ads
އިންޑިޔާގެ ކެޕްޓަން ސުނީލް ޗެތްރީ
ސާފަށް އިންޑިޔާއިން ވަރުގަދަ ޓީމެއް އިއުލާންކޮށްފި
އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް، އިންޑިޔާއިން ވަރުގަދަ ޓީމެއް އިއުލާންކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބެންގަލޫރު މަގުން އިންޑިޔާ ޓީމު މާލެ އަންނާނީ އަންގާރަ ދުވަހުއެވެ.

އާއްމުކޮށް މިފަހަކުން ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ފޮނުވަނީ ޒުވާން އުމުރުފުރައިގެ ޓީމުތަކެވެ. އެހެންނަމަވެސް އިންޑިޔާއިންވަނީ މިއަހަރުގެ ސާފު ޗެމްޕިއަންޝިޕަށް އެ ގައުމުގެ ސީނިއަރ ޓީމު ފޮނުވަން ނިންމާފައެވެ.

އިންޑިޔާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސާފް ޗެމްޕިއަންޝިޕަށް މި ފަހަރު ސީނިއަރ ޓީމު ފޮނުވުމުގެ އެއްމެ ބޮޑު ބޭނުމަކީ، ކޮވިޑާ ހެދި ގިނަ ދުވަސްތަކަކަށް ފުޓްބޯޅަ މެދު ކެނޑިފައި އޮތުމާއި އެކު އަލުން ފަށައިގެން އަންނަ އިރު އަންނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ކުރިން ގިނަ މެޗުތަކެއް ސީނިއަރ ޓީމަށް ހޯދައިދިނުމެވެ. 

އިންޑިޔާއިން މަސައްކަތް ކުރަމުން އަންނަނީ ދެހާސްތޭވީސްވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕުގެ ފައިނަލް ބުރުން ފުރުސަތު ހޯދާށެވެ. މިހާތަނަށް ދެކުނު އޭޝިޔާ ސަރަހައްދުން އޭޝިއަން ކަޕަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމަކީވެސް އިންޑިޔާއެވެ. އިންޑިޔާއިން ދެކޭ ގޮތުގައި ސާފު ޗެމްޕިއަންޝިޕުގެ މެޗުތަކަކީ އެ ގައުމުން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ލިބޭ ޕްރެކްޓިސް މެޗުތަކެކެވެ.

އިންޑިޔާ ޓީމުގެ ކުޅުންތެރިން މާދަމާ ބެންގަލޫރަށް ދިޔުމަށް ފަހު މާލެ އަންނާނީ ބެންގަލޫރުންނެވެ. މި ވަގުތު ގައުމީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަމުން އަންނަނީ އެ ކުޅުންތެރިއަކު ނިސްބަތްވާ ކްލަބަކާއެކުއެވެ. އިންޑިޔާއިން އަންގާރަ ދުވަހު މާލެ އަންނަ ސްކޮޑުގައި ދާދި ފަހު މާލޭގައި އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީއާ އޭޓީކޭ މޯހަން ބަގާނަށް ކުޅުނު ނުވަ ކުޅުންތެރިއަކު ހިމެނެއެވެ. އިންޑިޔާއިން ސާފަށް އަންނަ ޓީމުގެ ކެޕްޓަނަކީ، އިންޑިޔާގެ ސީނިއަރ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް