ads
މަޑަގަސްކާ އާބާދީގެ 1.1 މިލިއަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް- ފޮޓޯ: އޭޕީ
މޫސުމަށް އަންނަ ބަދަލުތަކާއެކު މަޑަގަސްކާ ބަނޑަށް ޖެހެނީ
ހަތަރު އަހަރު ވަންދެން ހޫނުގަދަވެ ވާރޭ ނުވެހުމުގެ ސަބަބުން ދެކުނު މަޑަގަސްކާގެ 30،000 މީހުންނަށް ކާބޯތަކެތީގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެކުވެރި ދައުލަތްތައް (އދ) އިން ބުނެފިއެވެ.

ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކާއަށް ވާރޭ ނުވެހި ހޫނު ގަދަވެ ގިނަ ދުވަސް ވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަނޑުހައި ހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ބަނޑަށް ޖެހުނު ގައުމަކީ މަޑަގަސްކާއަށް ވެގެން ދާނެ ކަމަށް އދ އިން ބުނެއެވެ. އެގައުމުގެ ބައެއް ހިސާބުތަކުގެ މީހުން މިހާރު ދިރިހުންނަން ކާން ޖެހިފައިވަނީ މަސްކާށި ދޫންޏާއި އެކި ބާވަތްތަކުގެ ޖަންގަލީ ފަތްތަކެވެ.

ހަތަރު އަހަރުވަންދެން ވާރޭ ނުވެހުމުގެ ސަބަބުން އެގައުމުގެ 30،000 މީހުންގެ ހާލަތު ވަނީ އދ ގެ ލެވެލް 4 ފެމައިންއަށް އިތުރުކޮށްފަ އެވެ. މިއީ ބަނޑަށް ޖެހުމުގެ ސަބަބުން ލެވެލް 4 ފެމައިންގެ ހާލަތަށް ގައުމެއް ގެނައި ފުރަތަމަ ފަހަރެވެ. އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ މި ލެވެލް އަދިވެސް މައްޗަށް ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. 

އދ އިން ބުނީ މިހާރުވެސް މަޑަގަސްކާގައި 1.1 މިލިއަން މީހުންނަށް ކާނާގެ ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެމީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އދ އިން ބުނެއެވެ. 

ވާރޭ ނުވެހި ބިންހިކުމުގެ ސަބަބުން އެގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސްތަކުގެ 60 އިންސައްތަ ދަނޑުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަށް ވެފައެވެ. 

ބައެއް މީހުން މަސްކާށިދޫނި އަދި ޖަންގަލީ ފަތް، ޗަކަ އަދި ކެކްޓަސް ފުރުޓް ވެސް ކައި ހަދާއިރު އދ އިން ވަނީ އިންސާނީ ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ދުނިޔޭގެ ކާބޮން އެމިޝަންގެ 0.01 އިންސައްތަ އުފައްދަނީ މަޑަގަސްކާއިންނެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުން ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނެއެވެ. އޭގެ ތެރޭގައި ވާރޭ ނުވެހި ގިނަ ދުވަސްވެ ބިމުގައި ގަސްތައް ނުހެދުން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް