ads
މަޑިވަރު ފަޅު ހިއްކުމާ ދެކޮޅަށް ރަސްދޫ ރައްޔިތުންތަކެއް
ވެލިފިނޮޅު މައްސަލަ ހައްލުކުރުމަށް ޓީމްތައް ރަސްދޫއަށް ދާނެ ދުވަހެއް ނޭނގޭ: ކައުންސިލް
ކްރައުން ކޮމްޕެނީ މޯލްޑިވްސްގެ ފަރާތުން ހިންގާ ވެލިގަނޑު އައިލޭންޑް ރިސޯޓު އޮންނަ ފަޅުތެރެއިން ބޮޑުސަރަހައްދެއް ހިއްކަމުން ގެންދާ މައްސަލަ ހައްލު ކުރުމަށްދާ ޓީމްތައް ދާނީ ކޮންދުވަހަކު ކަމެއް މިހާރު ނޭނގޭ ކަމަށް އއ.ރަސްދޫ ކައުންސިލުން ބުނެފިއެވެ.

ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް ވިދާޅުވީ މިހާރު އެމަސައްކަތްތައް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައިކަމަށާއި ނަމަވެސް ދާއިމީ ހައްލެއް އަދި އައިސްފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެމައްސަލަ ހައްލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެލްޖީއޭއިން އެރަށަށް ދާގޮތަށް ހަމަޖެހިފައިވާކަމަށާއި، އެކަމަކު މިހާރު ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

ރަސްދޫ ކައުންސިލުން މިމައްސަލަ ފެންމަތިކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ މެދުތެރޭގައެވެ. އެހިސާބުން މިނިސްޓްރީގެ ސަމާލުކަމްށްއައިސް ވަގުތީގޮތުން މަސައްކަތް ކުރުން ވަނީ ހުއްޓުވާލާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާއި، އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމެއް އޮގަސްތް މަހުގެ 19 ވަނަދުވަހު އެރަށަށް ދިއުމަށް ނިންމިއެވެ. އެކަމަކު އެދުވަހު ދެވޭ ގޮތް ނުވުމުން ދެން ނިންމީ އޮގަސްޓް 26 ވަނަދުވަހު އެސަރަހައްދަށް މިނިސްޓްރީތަކުން ދިއުމަށެވެ. އެކަމަކު އެދުވަހުވެސް އެރަށަށް އެމިނިސްޓްރީ ތަކުން ދެވޭ ގޮތެއް ނުވެއެވެ. 

ކްރައުން ކޮމްޕެނީ މޯލްޑިވްސްގެ ފަރާތުން ހިންގާ ވެލިގަނޑު އައިލޭންޑް ރިސޯޓު އޮންނަ ފަޅުތެރެއިން ބޮޑުސަރަހައްދެއް ހިއްކުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވައިދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް 23 އޮގަސްޓްގައި ވަނީ މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.

އެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ރަސްދޫ، މަޑިވަރު ސަރަހައްދަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 2018 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އެކަން އެހެން އޮއްވައި "ވެލިފިނޮޅު"ގެ ނަމުގައި އެ ސަރަހައްދުގައި ރަށެއް ހިއްކުމުގެ މަސައްކަތް ކްރައުން ކޮމްޕެނީން ފަށާފައިވާ ކަމަށާއި އެކަމަށް ވެލިނަގަމުން ދަނީ ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ.

ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވީ ވެލިގަނޑު ރިސޯޓުން ކުރަމުން އަންނަ މަސައްކަތަށް ވެލިބެޑް ޖަހާފައި ވަނީ ވެލިގަނޑު ރިސޯޓްގެ އިހުތިސާސް ހިނގާ ސަަރަހައްދަށް ވުރެ ބޭރުގައި ކަަމަށް ތޮއްޑޫ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"ވެލިފިނޮޅު ބޮޑުކުރުމަށް ވެލި ނެގުމަށް، އަދި ހިލަ ބާޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އޭގެ ސެޑިމެންޓޭޝަން ފެތުރި، ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމަހެޑް ޝާކް ޕޮއިންޓް ކިލަނބުވެ، ނުފެންނާތީ އެކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ،" މެންބަރު ޝިޔާން ހުށަހެޅުއްވި މައްސަލަައިގައި ވެއެވެ.

ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވެލިފިނޮޅު ތަރައްޤީކުރުމާއި، ވެލިގަނޑު ރިސޯޓް ގިރުން ހުއްޓުވުމަށް މެޝަނަރީ ބޭނުންކޮށްގެން، އއ. ރަސްދޫ މަޑިވަރު ފަޅުތެރެއިން ގިނަ ޢަދަދަކަށް ވެލިނަގަމުންދާ މައްސަލަ އާއި ބެހޭ ގޮތުން މިމަހު 19ވަނދުވަހު  އއ.އަތޮޅު ކައުންސިލުންވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އއ.ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެކަމަކީ އީޕީއޭއާއި ކުރައުން ކުންފުނިން ގުޅިގެން އަޑިއަޑިން ހިންގާ އަމަލެއް ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި މުޅިއަތޮޅުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުގެ ނޫސްބަޔާނުގައިވަނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އއ. ވެލިފިނޮޅު ތަރައްޤީކުރުމާއި، ވެލިގަނޑު ރިސޯޓް ގިރުން ހުއްޓުވުމަށް މެޝީނަރީ ބޭނުންކޮށްގެން، އއ. ރަސްދޫ މަޑިވަރު ފަޅުތެރެއިން (ފަޅުގެ އުތުރުކޮޅުން) ގިނަ ޢަދަދަކަށް ވެލިނެގުމާއި، މަޑިވަރުފަޅުން ބައެއް ހިއްކަމުންދާތީ، އެކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުންނާއި، އއ. ރަސްދޫ ކައުންސިލުންނާއި އަދި ދާއިރާ ހިމެނޭ ރަށްރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ދަނީ ކުރަމުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ކްރައުން ކޮމްޕެނީ އަށް ގުޅާލުންމުން އަދި މިހާތަނަށް އެކުންފުނީގެ ބަހެއް ލިބޭގޮތެއް ނުވެއެވެ. 

އަދި މިމައްސަލާގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ކުރިން ވިދާޅުވީ އީޕީއޭއިން އެމަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި ވާ ކަމަށާއި، މިނިސްޓަރު ވަރަށް ގާތުން އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.

މީގެ ކުރިން ޒަރޫރީ އެކިއެކި ބޭނުންތަކަށާއި، ވިޔަފާރި އުޞޫލުން ގިނަ ޢަދަދަކަށް (އެއްވެސް މެޝިނަރީއެއް ބޭނުންނުކޮށް) އއ. ރަސްދޫ މަޑިވަރު ފަޅުތެރިން ވެލިނެގުމުގެ ސަބަބުން، އެ ފަޅުތެރޭގައި ހުރި ސޭންޑް ބޭންކްތައް ގިރައި، ޤުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެފަދަ ބޭނުންތަކަށް ވެލިނެގުމަށް އެހެން ސަރަހައްދެއް ކަނޑައަޅައި ދިނުމަށް 30 އޮކްޓޯބަރ 2019 ގައި ރަސްދޫ ކައުންސިލުން ދެންނެވުމުން، 05 ނޮވެމްބަރ 2019 ގައި އެހެންސަރަހައްދެއް ކަނޑައަޅައި، އީ.ޕީ.އޭއިން ވަނީ އއ. ރަސްދޫ ކައުންސިލަށް އަންގާފައެވެ. 

އއ. ރަސްދޫ މަޑިވަރު ފަޅުގެ ބޮޑުބަޔަކީ އީޕީއޭ އިން ހިމާޔަތްކޮށްފައިވާ ސަރައްދަކަށްވާއިރު ފަޅުގެ އެއްކޮޅުން ގިނައަދަދަކަށް ވެލިނަގަމުންދާތީ ފަޅުތެރޭގައި ހުރި ކުދި ފިނޮޅުތައް ނެތިދިއުމާ، އަދި އެ ފަޅާ ގުޅިފައިހުރި ސްނޯކަލް ކުރުމަށް ޚާއްޞަ ތަންތަނާ، އަދި ފަރާ ކައިރީގައިހުރި ޑައިވިންގ ސްޕޮޓްތައް ކިސަޑުވެލި އެޅި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ޤުދުރަތީ ދިރުންތައް ނެތެމުންދާތީ، ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި، ޢާއްމު ރައްޔިތުން ކޮންމެ ދުވަހަކު ދަނީ އެ ސަރަހައްދު ޙިމާޔަތްކުރުމަށް ގޮވާލާ އެ ސަރަހައްދަށްގޮސް އިހްތިޖާޖް ކުރަމުންނެވެ." ކައުންސިލު މިކަމާގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
އެކަމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގެ ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް އިތުރަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓުވައި ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުގައި ދެންނެވުމަށް، 19 އޮގަސްޓް 2021 ވަނަ ދުވަހު 11:04 ގައި ބޭއްވި ކައުންސިލުގެ 04 ވަނަ ދައުރުގެ 06 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެލެއްވި އަތޮޅު ކައުންސިލްގެ މެންބަރުންގެ ޢިއްތިފާގުން އިޤްރާރުވާކަމަށް އެބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް