ads
ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންނެވުމުގެ ތެރެއިން
ރައީސްގެ ދެކަނބަލުން ށ. އަދި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިލަދުންމަޑުލު އުތުރުބުރީގެ ހަތަރު ރަށަކަށާއި މާޅޮސްމަޑުލު އުތުރުބުރީގެ ފަސް ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ށ. އަތޮޅުގެ ރަށްތަކަށެވެ. އެޔަށްފަހު ރ. އަތޮޅުގެ ރަށްތަކުން ދަތުރު ނިންމާލައްވާ މިރޭ މާލެ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި، ރައީސް ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. 

އެ ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި، ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވާ އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ހޯއްދަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތް އިފްތިތާހްކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.

މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަށްރަށުގެ ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތުވެސް ބައްލަވައިލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ށ. ފޯކައިދޫ އާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުންނާއި ބައްދަލުކޮށްލައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ރ އަތޮޅު ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރ. ރަސްގެތީމުގެ އާސާރީ ޒިޔާރާތް ބައްލަވައިލައްވާފައެވެ. ހަމަ އެއާއެކު ރ. އަނގޮޅިތީމުން ފެނިފައިވާ އާސާރީ ތަކެތިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް