ads
ބޭފުޅުންތަކެއް ފަނޑިޔާރު ކަމުގެ ހުވާ ކުރައްވަނީ، ފޮޓޯ ؛ މިހާރު
ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި
ފަނޑިޔާރުންގެ ނިންމުންތަކާއި މެދު ނުރަނގަޅު ތަޞައްވަރެއް އުފެދޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެއްކުމަކީ، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށާއި، އެފަދައިން އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން އިލްތިމާސްކޮށްފި އެވެ.

މިކަމަށް އިލްތިމާސްކޮށްފައިވަނީ އެ ޖަމްޢިއްޔާއިން ނެރުނު ނޫސްބަޔާނެއްގައެވެ.

"އެހެން ރައްޔިތުންނެކޭ އެއްފަދައިން ފަނޑިޔާރުންނަކީވެސް މުޖުތަމަޢު ތެރޭގައި ދިރިއުޅޭ ބަޔަކަށް ވެފައި، ފަނޑިޔާރަކު ނިންމާ މައްސަލަތަކާއި ގުޅިގެން އެ ފަނޑިޔާރަކާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަ، ސޯޝަލް މީޑިޔާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުންގެ މަސައްކަތާއި މެދު ސުވާލު އުފައްދައި، ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ، ޢަދުލް އިންސާފުގެ ދާއިރާ އާއި މެދު ނުރަނގަޅު ތަސައްވަރެއް އުފެދި ޝަރުޢީ ދާއިރާ ހަރުދަނާކޮށް، އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވެ، ފަނޑިޔާރުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރައި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންވެ ތިބެ، ނިޔާ ކަނޑައެޅުމަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމުގައި ޤަބޫލުކުރެވެ އެވެ." ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، އުއްތަމަ ފަނޑިޔާރު، އަޙުމަދު މުޢުތަޞިމް އަދުނާންގެ ގެކޮޅަށް މީހަކު ވަތް މައްސަލައިގައި ހުރި ކަންބޮޑުވުން ތަކާއި އެކު އެކަން ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފަ އެވެ. 

މައްސަލަ ހުށަހަޅުއްވަމުން މޫސާ ސިރާޖު ވިދާޅުވީ، 6 މެއި ގެ ހާދިސާވެސް ހިނގަން އެންމެ ބޮޑަށް ދިމާވި އެއްކަމަކީ، މިފަދަ ކަންކަން ވަރަށް ލުއިކޮށް ނެގުމުގެ ސަބަބުން ކަމަށާއި، އެކަން ނުނިމި އުޅެނިކޮށް ދަޢުލަތުގެ އަނެއް ބާރުގެ ވެރިޔާ ހުންނަވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވެފައިވާތީ މިކަން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މި މައްސަލަ މި ހުށަހެޅީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެންމެންވެސް ވަރަށް ކަންބޮޑުވި މައްސަލައެއް މީ، ޓެރެރިޒަމްގެ ހަމަލާތައް ދިނުމާއި، އަދި ހާއްޞަކޮށް، ދަޢުލަތުގެ ވެރިންގެ ސެކިއުރިޓީއަށް އައިސްފައި ހުރި ބްރީޗްތަކާއި މެދު. 6 މެއި ގައި ދެވުނު ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަރަށް އިސްކަމެއް ދީގެން، ޓޫ ފޯ ވަން ކޮމެޓީން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން، ބޮޑު ރިޕޯޓެއް ތައްޔާރު ކުރީ. އޭގަ ހުރި ކަންކަމަށް ބަލާއިރު، 6 މެއިގެ ހާދިސާ ހިނގަން އެންމެ ބޮޑަށް ދިމާވި އެއްކަމަކީ، މިފަދަ ކަންކަން ވަރަށް ލުއިކޮށް ނެގުމުގެ ސަބަބުން" މޫސާ ސިރާޖު ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަޞީމް ވިދާޅުވީ، ދަޢުލަތުގެ އެއް ބާރުގެ ވެރިއެއްގެ ސެކިއުރިޓީ މިފަދައިން ބްރީޗް ވުމަކީ، މުޅި ދައުލަތް މިކަމަށް ސަމާލުވެ، މުޅި ދައުލަތުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ކަމަށެވެ.

"މީގެ އެންމެ ފަސް މަސް ދުވަސް ކުރިން، ދައުލަތުގެ އެއްބާރުގެ އެންމެ އިސްވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ނެތިކޮށްލެވޭނެ ފަދަ ބޮޑު ހަމަލާއެއް ދެވިފައިވަނިކޮށް، ދައުލަތުގެ އަނެއް ބާރުގެ ވެރިއެއްގެ ސެކިއުރިޓީ މިފަދައިން ބްރީޗް ވުމަކީ، މުޅި ދައުލަތް މިކަމަށް ސަމާލުވެ، މުޅި ދައުލަތުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން." މީކާއީލް ވިދާޅުވިއެވެ.

މި މަޢުޟޫގައި، މެމްބަރު އިމްތިޔާޒު ފަޙުމީވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އިންތި ވިދާޅުވީ، ވަރަށް އާދައިގެ ގޮތަކަށް މިކަން ހިނގާފައިވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި، މިކަމާއި ގުޅޭގޮތުން، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ދެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް