ads
މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ——
ފައުޒިއްޔާއާއި، މަރިޔަމްގެ ތަހުގީގަށް ސީބީއައިގެ ޓީމެއް ރާއްޖެ އަންނަނީ!
ކުރީގެ ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން އާއި، އޭނާގެ ރަހުމަތްތެރިޔާ މަރިޔަމް ރަޝީދާ އިންޑިޔާގެ ކެރަލާ ސްޓޭޓުން ހައްޔަރުކޮށް ނުހައްގުން އިންޑިއާގެ ޖަލަށްލީ މައްސަލައިގައި ތަހުގީގަށް އެގައުމުގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ޓީމެއް ރާއްޖެ އަންނަން ނިންމައިފި އެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ 1994 ވަނަ އަހަރު އިންޑިއާއިން ހައްޔަރު ކޮށްފައި ވަނީ އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަނަން ޖާސޫސުކޮށް، ދިވެހި ސަރުކާރު މެދުވެރި ކޮށްގެން ޕާކިސްތާނަށް އެ މައުލޫމާތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ މިނިވަންވީ އޭގެ ތިން އަހަރު ފަހުންނެވެ. އަދި އެކަމުގެ ސަބަބުން ލިބުނު އަނިޔާއަށް އޭގެ 30 އަހަރު ފަހުން، މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު އެމީހުންނަށް އިންޑިއާއިން ވަނީ ބަދަލުދޭންވެސް ނިންމާފައެވެ.

އެމީހުން ދޫކޮށްލާފައި ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރި ތަހުގީގުން، އެއީ ކެރަލާ ފުލުހުން އަމިއްލަ އަށް އުފައްދައިގެން އުޅުނު މައްސަލައެއް ކަން ހާމަ ވުމާއި ގުޅިގެންނެވެ.  އަދި މި މައްސަލަ ބެލުމަށްފަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގައި ކެރެލާ ފުލުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް އަންގާފައެވެ.

ސީބީއައިިގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ސީބީއައި އިން ރާއްޖެ އަންނަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށެވެ. އަދި މިހާރު ސްރީލަންކާގައި ދިރިއުޅޭ ފައުޒިއްޔާގެ ބަޔާން ނެގުމަށް ސީބީއައި އިން މަސައްކަތް ކުރާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.

އިންޑިއާގެ ޖަލަށް ލި މައްސަލާގައި ފައުޒިއްޔާ އިންޑިޔާގެ ނޫހަކަށް ދިން މައުލޫމާތުގައި ވާގޮތުން، މިހާދިސާގައި ފުލުހުންގެ ތަހުގީގުގައި އެތައް ކަމަކަށް އެއްބަސްވުމަށް އޭނާއަށް ބިރުދައްކައިފައިވެއެވެ. އެގޮތުން އޭނާގެ 14 އަހަރުގެ ދަރިފުޅު ގެންގޮސް ރޭޕް ކުރާނެކަމަށްބުނެ ބިރުދެއްކިކަމަށްވެސްވެއެވެ. އަދި އެމީހުން ދޫކޮށްލުމުން ކެރަލާގެ ފުލުހުންނާއި ދެކޮޅަށް ދައުވާކުރުމުން، ދައުވާ އަނބުރާ ގެންދިއުމަށް އާއިލާގެ މީހުންނަށްވެސް ބިރުދެއްކިކަމަށް ފައުޒިއްޔާ ބުނެފައިވެއެވެ.

ކެރެލާ ފުލުހުން ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ ހައްޔަރުކޮށްގެން ތަފާތު އަނިޔާތައް ދީފައިވާއިރު އެމީހުން މިނިވަން ކުރުމަށް ދިވެހި ސަރުކާރުން މާބޮޑު މަސައްކަތްތަކެއް ނުކުރާކަމުގެ ތުހުމަތުވެސް އޭރުކޮށްފައި ވެއެވެ.
 
މިކަމާބެހޭގޮތުން އިންޑިޔާގެ ނޫހަކަށް މަރިޔަމް ރަޝީދާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ރަޝީދާ އަދި ފައުޒިއްޔާ އޭރު ޓްރިވެންޑްރަމްގައި ތިބި ހޮޓަލުގެ ކޮޓަރިއަށް ފުލުހުންގެ މީހަކު އައިސް ފައުޒިއްޔާ ބޭރުކޮށް، ރަޝީދާ ގައިގައި ބައްދާލުމަށް ލެފިލުމުން، ފުލުސް މީހާ ކޮށްޕައި އޭނާގެ ކޯމަތީގައި ޖެހީއެވެ. މިއާއެކު، އޭނާގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވައި ޖަލަށްލީކަމަށް ބުނެފައިވެއެވެ.
މަރިޔަމް ރަޝީދާ ބުނާގޮތުންނަމަ އޭނާ ކެރަލާ ގެ ފުލުހުންނާ ބައްދަލު ކުރީ، ރާއްޖެއަށް ފުރަން އޮތް މުއްދަތުގައި ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރެމުންދާތީވެ ރާއްޖެ އަނބުރާ ދެވެން ނެތްކަމަށް ބުނެ އެހީ ހޯދުމަށެވެ. މިއާއެކު އޭނާގެ ޕާސްޕޯޓުވެސް ހިފެހެއްޓިކަމަށްވެއެވެ.
މީގެއިތުރުން، މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާއަކީ ޕާކިސްތާނުގެ އައިއެސްއައިއަށް މައުލޫމާތު ހޯދަދިނުމަށް ޖާސޫސު ކުރަން ރާއްޖެއިން އިންޑިޔާއަށް، ފޮނުވި ދެއަންހެނުންކަމަށް ބުނެފައިވާ ބަޔާނެއްގައި ސޮއި ކުރުވަން މަސައްކަތްކުރި ކަމަށްވެސް ވެއެވެ. މިއާއެކު ފުލުހުންގެ ބަހަށް ހުރިހާ މީޑިޔާއަކުންވެސް ހެއްލި، އެދެމީހުންގެ އަޑުއަހައި އެހީތެރިވާނެ އެކަކުވެސް ނުވިކަމަށް މަރިޔަމް ރަޝީދާ ބުނެފައި ވެއެވެ.

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް