ads
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)
އަޑުބަރޭ ޖަލަށްލާން ދެވަނަ ފަހަރަށް އެދުމުންވެސް ކޯޓުން އެކަމެއް ނުކުރި!
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެބުރި އަންނާނެކަމުގެ ޔަގީންކަންދީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅައިދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް ކްރިމިނަލް ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަދޭން އެދި ޕީޖީ އޮފީހުން ހައިކޯޓުގައި އެދުނު މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒު ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ އަޑުބަރޭ އާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލާފައި ހުންނަ ހުރުމާއިމެދު އެވެ. 

ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޕީީޖީ އޮފީހުން އެދިފައި އޮތުމުގެ ސަބަބުން އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެން ހައި ކޯޓުން އިއްވި ހުކުމުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ބުނެފައިވަނީ އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން އެދުމަށްވުރެ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުވާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.

އަޑުބަރޭއަށް ފިޔަވަޅު އެޅެން ނެތް ކަމަށް ދަށު ކޯޓުން ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ދައުލަތުން ދަށު ކޯޓަށް އޭރު އަންގާފައިވާތީ އެ ކޯޓުން އެ މައްސަލައާ ގުޅޭ ލިޔުންތައްވެސް ދައުލަތާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާކަމަށް ބުނެ ފަނޑިޔާރި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖާމިނުވުމަކީ ގާނޫނީ ގޮތުން ސީރިއަސް ނަތީޖާއެއް ހާސިލުކޮށްދޭ ޖާމިނުވުމެއް ކަމަށާއި އެހެންކަމުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަން ކަށަވަރުކުރުމަކީ ޖާމިނުވި ފަރާތްކަމުގައިވާ އަޑުބަރޭގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން ނުކުރެވޭނެމަ ނަތީޖާއަަކަށް ވާނީ ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް އޭނާ މިނިވަންކަމާއެކު އުޅެވުން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެއެވެެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި, ހައި ކޯޓުން އެ ހުކުމް ކުރި ދުވަހާ ޖެހިގެން އައި ދުވަހު އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.  ދައުލަތުން އެދުނީ ކުރިން ވެސް އެދުނު ގޮތަށް އެއް އަހަރު ދުވަހުގެ ޖަލު އަދަބެއް އަންނަ ގޮތަށް އަޑުބަރޭއަށް ފިޔަވަޅު އަޅައިދިނުމަށެވެ. ނަމަވެސް, އެއީ ކުރިން ވެސް ގޮތް ނިންމާފައިވާ ކަމެއް ކަމަށް ވިދާޅުވެ, ގާޒީ ހަސަން ސައީދު ނިންމެވީ އަޑުބަރޭއަށް ފިޔަވަޅު ނޭޅުމަށެވެ.

އަޑުބަރޭއަށް ފިޔަވަޅު ނާޅަން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރާކަމަށް ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވި ކަންބޮޑުވުމާއި ބެހޭ ގޮތުން ޕީޖީ އޮފީހުން ބުނީ އެ ނިންމުން އިސްތިއުނާފު ނުކުރަނީ ކްރިމިނަލް ކޯޓުން ދިން ލިޔުން އޮތީ އިސްތިއުނާފު ކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ނުދެކޭތީ ކަމަށެވެ.

އަލީ ވަހީދަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ ހަތް ދައުވާއެކެވެ. އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ ލަންޑަނަށް ވަޑައިގެންފައިއެވެ. އޭނާ ލަންޑަނަށް ވަޑައިގަތީ ކޯޓުން އެހުއްދަ ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޒިންމާވާ ގޮތަށް، ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެއަށް އައިސްފައެއް ނުވެއެވެ. އަދި އަޑުބަރޭ ދިން ޔަގީންކަމާއިއެކު ވެސް ފަހުން ބުނެފައިވަނީ އަލީ ވަހީދު ހުންނެވި ތަނެއް އެގިވަޑައި ނުގަންނަވާ ކަމަށެވެ. 

އެ އިގުރާރާ ހިލާފުވެ އަލީ ވަހީދު ގެނައުމުގެ ޒިންމާއިން އަޑުބަރޭ ތަަދައްހަލުވި މައްސަލައިގައި އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރުމަށް އެދި ޕީޖީ އޮފީހުން ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުން އަޑުބަރޭއާއި މެދު ފިޔަވަޅެއް އަޅައިދެވެން ނެތް ކަމަށް ނިންމިއެވެ. އެޔަށްފަހު އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނި ނަމަވެސް އެމައްސަލަ މިހާތަނަށް އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެއެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ކަމުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު، މި ގާނޫނުގައިވާ އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

ޖާމިނުވުމުގެ އިގުރާރާ ހިލާފު ވެއްޖެ ނަމަ. އެމީހަކަށް ދެވޭނެ ހަތަރު އަދަބެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ؛

  • އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން،
  • ދެއަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން،
  • 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، އަދި
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ.

މި އަދަބުތަކުގެ ތެރެއިން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި އެދިފައިވަނީ އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރުވެސް އެ ހުކުމް އިއްވުމަށް އިއްކާރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް