަށް ވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެ ބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި ﷲ ދެއްވެވި އިލްމުގެ އަލީގައި ދުނިޔޭގައި ތިބި މީހުން ކުރެއްވި މަސައްކަތުން "ސަލާމަތް ކަންތައްތަކެއް" ލިބިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވާތީ އެހެން މީހަކު ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާ ކަމަށެވެ. އެގޮތުން ގާސިމްއަކީ ކުރިން މަޖިލީހުގެ ރައީސް ކަން ކުރައްވާ، ގާނޫނު އަސާސީ އެކުލަވާލައި، ގިނަ ޖަލްސާތަކެއް އެކަނި މާ އެކަނި ބެއްލަވައި ގިނަ މަސައްކަތްތައް ކުރެއްވި ބޭފުޅެއް ނަމަވެސް މިހާރު މެންބަރަކަށް ވުން ފިޔަވައި އިތުރު ޒިންމާއެއް ގާސިމްގެ ނެތް ކަމަށެވެ. 

"އަޅުގަނޑަކަށް ވާނެ އެއްވެސް ޒިންމާއެއް ނެތް މެންބަރަކަށް ހުރުން ފިޔަވާ. އެންމެ ކުޑަމިނުން ކޮމިޓީއެއްގެ ނައިބު މުގައްރިރުކަން ވެސް އަޅުގަނޑަށް ނެތް ހަވާލުކޮށްފަ. އެހެންވީމާ އަނެއްހެން ބަލާއިރު އަޅުގަނޑުގެ މާ ބޮޑު ޒިންމާއެއް ނެތީމާ އަޅުގަނޑުގެ ވޯޓު މަދުވެގެން އެމީހުންނަށް ކަމެއް ނުނިމިއެއް ނޯންނާނެ ދެއްތޯ؟ ދެން ކޮންމެހެން ކީއްކުރަންތޯ އިންޓަނެޓަށް ވަދެގެން، އިންޓަނެޓު މެދުވެރިކޮށް ބޭއްވި ޖަލްސާތަކުގައިި އަޅުގަނޑު އެތާ އިނދެގެން އަޅުގަނޑު ވަގުތު ކަނޑާލަން އިންނަނީ. އަޅުގަނޑު ދައްކާނެ ވާހަކަ އަޑުއަހާނެ މީހަކު ހުރީކީ ނޫން. އެއަށް ބަލައިގަނެގެން ކަމެއް ކުރާނީކީ ނޫން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ ހާލަތުގައި ހަމަހިމޭންކަމާއެކު ހުރުން ފިޔަވައި އިތުރު މޮޅު ގޮތެެއް އޮތް ކަމަށް ނުފެންނާތީ މަޖިލީހުގެ ޖަލްސާތަކަށް އޮންލައިންކޮށް ހާޒިރުނުވީ ކަމަށެވެ. 

ގާސިމްގެ ވާހަކަފުޅުގައި ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވައި، ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިފައެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް