ads
މިނިވަންކުރި އަމީން----
ްމާލެއިން ބޭރުވުން މަނާކޮށް އަމީންގެ މައްޗަށް "މޮނިކޮން" އަމުރެއް ނެރެފި
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރު ކަމަށް ތުހުމަތުކޮށް ޝަރީއަތްތައް ހިންގަމުންދަނިކޮށް ކްރިމިނަލް ކޯޓުން މިނިވަންކުރި މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފި އެވެ.

އޭނާގެ މައްޗަށް ނެރުނު މޮނިކޮން އަމުރުގަައި ވަނީ މާލެއިން ބޭރަށް ދިއުން މަނާކޮށްފައެވެ. އަދި އިރުއޮއްސި 18:00 އަކުން ފަތިހު 6:00އަށް ގެއިން ބޭރަަށް ނިކުތުންވެސް ވަނީ މަނާކޮށްފައެވެ.

“ސީއެންއެމް”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް މި އަމުރު ނެރެ އެ އަމުރު ހަވާލުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ގާނޫނު އޮތް ގޮތުން، މީހެއްގެ ގައިގައި އެފަދަ ޓެގެއް އެޅުވޭނީ, ހޯމް މިނިސްޓަރުގެ އެދުމަކަށް ހައި ކޯޓުން ނެރޭ އަމުރަކަށެވެ. 

މޮނިކޮން އަމުރު ރައްދުވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުވަތަ ވަކި ސަރަހައްދުތަކަކަށް ދިއުން މަނާކުރެވެ އެވެ. ފުލުހުން އަންގައިފި ނަމަ، އަމުރު ރައްދުވާ މީހާ ދިރިއުޅޭ ތަނުގައި އުޅޭ އެހެން މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މަޢުލޫމާތު ފުލުހުންނަށް ދޭން ޖެހެ އެވެ. މިނިސްޓަރުގެ ހުއްދަ ނެތި މާލޭން ބޭރަކަށް ނުދެވެ އެވެ. އެ މީހެއްގެ މާލީ އަދި މުވާސަލާތީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލް ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެ މީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭ ތަނުގައި ޓެގް ހަރު ކުރެވިދާނެ އެވެ.

އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައި މިވަނީ ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން ހައިކޯޓުން މިމަހުގެ 16 ވީ ބުރާސްފަތި ދުވަހު އޭނާ މިނިވަން ކުރުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

ހައިކޯޓުން އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ.

ހައިކޯޓުން އެދުވަހު ކުރި ހުކުމުގައި ބުނީ އެ މައްސަލައިގައި، ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ނޮވެމްބަރު 24، 2019 ކަމަށްވާއިރު ދައުވާ ކުރީ ޑިސެމްބަރު 5، 2019ގައި ކަމަށް ހުކުމުގައިވެ އެވެ.

އެކަމާއި ގުޅިގެން ދައުލަތުން ބުނީ އަމީނަށް ދައުވާ ކުރަން ޖެހޭ މުއްދަތު ބަލަން ޖެހޭނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންކަމަށާއި، އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ ނަަމަ ތަހުގީގަށް 45 ދުވަސް ލިބޭނެ ކަމަށެވެ. އަދި ދައުވާ ކުރަން 15 ދުވަސް ލިބޭ އިރު އެއަށް ވުރެ މުއްދަތު އިތުރު ވެސް ކުރެވިދާނެ ކަމަށް ދައުލުތަުން ބުނެއެވެ.

ނަމަވެސް ހައިކޯޓުން އަމީން ދޫކޮށްލަން ނިންމާ ހުކުމް ކޮށްފައިވާތީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަމީނަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާވެސް މެއެެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ވެސް އަމީނަށް ކުރެވުނެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކޮށް، ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް