ads
ނާޒިމްގެ ކޮޓަރިކޮޅުން ފެނުނު ފިސްތޯލައިން އޭނާގެ ފިންގަ ޕްރިންޓް ފެނިފައެއް ނުވޭ——
ނާޒިމްގެ ގެއިން ފެނުނު ފިސްތޯލް: ރުޅިގަނޑެއްގެ ހަސްކާ!؟
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިރިއުޅުއްވި ގޭގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް އެ މައްސަލަ އަލުން ބެލުމަށް ފަހު ސުޕްރީމް ކޯޓުން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑަ އަޅާ ހުކުމްކޮށްފަ އެވެ.

ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި، ފިސްތޯލައިން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފަ އެވެ. އަދި މި މައްސަލާގައި އެނގިވަޑައިގަންނަވާ މައުލޫމާތު ޝަރީއަތުގައި ދެއްވާނެ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވާއިރު، ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި ނާޒިމް އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެކަމަކީ ބަޔަކު އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށެވެ.

މިހާރު އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ނާޒިމް ދަނީ މަސައްކަތްކުރައްވަމުންނެވެ.

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގެ ތެރޭގައި ޕާޓީއެއް އުފައްދަވައިގެން ނާޒިމް ކުރައްވާ މަސައްކަތައް ފާޑުވިދާޅުވަމުން ގޮސް އެންމެ ފަހުން، މި ފިސްތޯލަ ފެނުނު ހާދިސާގެ ސަފްހާ އެއްވެސް ޕީޕީއެމް ޕީއެންސީއާއި މިވަގުތު ހަވާލުވެގެންހުރި އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިސް ސަފުގައި ހުންނެވި އަބްދުރަހީމް އަބްދުﷲ ވަނީ ނިއުޅާލާފައެވެ. 

އަދުރޭ ވަނީ، އެ ފިސްތޯލަ އަކީ އޭރުގެ ރައީސްކަން ކުރެއްވި ޔާމީންްއާއި ނާޒިމް އާ ދެމެދު ޖެހުނު ހިތްހަމަ ނުޖެހުމެއްގެ ތެރެއިން ރައީސް ޔާމީންއަށް ހަމަލާދެއްވުމަށް ޕްލޭންކޮށްގެން ގެންގުޅުއްވި އެއްޗެއްގެ ގޮތުގައި ސިފަކޮށްފައެވެ. 

އެގޮތުން އޭރު ސިފައިންގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ އަރިހުގަައި ރައީސް ޔާމީން އާ ކުރިމަތިލެއްވުމަކަށް ދާން ނާޒިމް އެދުނުކަމަށް އަދުރޭ ވިދާޅުވިއެވެ. ކޮޓަރިން ފިސްތޯލަ ފެނުނީ އޭގެ ފަހުންކަމަށްވެސް ވިދާޅުވިއެވެ.  

އެކަން ހިނގައިދިޔަގޮތް ހާމަކުރަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ފުރޮޅި ނައިބު ރައީސް ވަހީދު ސަރުކާރު ހިންގެވުމާއި ހަވާލުވެ ހުވާކުރެއްވި  ދުވަހުގެ އިރުއޮއްސެން ދަނިކޮށް ރައީސް ޔާމީން އަދުރޭއަށް ގުޅުއްވި ކަމަށާއި، އެރެއިން އެރެއަށް ހޯމް މިނިސްޓަރަކާއި، ޑިފެންސް މިނިސްޓަރަކު އައްޔަންކުރައްވަން ވާނެކަމަށް ރައީސް ޑރ. ވަހީދަށް   ދެންނެވުމަށް ރައީސް ޔާމީން އެދިވަޑައިގެންކަމަށެވެ.  

ޑިފެންސް މިނިސްޓަރަކަށް ނާޒިމް އަދި ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް ޔާމީން އެދިވަޑައިގަތީ ޖަމީލް ކަމަށްވެސް ވިދާޅުވިއެވެ. 

އެއަށްފަހު އެރެއިން އެރެއަށް ދެބޭފުޅުންގެ މަގާމުގެ ހުވާކުރެވިގެންދިޔައެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ނާޒިމް ވީ ވަރަށް ނުފޫޒުގަދަ ވަޒީރަކަށްކަމުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކަން އެމަގުން ހިނގާނެކަމަށް ނާޒިމަށް ހީފުޅުކުރެއްވުނު ނަމަވެސް ރައީސް ޔާމީން އެފުރުސަތު ނާޒިމަށް ނުދެއްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތަށްވުރެ ބޮޑަށް ރައީސް އޮފީހުގައި އޭނާއަކީ ރައީސްގެ އެންމެ އިތުބާރު އޮތް މިނިސްޓަރު ކަމަށް ދެކިގެން، އެހެން މީހުންނަށް އޭނާއަކީ މާބޮޑު މީހެއްކަމަށް ހީކުރުވައިގެން ދެން އަންނަ ރިޔާސީ އިންތިހާބަކަށް ތައްޔާރުވުމުގެ މަަސައްކަތްތަކެއް ކުރައްވަމުން ގެންދެވީ," އަދުރޭ ވިދާޅުވިއެވެ.

އެފުރުސަތު ރައީސް ޔާމީން ނުދެއްވީ ކަން ފާހަގަކުރަމުން އަދުރޭ ވިދާޅުވީ، ވަޒީރުންނާއި ހަވާލުކުރެވިފައިވާ މައްސޫލިއްޔަތު އަދާކުރައްވަން ވާނީ މިނިސްޓްރީގައި ތިއްބަވައިގެން ކަމަށާއި، ރައީސް އޮފީހުގައި އަބަދު ގޮނޑިއަޅުއްވައިގެން ތިއްބެވުމަކީ އެއީ ވަޒީރުންނާއި ހަވާލުކުރެއްވި މައްސޫލިއްޔަތެއް ނޫން ކަމަށާއި އަދި އެކަން "ކުރައްވާނެ ކަމެއްނެތޭ" ރައީސް ޔާމީން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނ އާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޝުއޫރު ފާޅުކުރައްވަން ފެއްޓެވީ އެ ހިސާބުން ފެށިގެން ކަމަށެވެ. އަދި ފިސްތޯލަ ފެނިވަޑައިގަތީ އެއަށް ފަހު ކަމަށް އަދުރޭ ވިދާޅުވިއެވެ. 

"ދެން ހިނގާގެންދިޔަ ކަމަކީ މި ފިސްތޯލައިގެ މައްސަލަ. ފިސްތޯލައިގެ ކަންތަކުގައި މިވީ ގޮތަކީ މިކަން ހިނގާ ދިޔައީމާ ނާޒިމް ވަޑައިގެން ސިފައިން ގޭގެ ބައެއް އިސްބޭފުޅުން ގާތު ވިދާޅުވީ، މިކަމުގައި ރައީސާއި ކުރިމަތިލާން ގޮސްދޭށޭ. މިއީ މިކަން ހިނގާދިޔަ ގޮތް. ނާޒިމަށް އެނގިވަޑައި ނުގަތް ކަމަކީ ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަން. އޭގެތެރެއިން ބައެއް ބޭފުޅުން ބޭނުންފުޅުނުވީ އެކަން ކުރައްވަން. ބޭނުންފުޅު ނުވެގެން އެބޭފުޅުން ގޮސް ރައީސަށް ދެންނެވީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ނާޒިމްގެ ފަރާތުން ދެވަނަ ހިތްހަމަ ނުޖެހުމެއް ރައީސް ޔާމީނާ ދޭތެރޭ އެ ހިސާބުން އަނެއްކާ އުފެދުނު ކަމަށެވެ. 

މިއީ އަދުރޭ "ފިސްތޯލް" ގެ ވާހަކަ ހާމަކުރެއްވި ގޮތެވެ. ޖަޒުބާތެއްގައި ނަމަވެސް ހާމަކުރެއްވީ ނުވަތަ ވިދާޅުވީ ވަރަށް ވެސް ހައްސާސް ވާހަކަތަކެއްގެ ވާހަކައެވެ. ކުރައްވާފައިމިވަނީ ވެސް ވަރަށް "ސީރިއަސް" ތުހުމަތުތަކެކެވެ. 

ދެން އޮތް ސުވާލަކީ މިއީ މިކަން ހަމަ ހިނގައިދިޔަ ގޮތް ހެއްޔެވެ؟ ތެދު ދޮގު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތާއި ވަކީލުކޮށްލުމަށް ޝފަހު ނާޒިމްގެ ވާހަކަތަކަށް ޖެހިލާނަމެވެ.

ނާޒިމް ވަނީ ތަކުރާރުކޮށް އެއީ އޭނާ ފްރޭމް ކުރުމަށްޓަކައި ބަޔަކު ރާވައިގެން ކުރެއްވި ކަމެއްކަމަށް ވިދާޅުވެފައެވެ. މިއަދުވެސް ވިދާޅުވަމުން އެގެންދަވަނީ އެވާހަކައެވެ. 

ކޮޓަރިން ފެނުނު ނަމަވެސް އެ ފިސްތޯލައިން ނާޒިމްގެ އިގިލީގެ ނިޝާނެއްހާ ހިސާބުވެސް ފެނިފައެއް ނުވެއެވެ. ފެނުނީ އޭރު ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ، އޭރުގެ ނައިބު އަދީބުގެ އިނގިލީގެ ނިޝާނެވެ. ފްރޭމްކުރެއްވީ ކަމަށް ވިދާޅުވެވޭ އެއް ސަބަބަކީ މިއީއެވެ.

ނާޒިމްގެ އެޕާޓުމެންޓުން ފިސްލޯތަ ފެނިފައިވަނީ ނާޒިމް ފްރޭމް ކުރުމުގެ ގޮތުން އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ހިންގި ކަންތައްތަކަކާއި ގުޅިގެންކަން ސާބިތުކުރުމަށް އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން އޭރު އެދުނު ނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ނާޒިމް އާ އެއްވެސް ގުޅުމަށް ނެތް ކަމަށާއި އެ ފިސްތޯލަ އެތަނުގައި އޮތް ކަން ނާޒިމަށް އެނގިވަޑާއިނުގަންނަވާނެ ކަމަށް ސުޕްރީމް ކޯޓަށް 2017ވަނަ އަހަރު އަދީބު ހުށަހެޅުއްވި ސިޓީއެއްގަައި ބުނެފައިވާކަމަށް އޭރު އަޑުތައް ފެތުރުނުވެސް މެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް