ޖޫން 23, 2020, ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ : ރައީސް އޮފީސް
މަސްދަރު ހާމަކުރަން މަޖުބޫރުކުރުމަކީ ކޮރަޕްޝަން ހުއްޓުވަން ހުރަސް އެޅޭނެ ކަމެއް: އެޑިޓާސް
Share
ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ސަބަބުން ކޮރަޕްޝަނާއި ފަސާދައާއި އެނޫންވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހޭނެތީ އެކަމުގެ ކަންބޮޑުވުން މީޑިއާތަކުގެ އެޑިޓަރުންގެ ޖަމިއްޔާ، އެޑިޓާސް ގިލްޑުން ފާޅުކޮށްފި އެވެ.
Advertisement

މިހާރު ރާއްޖޭގައި އޮތް ހެއްކާބެހޭ ގާނޫނަށް، ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ސަރުކާރުން ހުށަހަޅާފައި އިސްލާހާ ގުޅިގެން އެ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ ދާދި ފަހުން ހެދި ވިސްލްބޮލޯވާ ގާނޫނުގެ މަފްހޫމަކީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވާއިރު، އެއާ ދިމާ އިދިކޮޅަށް ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ނުވަތަ ސަރުކާރުގެ އިންޓެންޝަކީ ކޮބައިކަން ސާފު ނުވާ ކަމަށެވެ. 

އެހެންކަމުން ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ. 

އެ ޖަމިއްޔާއިން ބުނީ ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތް އިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް މުތުލަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދިމިޤްރާތީ ވެށީގެ ޅަ ކަމާއި، ފަނޑިޔާރު ގެތަކަށް އެކި ނުފޫޒު އޮންނަ ކަމަށް ތުހުމަތު ކުރެވޭ މާހައުލެއްގައި، ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އިސްލާހު ކުރުމުގެ ނަތީޖައަކަށް ވާނީ މިނިވަން ނޫސްވެރިކަން ނެތިދިއުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

މީގެ އިތުރުން ބައިނަލްއަގުވާމީ ހަމަތަކާއި އާންމު ގަބޫލު ކުރުންތަކުގައިވެސް މަސްދަރު ނުވަތަ ސޯސް ހާމަ ކުރުމަކީ ދިމިޤްރާތީ ވެށީގައި އަމަލު ކުރާ ގޮތް ކަމަށް ނުވާއިރު މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވުމުގެ ނަތީޖައަކަށް ވާނީ، ކޮރަޕްޝަނާއި ފަސާދައާއި އެނޫންވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހި ބިރުވެރިކަމެއްގެ ތެރެއަށް ދިއުން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގެ 136 މާއްދާގެ (ހ) ގައި އޮތް ގޮތުން މީހަަކަށް ވެދާނެ ގެއްލުމަކަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް މަޖުބޫރުކުރެވިދާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް