ads
އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް- ފޮޓޯ: ސީއެންއެމް
"ކަރިޝްމާ" ކިޔާތީ ޕާޓީ އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދައެއް ނުދިން
"ކަރިޝްމާ ޕާޓީ މޯލްޑިވްސް"(ކޭޕީއެމް)ގެ ނަމުގައި އަލަށް އުފައްދަން ހުށަހެޅި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަން(އީސީ)އިން ނިންމައިފި އެވެ.

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މ.ކެލަން، މުހައްމަދު އިސްމާއީލް އެވެ. 

އެ ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމައި އެކަން ހާމަކޮށް ބުނީ، އެ ފަރާތުން ހުށަހަޅާފައިވާ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫން ކަމަށެވެ. އެ ޕާޓީ އުފެއްދުމަށް ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ވެސް ފުރިހަމަނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

އެހެންކަމުން އެ ޕާޓީ އުފައްދަން ހުއްދަ ނުދެވޭނެކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްގެން ހިންގާ ޕާޓީތަކުގެ އަދަދަކީ 10 އެކެވެ. އެންމެ ފަހުން ރެޖިސްޓްޓަ ކޮށްފައިވާ ޕާޓީއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އެވެ. އެ ޕާޓީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒްއާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު އާއި ގުޅިގެން އުފައްދާފައިވާ ޕާޓީއެކެވެ.

އެމްއެންޕީ ހެދުމަށް އީސީއަށް ފޯމު ހުށަހަޅާފައިވަނީ ޕާޓީގެ މަސްއޫލުވެރިއެއް ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމްއެވެ. ޕާޓީ ހިންގުމަށް ހުއްދަދީފައިވަނީ، ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

 


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް