ads
ގައުމީ ޓީމުގެ ކޯޗު ސުޒޭން
ކޮވިޑުން ފަސޭހަވެ ސުޒޭން ގަތަރަށް
ކޮވިޑުން ފަސޭހަވެ ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން، ގައުމީ ޓީމާ ގުޅެން ގަތަރަށް ފުރައިފިއެވެ. ސުޒޭން ގަތަރަށް ފުރީ ހޯމަ ދުވަހުގެ ރޭއެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވްވީ މީގެ ދެހަފުތާއެއްހާ ދުވަސް ކުރިންނެވެ. ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު ސުޒޭންވަނީ ޓީމުން އެކަހެރިވެފައެވެ. އޭގެ ފަހުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހްފޫޒުގެ ބެލުމުގެ ދަށުންނެވެ. ގައުމީ ޓީމު ގަތަރުގައި ކޭމްޕު ކުރިއިރުވެސް ސުޒެއިން ހުރީ މާލޭގައެވެ. 

އަންނަ މަހު އެއްވަނަ ދުވަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމަށް އިރުޝާދު ދިނުމަށް ސުޒޭނާ ހަވާލުކުރީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްގެ މާޓިން ކޫޕްމަން މަގާމުންވަކިކުރުމަށް ފަހު ވަގުތީ ގޮތުންނެވެ. ސުޒޭނުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭ ފުރަތަަމަ ރަސްމީ މެޗަކަށް ވެގެންދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދިވެހިރާއްޖެއާ ނޭޕާލު ވާދަކުރާ މެޗެވެ. 

އަންނަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ފަށާ، ސާފް ޗެމްޕިއަންޝިޕަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސޯޅަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިފަހަރު ވާދަކުރަނީ ރާއްޖެ ހިމެނޭ ގޮތުން ފަސް ގައުމެކެވެ. އެއީ އިންޑިޔާ، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ.  މި ފަހަރުގެ މުބާރާތުގައި ޕާކިސްތާނާ ބޫޓާން ވާދަނުކުރެއެވެ. ޕާކިސްތާނު ފީފާއިން ސަސްޕެންޑްކޮށްފައިވާއިރު، ބޫޓާން ބައިވެރިނުވަނީ ކޮވިޑާ ހެދި ދަތުރުފަތުރުކުރުމުގެ ހުރި އުނދަގޫތަކުގެ ސަބަބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް