ads
ދިއާ ދަރިފުޅާއިއެކު———
ދަރިފުޅު ސަލާމަތްވީ ކިރިޔާ، މިއީ ދުއާގެ ވަރުގަދަ ކަމުގެ ދިރިހުރި މިސާލެއް: ދިއާ
މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ އެކްޓްރެސް ދިއާ މިރްޒާ އާއި އޭނާގެ ފިރިމީހާ ވައިބަވް ރެކީ ރާއްޖޭގައި ހަނީ މޫން ހަދަން އައިސްފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

އެއަށްފަހު މިފަހުން ދިއާ ވަނީ އޭނާއަށް ދަރިއަކު ލިބުނުކަން އިއުލާންކޮށްފައެވެ. 

އެކަން އިއުލާންކުރަމުން ދިއާ ބުނީ އޭނާގެ ދަރިފުޅު އުފަންވެފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އޭގެ ދެމަސް ފަހުން އެކަން އިއުލާންކުރީ ދަރިފުޅުގެ ސިއްހީ ހާލަތު ރަނގަޅު ނުވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދިއާ ބުނީ ބަނޑުބޮޑުވެފަައިވަނިކޮށް އިންފެކްޝަނެއްގެ ސަބަބުން ކުރިމަތިވި ސިއްހީ ނުރައްކާތެރިކަމުގެ ސަބަބުން ދަރިފުޅު ނެގީ އެމަޖެންސީ ސިޒޭރިއެެއް ހަދައިގެން ކަމަށެވެ.

ދަރިފުޅު ނަގަންޖެހުނީ ދުވަސް ނުފުރާ ކަމުން ދަރިފުޅަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ދިޔައީ އައިސީޔޫގައި ފަރުވާދެމުން ކަމަށާއި، އެހެން ނަމަވެސް ވަރަށް އަވަހަށް ދެން ގެއަށް ގެނެވޭނެކަމަށް އުންމީދުކުރާކަމަށް ދިއާ އެދުވަހު ބުނެފައިވެެެއެވެ.

އެފަހުން އިއްޔެކުރި ޕޯސްޓެއްގައި އޭނާ ވަނީ ދަރިފުޅު އުރައިގެން ހުރި ފޮޓޯއަކާ އެކު ދަރިފުޅު ގެއަށް ގެނައިކަން އިއުލާންކޮށްފައެވެ.

ސިއްހީ ސަބަބުތަކާއި ހެދި ދަރިފުޅު ދިޔައީ މިވޭތުވި ދުވަސްތަކުގައި އައިސީޔޫގައި ޑޮކްޓަރުންގެ އެހީތެރިކަމާއިއެކު ފަރުވާ ހޯދަމުންނެވެ. މިއީ ވިހޭ ފަހުން ދަރިފުޅު ގެއަށް ގެންނަން ފުރުސަތު ލިބުުނު ފުރަތަމަ ފަހަރެވެ. 

ވިހޭތާ ހަތަރު މަސް ފަހުން ދަރިފުޅު ގެނެވުމާ އެކު ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ދިއާ ވަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ދިއާ ބުނީ އޭނާގެ ދަރިފުޅަކީ އިހްލާސްތެރިކަމާ އެކު ހިތުގެ އަޑިން ކުރާ ދުއާ އަޑުއައްސަވާ ކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ. 

ބަނޑުބޮޑުކަން އިއުލާންކުރީ އޭގެ އެއް މަސް ފަހުން ރާއްޖޭގައި ހަނީ މޫން ނިންމާލުމަށް ފަހު އެބުރި އިންޑިއާއަށް ދިޔުމަށްފަހު އެވެ. 

އެކަމާއި ގުޅިގެން ފާޑުކިޔުންތަކެއްވެސް އަމާޒުވި އެވެ. ފާޑުކިޔުންތަކާއި ގުޅިގެން ދިޔާ އޭރު ބުނީ ހަނީމޫން ނިންމާލުމަށްފަހު ބަނޑުބޮޑުކަން އިއުލާން ކުރި ނަމަވެސް އޭރުވެސް އޭނާ ބަނޑުބޮޑު ކަމަށާއި، ފޮޓޯ ހިއްސާކުރީ އޭނާ ބޭނުން ވީމަ ކަމަށެވެ. 

އަދި ބަނޑުބޮޑުކަން މީޑިއާއި ހިއްސާކުރަން ލަސްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ

ދިއާ މިރްޒާ އާއި އޭނާގެ ފިރިމީހާ ވައިބަވް ކައިވެނި ކޮށްފައިވަނީ ދިއާގެ ގޭގައި، ދެމީހުންގެ އާއިލާއާއި ގާތް ރައްޓެހިންނާއެކު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. 

މި ހަފްލާގައި މާގިނަ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ. ދިއާ އާއި ވައިބަވް އަމިއްލަ ކައިވެންޏާއި ގުޅިގެން މާބޮޑު މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް، އެދެމީހުންގެ ރަހުމަތްތެރިން ވަނީ އެ ދުވަހުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ތެރޭ ދިއާ ވަނީ އޭނާގެ ބިޒްނަސް ޕާޓްނަރު ސާހިލް ސަންގްހާ އާއި ކައިވެނިކޮށްފައެވެ. އަދި 2019 ގައި  ދިއާ ވަނީ ދެމީހުން ވަކިވިކަން ހާމަ ކޮށްފައެވެ. އެކަައިވެންޏަށް ދިއާއަށް ދަރިއަކު ލިބިފައި ނުވިނަމަވެސް އޭނާގެ ފިރިމީހާ ވައިބަވްގެ ދަރިއަކު ހުރެއެވެ.

ދެހާހުގެ ކުރީކޮޅުގެ ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ދިއާ ވަނީ 2000 ވަނަ އަހަރުގެ މިސް އިންޑިއާ މުބާރާތުގައި ބައިވެރިވެ، އެ މުބާރާތުގެ ސެކަންޑް ރަނާ-އަޕްގެ މަގާމު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ހަމަ އެއަހަރު މިސް އޭޝިއާ ޕެސިފިކް 2000ގެ ޓައިޓަލްވެސް ދިއާ ވަނީ ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން 2001ގައި ދިއާ ބޮލީވުޑަށް ތައާރަފްވީ ރެހެނާހޭ ތެރޭ ދިލްމޭ އިންނެވެ. 

0%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް