ads
ޔާމީން ރަޝީދު
"އަނިޔާވެރި އަޑެއް، މިހާކު ރޯ އަޑެއް" އިވުމުން ވެސް ރިޕޯޓެއް ނުކުރޭ!
މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ޔާމީން ރަޝީދު މަރާލީ އޭނާ ގޭގެ ސިޑި ގޮޅީގައެވެ. ބަޔަކު ވަރަށް ރާވައިގެން ޔާމީނަށް ވަރަށް އަނިޔާވެރިކޮށް ހަމަލާ ދިނީ، އޭނާ ވަޒީފާ ނިންމާލާ، އެނބުރިގެއަށް އައި ވަގުތުގައެވެ.

ޔާމީންގެ މަރުގެ މައްސަލައަށް މިހާރު ވަނީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެމައްސަލާގައި ގޮތެއް ނިންމިފައި ނުވުމާއި އެމައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދާ ގޮތާއިމެދުވެސް އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. 

ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު މަރާލި މައްސަލާގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެ އެވެ. 

ދައުވާ އުފުލާފައިވާ މީހުން:

  1. މ. ތާއިފް، އިސްމާއިލް ރަޝީދު
  2. ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު
  3. މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް
  4. ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން 
  5. މ. ކުދެހިގޭ ހަސަން ޝިފާޒް
  6. މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު

މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ހައިޝަމާއި ޝިފާޒްގެ އިތުރުން ޒިހާންގެ ވަކީލް ސިއްހީ ސަބަބާ ހެދި އެދުވަހުގެ އަޑުއެހުމަށް ހާޒިރު ނުވެވުމުން އެ ތިން މީހުުންގެ ބައި އެދުވަހު ކުރިއަށް ނުގެންދިޔަ ނަމަވެސް އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެެވެ. އެ އަޑުއެހުމުގައި އެ ތިން މީހުންގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ނުދައްކައިފި ނަމަ، އިތުރު ފުރުސަތެއް އެކަމަށް ނުދެއްވަން އޮތީ ނިންމާފައެވެ. 

އެކަމަށްޓަކައި މިއަދު ބޭއްވި އަޑުއެހުމަށް މި ތިން މީހުންގެ ފަރާތުން ވަކާލާތު ކޮށްދެއްވާ ގާނޫނީ ވަކީލް އަހްމަދު ޔާމީން ވަޑައިގަންފައިވާތީ އެބައި ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ. 

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ފާހަގަ ކުރައްވަން ބޭނުންވާ ނުކުތާތައް ފާހަގަ ކޮށްދެއްވުމަށް އޮތް އެއަޑުއެހުމުގައި ވަކީލު ޔާމީން ވަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންގެ ހެކިބަސްތަކުގައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ސިއްރު ހެކިވެރިންނަށް ދިފާއުގެ ފަރާތުން ގިނަ ސުވާލުތަކެއް ހެކި ބަސް ނެގި މަރުހަލާގައި ކުރެވިގެންދިއިރު ގިނަ ސުވާލުތަކުގެ ޖަވާބު ފުރަތަމަ ދެ ސިއްރު ހެކިވެރިން ދިން ގޮތުގައި ކަންބޮޑުވުންތަކެއް ހުރި ކަން ދިފާއީ ވަކީލް ޔާމީން ފާހަގަ ކުރެއްވިއެވެ. 

ވަކީލު ޔާމީން ވިދާޅުވި ގޮތުން ބްލޮގަރު ޔާމީން މަރާލަން 2016ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ރާވަމުން ދިޔަކަން ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއަކަށް އެނގެއެވެ. އެކަމަކު އެކަން ކަމާބެހޭ ފަރާތްތަކަށް އޭނާ އަންގާފައިނުވާ ކަމަށާއި އަދި ޔާމީން މަރާލި ރޭ ވެސް އެ ސަރަހައްދުގައި އޭނާ އުޅުނު ކަން އޭނާގެ ހެކިބަހުން ހާމަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން އެރޭ އެހާދިސާ ހިނގިވަގުތު "އަނިޔާވެރި އަޑެއް، މިހާކު ރޯ އަޑެއް" އިވުނު ކަމަށް އޭނާ ހެކިބަސް ދީފައިވާކަން ބަޔާނުން ހާމަވާއިރު، އެއަޑު އިވުމުންވެސް ތަހުގީގީ އިދާރާއަކަށް އޭނާ ރިޕޯޓް ކޮށްފައި ނުވާކަމަށް ވަކީލު ޔާމީން ވިދާޅުވިއެވެ. 

ވަކީލު ޔާމީން ވިދާޅުވީ އޭނާ އެމައުލޫމާތު އިދާރާއަކާއި ހިއްސާކުރީ އެއް ފަހަރު ހަފުތާއެއް ފަހުން އަދި އަނެއް ފަހަރު ދެ ހަފުތާ ފަހުން ކަމުގައި އޭނާ ފާހަގާކުރާތީ އެ ހެކިވެރިޔާގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރި ކަަމަށެވެ.

ފުރަތަމަ ސިއްރު ހެކިވެރިޔާގެ ހެކިބަހުން ވަކީލު ފާހަގަކުރެއްވި ކަންކަން:

  1. ދިފާއުގެ ބައެއް ސުވާލުތަކަށް ޖަވާބު ދޭން އިންކާރު ކުރުން: ހެކިވެރިޔާގެ ހެކި ބަސް ދިނުމުގައި އެ ފަދަ ކަންކަން ފާހަގަ ވުމުން އެއީ އަދުލުވެރި ހެއްކެއްގެ ގޮތުގައި ބަލަން ދަތި ކަމަށް ދިފާއީ ވަކީލް ޔާމީން ވިދާޅުވިއެވެ.
  2.  ހެކިވެރިޔާގެ ބައެއް ވާހަކަތައް ހުރީ އަމިއްލަ ނަފުސާ ދެކޮޅަށް ކަން: އެފަދަ ހެއްކެއް އިސްލާމީ ޝަރީއަތެއްގައި ބަލައި ނުގަނެވޭނެ ކަމާއި، އެއީ "ފާފަވެރި ހެކި" ގޮތުގައި ދިފާއުން ސިފަކުރެއްވިއެވެ.

ދެވަނަ ސިއްރު ހެކިވެރިޔާގެ ހެކިބަހުން ވަކީލު ފާހަގަކުރެއްވި ކަންކަން:

  1. ހެކިވެރިޔާ ދިން މައުލޫމާތު ތަކުގައި ފުށޫއެރުންތަކެއް ހުރިކަން: އެގޮތުން މައުލޫމާތު ދެއްވީ އެއް ފަހަރު ހަފުތާއެއް ފަހުން އަދި އަނެއް ފަހަރު ދެ ހަފުތާ ފަހުން ކަމުގައި ފާހަގަ ކުރައްވާފައިވާތީ، އެ ހެކިވެރިޔާގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރިކަން ދިފާއުން ގަބޫލު ކުރައްވައެވެ.
  2. ތަހުގީގު ބަޔާން ބަލައިގެން ހެކި ބަސް ދިނުން: ދިފާއުން ގަބޫލު ކުރައްވާ ގޮތުގައި، ޝަރީއަތުގައި ހެކި ބަސް ދޭން ވާނީ ވަކިންނެވެ. ހަނދާން ނެތޭ ހާލަތެއް މެދުވެރިވެއްޖެނަމަ ތަހުގީގު ބަޔާން ކިޔުމަށް ފަހު ޝަރީއަތަށް ހާޒިރުވުމުގައި މައްސަލައެއް ނެތް ކަމަށާއި އެކަމަކު ތަހުގީގު ބަޔާން ބަލައިގެން ހެކި ބަސް ދިނުން ރަނގަޅު ނޫން ކަން ދިފާއުން ފާހަގަކުރެއްވިއެވެ.
  3. ސީސީޓީވީ ފުޓޭޖްގެ ވީޑިއޯގައި ފެންނަ މަންޒަރާއި ހެކިވެރިޔާގެ ވާހަކަ ދިމާނުވުން: ސިއްރު ހެކިވެރިޔާގެ ބަހަށް ހަވާލާދީ ދިފާއީ ވަކީލް ޔާމީން ވިދާޅުވި ގޮތުގައި ހެކިވެރިޔާއަށް ފެނުނީ ސައިކަލުގައި މޫނު ފޮރުވައިގެން މާސްކް އަޅައިގެން ތިބި ބަޔެކެވެ. އެއީ އެ ހެކިވެރިޔާ ދަންނަ ބަޔަކަށްވެސް ނުވާއިރު، ހެކިވެރިޔާއަށް އެ މީހުން ފާހަގަވާނެ އެއްވެސް ބުއްދީގެ ހަމައެއް ނެތް ކަމުގައި ވިދާޅުވިއެވެ. 

މި ދެ ހެކިވެރިންގެ ހެކި ބަސްތަކަށް ރިއާޔަތް ކުރާއިރު ފާހަގަ ކުރެވެނީ އެ ދެ ހެކިބަހަކީ ވެސް އުފައްދާފައި ހުރި ހެކިތަކެއް ކަމުގައި ދިފާއީ ވަކީލް ވިދާޅުވިއެވެ. އަދި އެއް ހެކިވެރިއެއްގެ ވާހަކައާއި އަނެއް ހެކވެރިޔެއްގެ ވާހަކައާ ދިމާނުވާއިރު، ކޮންމެ ހެކިވެރިޔަކު ވެސް ދެ ފަހަރު މަތިން އެކި ގޮތަށް ވާހަކަ ދެއްކުމުން އޭގައި އަސާސީ ނުވަތަ ޖައުހަރީ ފުށުއެރުންތަކެއް ހުރި ކަމެއްކަން ފާހަގަކުރެއްވިއެވެ. 

މިހުރިހާ ކަމަކަށް ބަލާއިރު ދައުލުަތުން ހުށަހެޅި އެ ސިއްރު ހެކިވެރިއާއަކީ ކުށުގެ ބައިވެރިއެއް ކަން އެ ހެކިބަހުން ހާމަވާ ކަމަށާއި އެހެންވެ، އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވަކީލު ޔާމީން ވިދާޅުވި އެވެ.

ވަކީލު ޔާމީން ވިދާޅުވި ގޮތުގައި ތަހުގީގުގައި ޔާމީންގެ ހަށިގަނޑުގެ މުހިންމު ތަހުލީލުތަކެއް ފުލުހުން ނުކޮށް، ދޫކޮށްލާފައިވެ އެވެ. އެގޮތުން ދައުވާލިބޭ ހައިޝަމްގެ ކަރުގައި ހުރި ނިޝާންތަކަކީ ހަމަލާދިން ވަގުތު އޭނާއަށް ލިބުނު އަނިޔާތަކެއް ކަމަށް ދައުލަތުން ތުހުމަތު ކުރިޔަސް، އެކަން ބެލުމަށްޓަކައި ޔާމީންގެ ނިޔަފަތި ދަށުން ސާމްޕަލް ނަގާފައިނުވާ ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ. ބޮޑު ތަހުގީގެއްގައި ފުލުހުން އެކަން ކަށަވަރު ކުރަން ތަހުލީލު ނުކުރީ ކީއްވެގެންތޯ ވަކީލު ޔާމީން ސުވާލު އުފެއްދެވި އެވެ.

ކޮންމެއަަކަސް މުޅި އަޑުއެހުމުގައިވެސް ފާހަގަކުރެވުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ސިއްރު ހެކީންގެ ހެކިބަހުގައިވެސް އަދި ފުލުހުންގެ ރިޕޯޓުގައިވެސް ސައްހަ ނޫން ކަންކަން ހުރިކަމެވެ. ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައިވެސް ވަކީލުންގެ ފަރާތުން އެކަން ފާހަގަކުރިއެވެ. 

ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާ ސްޕީޑާއި، ކުރިއަށް ގެންދާގޮތް "ކަމީނާ" ކަމުން އާއިލާގެ ޝަކުވާ އެހާ ބޮޑެވެ. ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށިގެން ހިނގި ހަތަރު އަހަރުދުވަހު އަޑުއެހުންތަކުގެ ތަޖުރިބާއަށް ބަލައިވެސް ފެންނަން އޮތީ ހަމަ "ކަމީނާ" ކަމެވެ. 

އެގޮތުން ދައުލަތުން ފޮނުވާ ވަކީލުން ބައެއްފަހަރު ކޯޓަށް ގެންދަންޖެހޭ ލިޔެކިއުން ހަނދާން ނައްތާލާފައި އެބަހުއްޓެވެ. އަނެއްބައިފަހަރު ޝަރީއަތުގެ މަޖިލިހުގައި ވަކާލާތުކުރަމުންދަނިކޮށް މައްސަލައިގެ މުހިއްމު ތާރީހުތައް ހަނދާން ނެތިގެން އުޅޭތަން ފެނުނެވެ. ވާހަކަ ދައްކަމުންދާއިރު އާގަނެގަނެފައި، އެއްވެސް ޔަގީންކަމެއްނެތް ރާގަކަށް ވާހަކަދައްކާތަން ވެސް ފެނެ އެވެ.

ޔާމީންއަށް ހަމަލާދިން މަންޒަރުތަކެއް ދައްކުވައިދޭ ސީސީޓީވީ ރެކޯޑިން ކޯޓަށް ހުށަހެޅިއިރު، ހެކި ހުށައެޅުމުގެ މަރުހަލާ ފާއިތުވެއްޖެއެވެ. މައްސަލައިގެ މިހާ ހިސާބަށް އައި އިރު މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދެ ފަހަރެއްގެ މަތިން ބަދަލުވެފަ އެވެ. ދައުލަތުން ބުނިގޮތަށް ކޯޓުން ދީފައިވާ ހުއްދައާއި ގުޅޭ ލިޔެކިއުން ހޯދަން ބެލިއިރު ދައުލަތުގެ ވަކީލުންގެ އަތުގައި އެފަދަ އެއްޗެއް އޮތްކަމަކަށް ނުވި އެވެ. އެ ކަރުދާސް ހޯދުނީ ކޯޓުގެ ފައިލްތައް ބެލުމަށް ޝަރީއަތް މެދުކަނޑާލައިގެންނެވެ. 

މިފެންވަރަށް ދައުލަތުގެ ފަރާތުން ފަރުވާކުޑަކަން ދެއްކުމަކީ މީހެއްގެ މަރުގެ މައްސަލައިގައި އިންސާފު ހޯދަން އެދޭ އޭނާގެ އާއިލާއަށް ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަން ހަމަލާގެ ޝިކާރައަކަށްވެގެން މަރުވި ޔާމީންގެ އާއިލާއިން މީގެ ކުރިންވެސް ފާހަގަކޮށްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް