ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޝާހިދުގެ ތަގްރީރު މިރޭ 12 ޖަހާއިރު އދ ގައި
ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދު މިރޭ 12 ޖަހާއިރު އދ މަޖިލީހުގައި ތަގްރީރު ކުރައްވާނެއެވެ.

ފުރަތަމަ އޮންނާނީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގެންނެވުމެވެ.  ޝާހިދު ތަގުރީރު ކުރައްވާނީ ތާރީހީ މި ވަގުތުކޮޅަށް ފަހު ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރެވެ. އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ހުޅުވޭނީ މާދަމާއެވެ.

އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހަފުތާގައި އެމެރިކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ ރިޔާސަތަށް ރާއްޖެ ހޮވުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. 

މިނިސްޓަރު ޝާހިދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގިނަ ގައުމުތަކެއްގެ ތާއީދާ އެކު އޭނާ އެ މަގާމަށް ހޮވިވަޑައިގަތުމަކީ ރާއްޖެ ބަލައިގެންފައިވާ މިންވަރެވެ. ޝާހިދަށް 143 ގައުމުގެ ތާއީދު ލިބިވަޑައިގަތެވެ.

ޝާހިދާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ޝާހިދު ސިފަކުރައްވާ ގޮތުގައި، މިއީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބެކެވެ.

ރައީސް ސޯލިހު ވަނީ މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ރައީސް އާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ މިނިސްޓަރ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ތަންފީޒުކޮށްދެއްވަމުން ގެންދަވާކަން ފާހަގަަކުރައްވާފައެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެފުރުޞަތު ދެއްވައި އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ.

 އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުންކަމުގައެވެ. މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް އެމަނިކުފާނު މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް