ads
މިނިވަންކުރި އަމީން----
އަމީންގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން ހައިކޯޓުން މިމަހުގެ 16 ވަަނަ ދުވަހު އަމީން ދޫކޮށްލާފައިވަނީ ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށްފަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހައިކޯޓުގެ ހުކުމުގައި ބުނީ އެ މައްސަލައިގައި، ޖިނާއީ އާންމު އިޖުރާއަތުގެ ދަށުން އަމީން ބަންދު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އޭނާއަށް ދައުވާ ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ނޮވެމްބަރު 24، 2019 ކަމަށްވާއިރު ދައުވާ ކުރީ ޑިސެމްބަރު 5، 2019ގައި ކަމަށް ހުކުމުގައިވެ އެވެ.

އޭނާ ދޫކޮށްލަން ނިންމާ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެދުވަހުވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ސްޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އަމީން މިނިވަންކުރި ހުކުމް އިސްތިއުނާފު ކޮށްފައިމިވަނީ އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ވެސް ނެރެފައިވަނިކޮށެވެ. 

އޭނާގެ މައްޗަށް ނެރުނު މޮނިކޮން އަމުރުގަައި ވަނީ މާލެއިން ބޭރަށް ދިއުން މަނާކޮށްފައެވެ. އަދި އިރުއޮއްސި 18:00 އަކުން ފަތިހު 6:00އަށް ގެއިން ބޭރަަށް ނިކުތުންވެސް ވަނީ މަނާކޮށްފައެވެ.

ގާނޫނު އޮތް ގޮތުން، މީހެއްގެ ގައިގައި އެފަދަ ޓެގެއް އެޅުވޭނީ, ހޯމް މިނިސްޓަރުގެ އެދުމަކަށް ހައި ކޯޓުން ނެރޭ އަމުރަކަށެވެ. 

އޭނާ މިނިވަން ކުރުމާއި ގުޅިގެން ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ ހާއްސަ ގާނޫނުތަކުގައި ދައުވާ ކުރާނެ ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވަނިކޮށް، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

"ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާން ކޮށްފައި ވަނިކޮށް އެ ޤާނޫނު ދޫކޮށް، އާންމު އިޖްރައާތުގެ ޤާނޫނަށް ރުޖޫއަވުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަކާ ހިލާފްވުމެވެ" ޝަމީމް ލިޔުއްވާފައިވެ އެވެ.

ހައި ކޯޓުން ބުނާ  ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާ ނަމަ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ މ. ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހުު އެ ބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައި ވެސް ނުބެހެއްޓޭނެ ކަމަށް ކޯޓުން މާނަ ކުރުމަކީ ރަނގަޅު މާނަ ކުރުމެއް ނޫން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. 

އަމީނަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާވެސް މެއެެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ވެސް އަމީނަށް ކުރެވުނެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.

އޭގެ ފަހުން އޭނާ ހައްޔަރުކޮށް، ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

އަމީީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތު ކަމަށް ވިޔަސް، އޭނާ ބަންދުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ އޭނާއަށް ދައުވާ ކުރަންޖެހޭނީ ވެސް އެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެވެ. އެކަމަކު ދައުލަތުން އަމީނަށް ދައުވާކުރީ އެ މުއްދަތު ހަމަވިފަހުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެ މައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސަައިން ޝަމީމް ވިދާޅުވެފައިވަނީ ހައި ކޯޓުން އެ މައްސަލައިގައި ގާނޫނު މާނަކުރީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އެ ނިންމުމާ އެކު، އަމީން މިނިވަންވެފައި ވަނިކޮށް އޭނާގެ މައްޗަށް ހައި ކޯޓުން ދާދިފަހުން ވަނީ މޮނިކޮން އަމުރެއް ނެރެފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރުނު އެ އަމުރުގެ ދަށުން، މާލެއިން ބޭރަށް ދިއުމާއި އަދި ވަކި ވަގުތެއްގައި ގެއިން ބޭރުގައި އުޅުން އަމީިނަށް ވަނީ މަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް