ads
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
ބަޔާން ހުށަހަޅަންޖެހޭ ގިނަފަރާތްތަކަކުން އަދިވެސް ބަޔާން ހުށަހަޅައިފައި ނުވޭ: މީރާ
ޓެކްސް ދެއްކުމުގެ އެންމެ މުހިންމު އެއް ސުންގަޑިކަމުގައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ވަނީ 31 އޮގަސްޓު 2021 ގެ ނިޔަލަށް ހަމަވެފައި ކަމަށާއި، ނަމަވެސް، މި ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން މި ބަޔާން ހުށަހަޅައިފައި ނުވާކަމަށް މީރާއިން ބުނެފިއެވެ.

މިގޮތުން، ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނޭކަމަށް މީރާއިން ފާހަގަކުރެއެވެ.

މިގޮތުން ފަރުދަކަށް އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުންނެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި އާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސަރވިސް ފީ، ކޮމިޝަން، ކުލި، ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ ހިމެނެއެވެ. އެހެންނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންކަމަށްވާތީ، 2020 ވަނަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ 1 އެޕްރީލް 2020 އިން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލައެވެ. މިގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނައެވެ.

ފަރުދުންގެ ތެރެއިން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ. އެހެން ނަމަވެސް، އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅާކަށް ލާޒިމެއްނޫނެވެ. ޑީމްޑް ޕާޓްނަރޝިޕް ތަކުން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމައެވެ.  އެހެން ނަމަވެސް، ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއްނެތި 2020 އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ. 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މިރާގެ ވެބްސައިޓްއިން ބަލައިލެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ޓެކުހަކީ، ކުރިން ބީ.ޕީ.ޓީ ނިޒާމުގެ ދަށުން ވެސް ޢަމަލުކުރަމުންދިޔަ ގޮތަށް، އަހަރަކަށް ދެ އިންޓެރިމް އަދި އެއް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެކެވެ. މިގޮތުން، ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ޓެކްސް އަހަރުގެ 31 ޖުލައި އަދި ދެވަނަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 31 ޖަނަވަރީއެވެ. އަދި، އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ ޓެކްސް އަހަރުގެ 30 ޖޫންއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން، މީރާއިން ވަނީ 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 31 އޮގަސްޓު 2021 އަށް ފަސްކޮށްދީފައެވެ. އަދި، 2021 ވަނަ އަހަރަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ 30 ސެޕްޓެންބަރު 2021 އަށް ފަސްކޮށްދީފައެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވި ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައިވެއެވެ. މީރާއިން އަބަދުވެސް ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މާފުކޮށްދިނުމާއި، ޓެކްސް ދައްކަންޖެހޭ މިންވަރު އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް