ads
މިނިވަންކުރި އަމީން----
އަމީން މިނިވަން ކުރީ ކޯޓުގެ އުސޫލާއި ހިލާފަށް: ޝަމީމް
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރު ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށް ޝަރީއަތްތައް ހިންގަމުންދިޔަ މުހައްމަދު އަމީން މިނިވަން ކުރަން ނިންމީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން ހައިކޯޓުން މިމަހުގެ 16 ވަަނަ ދުވަހު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ.

އެ ހުކުމުގައި ބުނީ އެ މައްސަލައިގައި، ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ނޮވެމްބަރު 24، 2019 ކަމަށްވާއިރު ދައުވާ ކުރީ ޑިސެމްބަރު 5، 2019ގައި ކަމަށް ހުކުމުގައިވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ ހާއްސަ ގާނޫނުތަކުގައި ދައުވާ ކުރާނެ ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވަނިކޮށް، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

""ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާން ކޮށްފައި ވަނިކޮށް އެ ޤާނޫނު ދޫކޮށް، އާންމު އިޖްރައާތުގެ ޤާނޫނަށް ރުޖޫއަވުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފްވުމެވެ" ޝަމީމް ލިޔުއްވާފައިވެ އެވެ.

ހައި ކޯޓުން ވިދާޅުވާ ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާ ނަމަ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ މ. ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހުު އެ ބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައި ވެސް ނުބެހެއްޓޭނެ ކަމަށް ކޯޓުން މާނަ ކުރުމަކީ ރަނގަޅު މާނަ ކުރުމެއް ނޫން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. 

އަމީނަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާވެސް މެއެެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ވެސް އަމީނަށް ކުރެވުނެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކޮށް، ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

އޭނާ ދޫކޮށްލަން ނިންމާ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް